English Edition
Dhivehi Edition
އައްޑޫ ސިޓީ ހިތަދޫ - ފޮޓޯ: ޕީއެސްއެމް ނިއުސް

ކޮވިޑް-19 އާއި ގުޅިގެން މޮނިޓަރިންގގެ ޙާލަތަށް ގެނެސްފައިވާ އައްޑޫ ސިޓީ ހިތަދޫގެ މޮނިޓަރިންގގެ ޙާލަތު އުވާލައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރ، ޢަބްދުﷲ ޞާދިޤަށް ފޮނުވި ލިޔުމުގައި ބުނެފައި ވަނީ މިއަދު ހެނދުނު 11:26 އިން ފެށިގެން އައްޑޫ ސިޓީ ހިތަދޫގެ މޮނިޓަރިންގ އުވާލާފައިވާ ކަމަށެވެ. އަދި މޮނިޓަރިންގ އުވާލެވޭ ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައި ވަނީ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ޢާއްމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ ދަށުން ބަލަން ކަނޑައެޅުނު ކަންކަން ބެލުމުން، މޮނިޓަރިންގ ޙާލަތު އިތުރަށް ދަމަހައްޓަން ޖެހޭ ސަބަބެއް މިވަގުތު ނެތް ކަމަށްވާތީ ކަމަށެވެ.

އައްޑޫ ސިޓީ ހިތަދޫން ބިދޭސީއަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން އިއްޔެ ހެނދުނުން ފެށިގެން އެ އަވަށް ވަނީ މޮނިޓަރިންގގެ ޙާލަތަށް ގެނެސްފައެވެ. އެގޮތުން ހިތަދޫ އަށް މީހުން އަރައި ފޭބުންވެސް މަނާކުރިއިރު، މޮނިޓަރިންގގެ ޙާލަތު އުވާލުމާއި ގުޅިގެން މިހާރު އެ އަވަށް ވަނީ އަނެއްކާވެސް އާންމުކޮށް ހުޅުވާލައިފަ އެވެ.

ހިތަދޫން އިއްޔެ ބިދޭސީއަކު ޕޮޒިޓިވްވެފައިވާއިރު، ފޭދޫގައި ހޯމް ކަރަންޓީނުގައި ހުރި ފުލުހަކުވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އަދި ހިތަދޫގައި ހޯމް ކަރަންޓީނުގައި ހުރި އިތުރު މީހަކުވެސް ވަނީ ރޭ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. އެއީ އުމުރުން 58 އަހަރުގެ ދިވެހި އަންހެނެކެވެ.

އެކަމާއި ގުޅިގެން “އޭއޯ ނިއުސް” އަށް މައުލޫމަތު ދެއްވަމުން އޭއީއެޗްގެ މެނޭޖަރ، ޝަރަފް ސާދަތު ވިދާޅުވީ ކޮވިޑް-19އަށް އައްޑޫ އިން ޕޮޒިޓިވްވި ތިން މީހުންގެ ކިބައިންވެސް އަދި މިހާތަނަށް ބަލީގެ އެއްވެސް އަލާމާތެއް ފެނިފައި ނުވާކަމަށާއި އެ ތިންމީހުންގެ ހާލުވެސް ރަނގަޅު ކަމަށެވެ.