English Edition
Dhivehi Edition

އައްޑޫ ސިޓީ ފޭދޫ އިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހާއާއި ކޮންޓެކްޓްވި ހުރިހާ އެންމެންގެ ނަތީޖާތައްވެސް ނެގެޓިވްވެފައިވާކަމަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ މެނޭޖަރ ޝަރަފް ސަދާތް ވިދާޅުވެއްޖެއެވެ.

‘އޭއޯ ނިއުސް’ އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޝަރްފް ސަދާތް ވިދާޅުވީ އައްޑޫ އިން ޕޮޒިޓިވްވި މީހާއާއި ޑައިރެކްޓް ކޮންޓެކްޓްވި ހުރިހާ އެންމެންގެ ނަތީޖާތައްވެސް ނެގެޓިވްވެފައިވާކަމަށާއި އެހެންނަމަވެސް އެމީހުންވެސް މިހާރު 14 ދުވަހަށް ކަރަންޓީންކޮށްފައިވާކަމަށެވެ. އަދި 14 ދުވަހުގެ ކަރަންޓީން ފުރިހަމަވުމުން އިތުރު ސާމްޕަލެއް ނަގާނެކަމަށްވެސް ވަނީ ވިދާޅުވެފައެވެ. ފޭދޫ އިން ބައްޔަށް ޕޮޒިޓިވްވި މީހާއާއި އެކު ދަތުރުކުރި އެންމެންވެސް މިހާރު ކަރަންޓީންކޮށްފައިވާއިރު މި ތިން މީހުންގެ އިތުރުން އެހެން މީހަކު އަދި ބައްޔަށް ޕޮޒިޓިވްވެފައެއް ނުވެއެވެ.

އައްޑޫ ސިޓީ ފޭދޫ އަށް މާލެއިން އައި ފުލުހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާއިރު، ހިތަދޫ އިން 02 މީހަކުވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. އައްޑޫ އިން ކޮވިޑް19 ފެނުމާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށް، މިހާރު ހިތަދޫ ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.

ރާއްޖޭގައި ހަލުވިކަމާއެކު ކޮވިޑް19 ފެތުރެމުން ދިއުމާއި ގުޅިގެން ސަރުކާރުން ފިޔަވަޅުތައް ހަރުދަނާކޮށްފައިވާއިރު މިހާތަނަށް ރާއްޖެއިން މި ބަލީގައި 19 މީހަކު ވަނީ ނިޔާވެފައެވެ.