ރާއްޖޭގެ ގާނޫނީ ނިޒާމު ގަޑުބަޑު ކުރަން މަސައްކަތް ނުކުރެއްވުމަށް، ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ހެލްތު މިނިސްޓްރީގެ ވެރިންނާއި މުވައްޒަފުންގެ ކިބައިން އެދިވަޑައިގެންފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ މަޖިލިސް ހިންގަންވީ ގޮތް ކަން ދޭހަވާ ގޮތަށް ހެލްތު މިނިސްޓްރީން ބަޔާނެއް ނެރެފައިވާ ކަމަށެވެ. އެހެންނަމަވެސް އެ ބަޔާނުގެ ތަފްސީލެއް ރައީސް ނަޝީދު ދެއްވާފައެއް ނުވެއެވެ.
ހެލްތު މިނިސްޓްރީން ރާއްޖޭގެ ގާނޫނީ ނިޒާމު ގަޑުބަޑު ނުކުރުމަށް ގޮވާލާ ރައީސް ނަޝީދު ވަނީ މަޖިލިހުން ކުރާ ކަންތައްތަކާ ގުޅިގެން ވުޒާރާތަކުން އެ ބާވަތުގެ ބަޔާން ނެރުއްވައި ބެހިވަޑައިނުގަތުމަށް އެދިވަޑައިގެންނެވިއެވެ. “މިނިސްޓްރީއަށާއި އެ މިނިސްޓްރީގެ މުވައްޒަފުންނަށާއި ވުޒާރާގެ ވަޒީރަށް ވަރަށް އިހްލާސްތެރިކަމާ އެކު ދަންނަވަން. ރާއްޖޭގެ ގާނޫނީ ނިޒާމު ގަޑުބަޑު ނުކުރެއްވުމަށާއި މަޖިލިހުން ކުރާ ކަންތައްތަކާއި ވުޒާރާތަކުން އެ ބަވާތުގެ ނޫސް ބަޔާން ނެރުއްވައި ބެހިވަޑައިނުގަތުމަށް،” ނަޝީދު ވިދާޅުވިއެވެ.
ހެލްތު މިނިސްޓްރީގެ އިސް މަގާމުތަކެއްގައި މީގެ ކުރިން ތިއްބެވި ބޭފުޅުންތަކެއް، މިހާރު ހެލްތު މިނިސްޓްރީ ހިންގަމުންދާ ގޮތާ މެދު ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގައި ހިތްހަމަނުޖެހުން ފާޅުކުރައްވައި ފާޑުވިދާޅުވުމުން އެކަމަށް ރައްދުދީ ހެލްތު މިނިސްޓްރީއިން ވަނީ އިއްޔެ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ވަނީ ސިއްހީ ދާއިރާއަކީ ވަރަށް ފަންނީ މަސައްކަތްތަކެއް ކުރެވޭ ދާއިރާއަކަށްވާއިރު، އަދިވެސް ސިއްހީ ދާއިރާގައި އެންމެ މަތީގައި ހަރަކާތްތެރިވަމުން ގެންދަވަނީ އެ ދާއިރާގެ ހާއްސަ ގިންތިތަކުން ތައުލީމާއި ތަމްރީނު ލިބިފައި ތިއްބެވި ބޭފުޅުން ކަމަށެވެ. އަދި ސިއްހީ ދާއިރާގެ ފަންނީ ކަންކަމާ ގުޅޭ ނިންމުންތަކަކީ ފަންނީ މީހުންނާއި އެކަމާ ގުޅޭ ކޮމެޓީތަކާއި އެކަމާ ގުޅޭ އެންމެހާ މައުލޫމާތަށް ބިނާކޮށް ނިންމާ ނިންމުންތަކެއް ކަމަށާއި އެ ނިންމުންތައް ނިންމަނީ ސިޔާސީ މީހުންގެވެސް ބައިވެރިވުމާއެކުކަމަށެވެ.