English Edition
Dhivehi Edition
ކްރިމިނަލް ކޯޓު - ފޮޓޯ: އަވަސް

ކްރިމިނަލް ކޯޓަށް ހޯދާ ފަނޑިޔާރުންގެ އަދަދު އިތުރުކޮށްފި އެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ކްރިމިނަލް ކޯޓުގައި ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަޤާމަށް ބޭފުޅަކު ހޯދުމަށް އޮގަސްޓް 06 ވަނަ ދުވަހު ކޮށްފައިވާ އިޢުލާނުގައި ވާ މަޤާމުގެ އަދަދު 02 އަކަށް އިތުރުކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެގޮތަށް އިޢުލާނަށް ބަދަލު ގެނައުމަށް ނިންމާފައިވަނީ އެ ކޯޓުގައި ދެ ފަނޑިޔާރުންގެ މަޤާމު ހުސްކޮށް އޮތުމުން ކަމަށެވެ.

ޖޭއެސްސީން ވަނީ އެ މަޤާމަށް ޝަރުތު ހަމަވާ ފަރާތްތކުން އޮގަސްޓް 16 ވަނަ ދުވަހުގެ 14:00ގެ ކުރިން އެޕްލިކޭޝަން ފޯމާއި، އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް އެ ކޮމިޝަންގެ ރަސްމީ އީމެއިލް [email protected] އަށް ފޮނުވުމަށް އެދިފައެވެ.

އެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތުތަކުގެ ތެރޭގައި އުމުރުން 25 އަހަރު ފުރިފައިވުމާއެކު، އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވުން އަދި ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން 2 (ދޭއް) އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން ހިމެނެއެވެ.

ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 48،300 ރުފިޔާ ލިބިވަޑައިގަންނަވާނެ އެވެ. އެއީ އަސާސީ މުސާރައިގެ ގޮތުގައި 30،000ރ. އާއި ލިވިންގއެލަވަންސްގެ ގޮތުގައި ދޭ 15،000ރ. ގެ އިތުރުން ރިސްކް އެލަވަންސްގެ ގޮތުގައި ލިބޭ 3،300ރ. އެވެ.

މީގެ އިތުރުން ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން މެޑިކަލް އިންޝުއަރެންސާއި ފޯނު އެލަވަންސް ވެސް ލިބިގެންދާނެ އެވެ.