ޔުއެފާ ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ބުރުން ކެޓުމުން އިޓަލީގެ އެންމެފަހުގެ ޗެމްޕިއަން ޔުވެންޓަސްގެ ކޯޗުގެ މަގާމުން މައުރީޒިއޯ ސާރީ ވަކިކޮށްފިއެވެ.
ޔުވެންޓަސްގެ ކޯޗުގެ މަގާމުން ސާރީ ވަކިކުރީ ޔޫރަޕްގެ އެންމެ ޝަރަފުވެރި މުބާރާތުގެ ދެވަނަ ބުރުގެ ދެވަނަ ލެގުގައި ރޭ އަމިއްލަ ދަނޑުގައި 2-1 އިން މޮޅުވިނަމަވެސް ދެ މެޗުގެ އެގްރިގޭޓުން 2-2 އިން ދެ ޓީމު އެއްވަރުވެ، ރަށުން ބޭރުގައި ޖެހިގޯލުން ފްރާންސްގެ އޮލިމްޕިކް ލިޔޯން އަނެއް ބުރަށް ދަތުރުކުރުމުންނެވެ.
އުމުރުން 61 އަހަރުގެ ސާރީ ޔުވެންޓަސްގެ ކޯޗުކަމާ ހަވާލުވީ މިދިޔަ އަހަރުގެ ޖޫން މަހުގައެވެ. އޭގެކުރީން، ބޭންކެއްގައި ވަޒީފާއަދާކުރަމުން ޕާޓްޓައިމްކޮށް ކޯޗިން ފެށި ސާރީގެ ކެރިއަރުގެ ބޮޑުބައި ހޭދަކުރީ އިޓަލީގެ ދަށް ޑިވިޝަންތަކުގައެވެ. އަދި އޭގެފަހުން، ނަޕޯލީގައި ތިން އަހަރު ހޭދަކުރުމަށްފަހު ޗެލްސީ އަށް ބަދަލުވެ އެ ޓީމާއެކު ހޭދަކުރީ އެއް އަހަރުގެ ތެރޭގައި ޔުއެފާ ޔުރޮޕާ ލީގު ވަނީ ކާމިޔާބުކޮށްފައެވެ.
ޔުވެންޓަސް އާއެކު ސާރީ ހޭދަކުރީ އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ޓީމުން ވިދިވިދިގެން ނުވަވަނަ ފަހަރަށް އިޓާލިއަން ސެރިއޭ ތަށި އުފުލާލިއިރު، އިޓާލިއަން ކަޕް ފައިނަލްގައި ނަޕޯލީ އަތުން ވަނީ ބަލިވެފައެވެ.
މީގެއިތުރުން، މި ފަހަރުގެ ސީޒަނުގައި ލީގުގައި އެ ޓީމު އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން ބަލިވެފައިވާއިރު، ލީގު ނިންމާލީ ތާވަލްގެ ދެވަނައިގައި އޮތް އިންޓަ މިލާނަށް ވުރެ އެއް ޕޮއިންޓް ކުރީގައިއޮވެގެންނެވެ. އަދި 1996 ވަނަ އަހަރުގެ ފަހުން ޔޫރަޕްގެ މުބާރާތެއްގެ ތައްޓެއް ލިބިފައިނުވާ ޔުވެންޓަސް އިން މި ފަހަރުގެ ސީޒަނަށް ކަނޑައެޅި ލަނޑުދަނޑިތައް ހާސިލްނުކުރެވުމުން ކުރިން ބެލެވިފައި އޮތްގޮތަށް ކޯޗުގެ މަގާމުން ސާރީ ވަކިކުރީއެވެ.
މިކަމާ ގުޅޭގޮތުން ޔުވެންޓަސް އިން ނެރުނު ބަޔާނެއްގައިވަނީ، އެ ގައުމުގެ ދަށް ޑިވިޝަންތަކުން ކޯޗިން ކެރިއަރު ފެށި ސާރީ އަށް މި ފަހަރުގެ ސީޒަނުގައި އެ ޓީމާއެކު ސެރިއޭ ކާމިޔާބުކޮށް އެ ކްލަބުގެ ތާރީޚުން ޖާގަ ހޯދާފައިވާތީވެ އެކަމަށް މަރުހަބާ ކިޔާފައެވެ.