ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ދެވަނަ ލެގުގައި ރޭ ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި 2-1 އިން ޔުވެންޓަސް މޮޅުވިނަމަވެސް، ދެމެޗުގެ އެގްރިގޭޓުން 2-2 އިން އެއްވަރުވެ ރަށުން ބޭރުގައި ޖެހި ގޯލުން ކުއާޓާ ފައިނަލަށް ދަތުރުކުރީ ފްރާންސްގެ އޮލިމްޕިކް ލިޔޯން އެވެ.
މިއީ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއެކު ޔުވެންޓަސް އިން މި މުބާރާތް ކާމިޔާބުކުރުމަށް އަޒުމްކަނޑައަޅައިގެން ނިކުމެ ނާކާމިޔާބީއާ ކުރިމަތިލާންޖެހުނު ދެވަނަ ސީޒަނެވެ. އެ ޓީމު ވަނީ މިދިޔަ އަހަރުގެ މުބާރާތުގެ ކުއާޓާގައި ހޮލެންޑްގެ އަޔެކްސް އެމްސްޓެޑަމް އަތުން ބަލިވެފައެވެ.
ޔުވެންޓަސްގެ އެލިއާންޒް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ކުރީން ލީޑްނެގީވެސް ލިޔޯނުންނެވެ. މެޗުގެ 12 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މިލަނޑުޖަހައިދިނީ ކެޕްޓަން މެމްފިސް ޑިޕާއީ އެވެ. އޭގެފަހުން، ފުރަތަމަ ހާފުގެ ކުޅުން ނިމެން ދެ މިނެޓަށްވެފައިވަނިކޮށް ޔުވެންޓަސް އިން ނަތީޖާ އެއްވަރުކުރީވެސް ލިބުނު ޕެނަލްޓީއަކުން ރޮނާލްޑޯ އެވެ. މިއީ އެ ޓީމުގެ މިރަލެމް ޕިޔަނިޗް ހިލޭޖެހުމަކުން ފޮނުވާލި ބޯޅައެއް ޕެނަލްޓީއޭރިޔާތެރޭގައި ހުރި ޑިޕާއީގެ އަތުގައި ޖެހުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިތާ 15 ވަރަކަށް މިނެޓުގެ ތެރޭގައި، ޔުވެންޓަސް އަށް ފުރަތަމަ ފަހަރަށް ލީޑްނަގައިދިނީ ވެސް ރޮނާލްޑޯ އެވެ. މިއީ ޕެނަލްޓީއޭރިޔާބޭރުން ރޮނާލްޑޯ ފޮނުވާލި ބާރު ހަމަލާއަކުން ކާމިޔާބުކުރި ރީތި ގޯލެކެވެ. މި ބޯޅަ ގޯލްގެ ތެރެއަށް ވަނީ ލިޔޯންގެ ގޯލްކީޕަރު އެންތަނީ ލޯޕޭސްގެ އަތުގައި ޖެހިފައެވެ. ރޭގެ މެޗުގައި ޔުވެންޓަސް އިން އިތުރު ގޯލެއް ޖެހުމަށް ކުރި މަސައްކަތްތަކަށް ހުރަސްއެޅުނީ އެ ޓީމުގެ އާޖެންޓީނާ ފޯވާޑް ޕައޮލޯ ޑިބާލާ އަށް ލިބުނު އަނިޔާއެއްގެ ސަބަބުން ބަދަލުކުރަންޖެހުމުންނެވެ. ޑިބާލާ ކުޅެން ނިކުތީވެސް ފަހު ހާފުގައެވެ.
ރޭގެ މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ޔުވެންޓަސްގެ ރައީސް އަންދްރޭ އަގްނެލީ ބުނީ މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި ނާކާމިޔާބީއާ ކުރިމަތިލާންޖެހުނު ނަމަވެސް، ކުރިއަށް އޮތް ސީޒަނުގައިވެސް ރޮނާލްޑޯ އެ ޓީމުން ފެންނާނެ ކަމަށެވެ. އޭނާ ބުނީ އެ މުބާރާތުން ވަކިވާންޖެހުމަކީ ކުޅުންތެރިންނާއި ސަޕޯޓަރުންނަށް ލިބުނު ވަރަށް ބޮޑު ހިތްދަތިކަމެއް ކަމަށެވެ.
މީގެއިތުރުން، އެ ޓީމުގެ ކޯޗު މައުރީޒިއޯ ސާރީގެ މުސްތަގުބަލާ ގުޅޭގޮތުން އަގްނެލީ ބުނީ އިޓާލިއަން ސެރިއޭ ކާމިޔާބުކޮށްދިނުމުން އެކަމުގެ ޝުކުރު ހައްޤު ކަމަށާއި، މި ފަހަރުގެ ސީޒަނުގެ ހުރިހާ ކަމެއް އިވެލުއޭޓްކުރުމަށް ފަހު އަންނަ ސީޒަނާއި މެދު ކުރިއަށް އޮތް ދުވަސްތަކުގައި ގޮތެއް ނިންމާނެ ކަމަށެވެ.
މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި މެންޗެސްޓާ ސިޓީ ވަނީ އަމިއްލަ ދަނޑުގައި ރެއާލް މެޑްރިޑްގެ މައްޗަށް 2-1 އިން ކުރި ހޯދައި، ދެމެޗުން 4-2ގެ އެގްރިގޭޓުން ކުއާޓާ އަށް ދަތުރުކޮށްފައެވެ. ރެއާލުން ރޭގެ މެޗަށް ނިކުތްއިރު އެ ޓީމަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ސަސްޕެންޝަނުގެ ސަބަބުން ކެޕްޓަން ސާޖިއޯ ރާމޯސް އަށް ނުކުޅެވުމެވެ.
ސިޓީގެ އެތިހާދު ސްޓޭޑިއަމްގައި ކުޅުނު މި މެޗު ފެށިގެން ނުވަވަނަ މިނެޓުގައި ރެއާލްގެ ޑިފެންޑަރު ރަފައެލް ވަރާން އަށް ހެދުނު ގޯހެއްގެ ފައިދާނަގައި ބްރެޒިލްގެ ފޯވާޑް ގެބްރިއެލް ޖެސޫސް ދިން ބޯޅައަކުން ލީޑްނަގައިދިނީ ރަހީމް ސްޓާލިން އެވެ. މިއީ ސިޓީގެ ޖާޒީގައި އޭނާ ޖެހި 100 ވަނަ ގޯލެވެ.
އޭގެފަހުން، މެޗުގެ 19 ވަނަ މިނެޓުގައި ބްރެޒިލްގެ ޒުވާން ވިންގާ ރޮޑްރީގޯ ތަނަވަސްކޮށްދިން ފުރުޞަތަކުން ކަރީމް ބެންޒެމާ، ރެއާލަށް ނަތީޖާ ވަނީ ހަމަހަމަކޮށްދީފައެވެ. ސިޓީން ދެވަނަ ފަހަރަށް ލިޑްނެގީ ވެސް ރެއާލްގެ ފްރާންސް ޑިފެންޑަރު ވަރާން އަށް ހެދުނު ގޯހަކުންނެވެ. މިއީ ވަރާން ބޮލުން އެ ޓީމުގެ ކީޕަރު ތިބައުޓް ކޯޓުއާ ދޭން ޖައްސާލި ބޯޅަ އޭނާއަށް ލިބުމުގެ ކުރީން ޖެސޫސް ގޯލްގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.
މި ނަތީޖާއާއެކު ޗެމްޕިއަންސް ލީގު އެންމެ ގިނަ ފަހަރު ކާމިޔާބުކޮށްފައިވާ ރެއާލަށް އެ މުބާރާތާއި އަލްވަދާއު ކިޔަންޖެހުނުއިރު، މިއީ އެ ޓީމުގެ ކޯޗު ޒައިނުއްދީން ޒިދާން އާއެކު ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ބުރުން ކެޓި ފުރަތަމަ ފަހަރެވެ.