English Edition
Dhivehi Edition

އީ-ކޮމަރސް ޕްލެޓެފޯރމް މޫލީ، ކަސްޓަމަރުންގެ ޚިދުމަތުގައި ކާމިޔާބު އެއް އަހަރު ފުރުމުގެ މުނާސަބަތު މޫލީގެ ސޯޝަލް މީޑިއާ ޕޭޖްތަކުގައި ފާހަގަކޮށްފިއެވެ.

ރާއްޖެއަށް ފުރަތަމަ ފަހަރަށް، މުޅިން ތަފާތު އީ-ކޮމަރސް ބާޒާރެއްގެ ގޮތުގައި 2019ގެ އޯގަސްޓްމަހު ތައާރަފްކުރެވުނު މޫލީ މެދުވެރިކޮށް، މިހާރުވެސް 10000އަށް ވުރެ ގިނަ ޑެލިވަރީ ރާއްޖޭގެ އެކި ހިސާބުތަކަށްވަނީ ފޯރުކޮށްދެވިފައެވެ. މި ޕްލެޓްފޯރމް މެދުވެރިކޮށް 14 ކެޓެގެރީއަކުން، މަގުބޫލުކަން ހޯދާފައިވާ 36 ކުންފުންޏެއްގެ ކޮލީޓި އެތައް ޕްރޮޑަކްޓެއް ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރެގެންވެސް ވިޔަފާރިކުރުމުގެ ފުރުޞަތު ކަސްޓަމަރުންނަށް ހުޅުވައިލަދެއެވެ. މީގެ ތެރެއިން، އިލެކްޓްރޯނިކް ސާމާނު، ގެޔަށް އަދި ބަދިގެއަށް ބޭނުންވާ ސާމާނު، ފޮތާއި ސްޓޭޝަނަރީ، ގޭމިންގް ޕްރޮޑަކްޓްސް އަދި އާންމުކޮށް ބޭނުންކުރާ ކާބޯތަކެތިވެސް ހިމެނެއެވެ.

މޫލީ ޕްލެޓްފޯރމް ގެ މިކާމިޔާބީގެ އުފަލުގައި ކަސްޓަމަރުންނަށް ޝުކުރު އަދާ ކުރުމުގެ ގޮތުން ޚާއްޞަ ހަރަކާތްތަކެއް މުޅި އޯގަސްޓް މަހު ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާއިރު މި ހަރަކާތްތަކުގެ އިތުރު މައުލޫމާތް މޫލީ ސޯޝަލް މީޑިޔާ ޕޭޖްތަކުގައި އިއުލާނު ކުރެވެމުންދާނެއެވެ.

ކަސްޓަމަރުންގެ ބޭނުންތައް ދެނެގަނެ، ކަސްޓަމަރުންނާއި ގާތް ގުޅުމެއް އުފައްދާ ޕަރސަނަލައިޒްޑް ޚިދުމަތެއް ދިނުމަކީ މޫލީގެ އެންމެ މުހިންމު މަގްސަދެވެ. އެގޮތުން މުޅި ދުނިޔެ ކުރިމަތިވެފައިވާ ކޯވިޑް 19 ޕެންޑެމިކް އާއި ގުޅިގެން ސަރުކާރުން އިއުލާނުކުރި ފުރަބަންދުގެ ތެރޭގައި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީވުމުގެ ގޮތުންނާއި، ކަސްޓަމަރުން ރައްކާތެރިކަމާއެކު ގޭގައި ތިއްބަވައިގެން ވިޔަފާރިކުރުމަށް ފުރުޞަތު ފުޅާކޮށްދިނުމުގެ ގޮތުން، އާންމުކޮށް ބޭނުންކުރާ ކާބޯތަކެތި ވިއްކާ ވިޔަފާރިތަކާއި ގުޅިގެން މޫލީ މެދުވެރިކޮށް ޑެލިވެރީގެ ޚިދުމަތް ފޯރުކޮށްދީފައިވެއެވެ.

މީގެ އިތުރުން، ފިތުރު ޢީދާއި އަޟްހާ ޢީދުގެ މުނާސަބަތުގައި ޚާއްޞަ ޕްރޮމޯޝަންތަކާއި އެކު، ސަލާމަތްތެރިކަމާއިއެކު ގޭގައި ތިބެގެން ޢީދުގެ އުފާފާޅުކޮށް، އާއިލާ އާއި ރައްޓެހިންނަށް ޢީދު ހަދިޔާ ބަދަލުކުރުމުގެ ފުރުޞަތު މޫލީއިންވަނީ ފަހިކޮށްދީފައެވެ. މި ޚާއްޞަ ޕްރޮމޯޝަންތަކުގެ ތެރެއިން އަޟްހާ ޢީދާ ގުޅުވައިގެން ކުރިއަށްދިޔަ މޫލީ ކާނިވަލްއަކީ ޑިޖިޓަލްކޮށް ރާއްޖޭގައި ބޭއްވުނު ތަފާތު ކާނިވަލެކެވެ

ފުޅާވަމުން އަންނަ އީ-ކޮމަރސް ޕްލެޓްފޯމް މޫލީ މެދުވެރިކޮށް ފުރިހަމަ ޑިޖިޓަލް ޝޮޕިންގ އެކްސްޕީރިއެންސް އެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގެ ގޮތުން، އޮންލައިން ޕޭމަންޓް، އީޒީ ރިޓަރންސް އަދި މުޅި ރާއްޖެއަށް ހިލޭ ޑެލިވަރީގެ ޚިދުމަތްވެސް މޫލީއިން ފޯރުކޮށްދެއެވެ. މި ޕްލެޓްފޯމްގެ ޚާއްޞަ އަނެއްކަމަކީ، ކުދި ވިޔަފާރިތަކާއި އޮންލައިން ރީޓެއިލަރުންނަށް، ފަސޭހަކަމާއިއެކު ކުރިޔަށްވުރެ ގިނަ ކަސްޓަމަރުންނާއި މުއާމަލާތް ކުރުމުގެ ފުރުޞަތު ފަހިވެ، ހިލޭ ވެއަރހައުސް ޚިދުމަތާއި ޑެލިވަރީ ޚިދުމަތް ލިބުމެވެ. މި ޚިދުމަތްތަކާއެކު، ރާއްޖޭގެ އެކި ހިސާބުތަކަށް ވިޔަފާރިތަކުން ޕްރޮޑަކްޓްތައް ފޯރުކޮށްދިނުމުގެ ފުރުޞަތުވަނީ ފަހިވެފައެވެ.

ވިޔަފާރި އޮންލައިންކޮށް، އިތުރަށް ފުޅާކޮށް އަދި ގިނަ ކަސްޓަމަރުންނަށް ޚިދުމަތްދޭން ބޭނުންވާ ކޮންމެ ފަރާތަކަށްވެސް މޫލީއިންވަނީ އެ ފުރުޞަތު ހުޅުވާލާފައެވެ. އިތުރު ފަރާތްތަކުން މޫލީ އާއި ގުޅެމުންދާއިރު، މި ޕްލެޓްފޯމް އޮތީ ކުރިޔަށް ވުރެ ގިނަ ކަސްޓަމަރުންނަށް، ކުރިޔަށް ވުރެ ތަފާތު ގިނަ އުފެއްދުންތަކެއް ފޯރުކޮށްދިނުމަށް ތައްޔާރަށްކަމަށްވެސް އެ ޓީމުން ޔަގީންކަން ދެއެވެ.