English Edition
Dhivehi Edition
މާލޭގެ ސައި ހޮޓަލަކުން މީހުން ޚިދުމަތް ހޯދަނީ - ފޮޓޯ: މިހާރު

ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމުގެ ގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެކުލަވާލާފައިވާ އުސޫލުތަކާއި ޚިލާފުވެގެން އިއްޔެވެސް 20 ތަނެއް ބަންދުކޮށްފި އެވެ.

އެގޮތުން އެޗްޕީއޭ އިން ހާމަކުރާ ގޮތުގައި އިއްޔެ ވަނީ 240 ތަނެއް އިންސްޕެކްޓްކޮށްފަ އެވެ. އޭގެ ތެރެއިން 15 ތަނެއް މިހާރު ވަގުތީ ގޮތުން ބަންދުކޮށްފައިވާއިރު، ބުދަ ދުވަހުވެސް 20 ތަނެއް ވަނީ ބަންދުކޮށްފަ އެވެ.

އެގޮތުން އެޗްޕީއޭ އިން އިއްޔެ ބަންދުކުރި ތަންތަނުގެ ތެރޭގައި ހަ ސެލޫނަކާއި، ހަތް ފިހާރައެއްގެ އިތުރުން ދެ ކެފޭއާއި ރެސްޓޯރެންޓް ހިމެނެއެވެ.

އެޗްޕީއޭގެ އުސޫލުތަކާއި އެއްގޮތަށް ވިޔަފާރިތައް ހިންގާތޯ ބެލުމަށް “މާސް އިންސްޕެކްޝަން” ފަށާފައި ވަނީ ޖުލައި 30 ވަނަ ދުވަހު އެވެ. އެގޮތުން ގްރޭޓަރ މާލެ ސަރަޙައްދުގައި ހިންގަމުންދާ އެ ޚާއްސަ އޮޕަރޭޝަންގެ ދަށުން މިހާތަނަށް 1،253 ތަނެއް އިންސްޕެކްޓްކޮށް، ޖުމްލަ 203 ތަނެއް ވަނީ ބަންދުކޮށްފަ އެވެ.

މާލެ ސަރަޙައްދުގައި އެޗްޕީއޭ އިން މި ޚާއްސަ އޮޕަރޭޝަން ފަށާފައި މިވަނީ ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށްވެފައި ވަނިކޮށް، އަނެއްކާވެސް ކުއްލިއަކަށް ޕޮޒިޓިވް ކޭސްތައް އިތުރުވަމުން ދިއުމާއި ގުޅިގެންނެވެ.