English Edition
Dhivehi Edition

މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) އަށް އިންޑިއާ އިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު ދެ މިލިއަނަށް އަރައިފިއެވެ.

އެގޮތުން، އިންޑިއާ އިން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް 62 ހާހަށްވުރެ ގިނަ މީހުން މި ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، އިއްޔެ މަރުވި ނުވަ ސަތޭކައެއްހާ މީހުންނާއެކު މިހާތަނަށް އައިއިރު އެ ގައުމުން މަރުވި މީހުންގެ އަދަދު ވަނީ 41،000 އަށްވުރެ އިތުރުވެފައެވެ.

އަދި މުޅި އިންޑިއާ އަށް ބަލާއިރު އެންމެ ހާލަތު ގޯސްކޮށް އުޅޭ މަހަރާޝްތުރާ ސްޓޭޓުން 479،779 އެއްހާ މީހުން ޕޮޒިޓިވްވެފައިވާއިރު، 16 ހާހަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. ޓެމިލް ނާޑޫ އިން 279،144 މީހުންނަށް ބަލިޖެހިފައިވާއިރު، 4،571 މީހުން ވަނީ މަރުވެފައެވެ. އަދި އަންދްރަ ޕްރަދޭޝް އިން 196،789 މީހުން ޕޮޒިޓިވްވެ 1،753 މީހުން ވަނީ މަރުވެފައެވެ. ދެން އެންމެ ހާލަތު ގޯސްކޮށް އުޅޭ ކަރްނާޓަކާ އިން 158،254 މީހުން ޕޮޒިޓިވްވެ، 2،897 މީހުން ވަނީ މަރުވެފައެވެ.

މުޅި ދުނިޔޭން މިހާތަނަށް ތިންވަނަ އަށް އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ އާބާދީގައި 1.3 ބިލިއަން މީހުން ހިމެނޭ އިންޑިއާ އިން މިބަލީގައި ރަނގަޅުވި މީހުންގެ އަދަދަކީ 1،377،384 އެވެ. އެހެންނަމަވެސް، އެ ގައުމުގައި ވޭތުވެދިޔަ ތިން ދުވަހުން އެކަނިވެސް 170،000 އަށްވުރެ ގިނަ މީހުން ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ.

މިހާތަނަށް ފަރުވާއެއް ހޯދިފައިނުވާ މި ބައްޔަށް މުޅި ދުނިޔެއިން ގާތްގަނޑަކަށް 19،124،683 މީހުން ޕޮޒިޓިވްވެފައިވާއިރު، 714،004 އެއްހާ މީހުން ވަނީ މަރުވެފައެވެ. އަދި މި ބަލިން މިހާތަނަށް އައިއިރު ރަނގަޅުވި މީހުންގެ އަދަދަކީ 12،271،361 އެވެ.