ކޮވިޑް-19ގެ ސަބަބުން މެދުކެނޑުމަކަށްފަހު ޔުއެފާ ޔުރޮޕާ ލީގުގެ ގަދަ 16ގެ ބުރުގައި ރޭ ކުޅުނު މެޗުގައި އިޓަލީގެ އިންޓަ މިލާން އަތުން 2-0 އިން ގެޓަފޭ ބަލިވުމުން އެ ޓީމުގެ ކޯޗު ހޯސޭ ބޮރްޑަލަސް ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ.
އެގޮތުން، ގެޓަފޭގެ ކޯޗު ބޮރްޑަލަސް ބުނީ ރޭގެ މެޗުގައި އިންޓަ 1-0 އިން ކުރީގައި އޮއްވާ އޭނާގެ ޓީމަށް ލިބުނު ޕެނަލްޓީ ވައްދާލެވުނު ނަމަ ނަތީޖާ ތަފާތުވުމުގެ ފުރުޞަތު ބޮޑުކަމަށެވެ.
“އެއީ ވަރަށް ބޮޑު ދެރައެއް، ރޭގެ މެޗުގައި އަހަރެމެންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނު. މި ޓީމު ދެއްކި ކުޅުމާ މެދު އަހަރެން ފަޚުރުވެރިވަން،”
“އެކަމަކު، ރޭގެ މެޗުގައި ލިބުނު ޕެނަލްޓީ މޮލީނާ އަށް ކާމިޔާބުނުކުރެވުނު ނަމަވެސް، އެކަމުގައި އޭނާގެ ކުށެއްނެތް. ފުޓްބޯޅައިގައި އެކަހަލަ ހާލަތްތައް މެދުވެރިވާނެ. ފަހަރުގައި އެ ޕެނަލްޓީ އަހަރެމެންނަށް ކާމިޔާބުކުރެވުނު ނަމަ މެޗުގެ ނަތީޖާ ނިކުންނާނީ އެހެން ގޮތަކަށް.” މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބޮރްޑަލަސް ބުންޏެވެ.
ގެޓަފޭގެ ކޯޗު ބޮރްޑަލަސް ނިންމާލަމުން ބުނީ އޭނާގެ ޓީމަށް މި ސީޒަން ނިންމާލަން ހައްގުވީ މިގޮތަށް ނޫން ކަމަށާއި، އެކަމަކު ފުޓްބޯޅައިގައި ހުރިހާ ކަމެއް ވެސް ދިމާވާނެ ކަމަށެވެ. މި މެޗުގައި އިންޓަގެ ލަނޑުތައް ޖަހައިދިނީ ރޮމެލޫ ލުކާކޫ އާއި ކްރިސްޓިއަން އެރިކްސަން އެވެ.
ޔުރޮޕާ ލީގުގައި ރޭ ކުޅުނު އަނެއް މެޗުގައި މެންޗެސްޓާ ޔުނައިޓެޑް އަމިއްލަ ދަނޑުގައި 2-1 އިން އޮސްޓްރިއާގެ ލާސްކް އަތުން މޮޅުވިއިރު، އެ ޓީމުގެ ގޯލްތައް ކާމިޔާބުކޮށްދިނީ ޖެސޭ ލިންގާޑް އާއި އެންތަނީ މާޝިއަލް އެވެ. ދެ ލެގަށް ބަލާއިރު ޔުނައިޓެޑަށް ކުރިލިބުނީ 7-1ގެ އެގްރިގޭޓުންނެވެ. މީގެއިތުރުން، ވުލްފްސްބާގްގެ މައްޗަށް ޝަހުތަރު ޑޮނެސްކް 3-0 އިން ކުރިހޯދިއިރު، އެ ޓީމު ކުއާޓާ ފައިނަލަށް ދަތުރުކުރީ 5-1ގެ އެގްރިގޭޓުންނެވެ.
މި މުބާރާތުގައި މިރޭ ކުޅޭ މެޗުތަކަށް ބަލާއިރު، ރާއްޖޭގަޑިން 21:55 ގައި ސެވިއްޔާއާ ދެކޮޅަށް އޭއެސް ރޯމާ ނިކުންނައިރު، ހަމަ އެގަޑީގައި ކުޅޭ އަނެއް މެޗުގައި ޖަރުމަނުގެ ބަޔާ ލެވަކޫސަން ނިކުންނާނީ ސްކޮޓްލެންޑްގެ ރޭންޖާސްއާ ދެކޮޅަށެވެ. މިރޭގެ ދަންވަރު 00:00ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ އިންގްލެންޑްގެ ވުލްވްސްއާ ގްރީސްގެ އޮލިމްޕިއާކޯސް އެވެ.