އުދަ އަރާފާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފި އެވެ.
އެގޮތުން މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ދެމެދުގެ ރަށްތަކަށް، މިއަދު 15:30 އިން ފެށިގެން 18:00 އާއި ހަމައަށް ހުދު ސަމާލު ނެރެފައެވެ. މެޓް އޮފީހުން ލަފާކުރާ ގޮތުގައި މި ވަގުތުތަކުގައި ބައެއް ރަށްތަކަށް އުދަ އަރާނެ ކަމަށް ލަފާކުރެވެއެވެ.
މީގެ އިތުރުން ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް މިއަދު 17:00 އިން 22:00 އާއި ހަމައަށް، ހއ. އަތޮޅުން ޅ. އަތޮޅާއި ދެމެދުގެ ރަށްތަކަށްވެސް މެޓް އޮފީހުން ވަނީ ހުދު ސަމާލު ނެރެފައެވެ.
މިދިޔަ ޖުލައި މަހުގެ ތެރޭގައި މީގެ ކުރިން ވެސް ރާއްޖޭގެ ބައެއް ރަށްތަކަށް އުދަ އަރާފައިވާއިރު، އައްޑޫ ސިޓީގެ ބައެއް ރަށްތަކަށްވެސް ވަނީ އުދައިގެ އަސަރު ވަރަށް ބޮޑަށް ކޮށްފައެވެ.
މެޓް އޮފީހުން ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާ ގޮތަށް ބަލާއިރު، މިއަދު ހެނދުނު 10:00 އިން މާދަމާ ހެނދުނު 10:00 އާއި ހަމައަށް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެން ވެއެވެ.
މީގެ އިތުރުން ދެކުނުގެ އަތޮޅުތަކަށް، އިރުދެކުނާއި ދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެއިރު، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް ލަފާކޮށްފައި ވެއެވެ.
އަދި ދެކުނުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަ ވާނެ ކަމަށާއި، އެހެން ހިސާބުތަކުގެ ކަނޑުތައް ގަދަ ވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. މެޓް އޮފީހުން ބުނީ ދެކުނުގައި ރާޅުގެ އުސްމިނުގައި 3-5 ފޫޓު އަދި އެހެން ހިސާބުތަކުގައި 4-6 ފޫޓު ހުންނާނެ ކަމަށެވެ.
މީގެ އިތުރުން ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާ ކަމަށްވެސް އެ އިދާރާއިން ބުނެއެވެ.
އެހެންކަމުން ހުރިހައި ފަރާތްތަކުން އަދި ޚާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގައި ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އަންގައިފަ އެވެ.