English Edition
Dhivehi Edition

މުޅި ދުނިޔެއަށް ފެތުރިފައިވާ ސިއްހީ ވަބާ ކަމަށްވާ ކޮވިޑް 19 އާއި ގުޅިގެން ގިނަ ބައެއްގެ ދިރިއުޅުމަށް މިވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ގިނަ ވަގުތު، ކަމެއް ނެތި ގޭގައި ތިބެން ޖެހުމުން ހަށިގަނޑަށް ކަންނެތްކަން ވެރިވެ ބަރުދަން އިންތިހާއަށް އިތުރުވެ ވަގުތު އޮންނަނީ ދިގުވެފައެވެ. ކުރަން ޖެހޭ މާބޮޑު ކަމެއް ނެތުމުން ދުވާލުގެ ބޮޑުބައި ފޯނާއި މާބޮޑަށް ދޯޅުވެ ސޯޝަލް މީޑިއާގައި ހޭދަކުރެވޭ ވަގުތު ވަނީ ގިނަވެފައެވެ. ޓީވީ އިން މެދުކެނޑުމެއްނެތި ކޮވިޑްގެ ނުރައްކަލާ ބެހޭ ގޮތުން ދައްކަމުން ގެންދާ ވާހަކަތައް އަޑު އިވިއިވި ތިބެނީ އެއްގޯސްވެފައެވެ.

ނަމަވެސް މި ހުރިހާ ހާސްކަމަކުން ދުރުވެތިބެ ހިތް އުފާކޮށް، ތަފާތު ދިރިއުޅުމަކަށް އައްޑޫސިޓީގެ މަރަދޫ ރައްޔިތުން މިވަނީ އެމީހުންގެ ދިރިއުޅުން ބަދަލުކޮށްފައެވެ. ކޮންމެ ދުވަހަކީ މިހާރު އެމީހުންނަށް ޕިކުނިކު ދުވަހެކެވެ. ހެނދުނުގެ އިރާއެކު އާއިލާ އާއި އަވައްޓެރިން އެކީގައި ބައިބަޔަށް ސައިހަދައިގެން ތިބެ ކައިބޮއި މަޖާކޮށް، މަރަދޫގެ ހިތްގައިމު ގޮނޑުދޮށްތަކުން އެމީހުން ދަނީ އުފާހޯދަމުންނެވެ. އެންމެން ވެގެން ނިކުމެ އެމީހަކަށް ވެވުނު މިންވަރަކުން ގޮނޑުދޮށްތައް ސާފުކޮށް ރީތިކުރުމުގެ ފޯރި ދަނީ އިންތިހާއަށް އިތުރުވަމުންނެވެ. މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދެވޭފަދަ ތަނަވަސް މީހުން ގެންދަނީ އެތަންތަން ޒީނަތްތެރިކުރުމަށް ހެޔޮ ހިތުން ޚަރަދުކޮށްދެމުންނެވެ. ކޮންމެ ދިމާއަކުން ސިފަވަނީ ރިސޯޓެއްގެ ހިތްގައިމު ބީޗެކެވެ. އެކުވެރިކަމުގެ މާހައުލެކެވެ. ޓެކްނޮލޮޖީގެ އާލާތްތަކުން ދުރުވެ، ފިކުރެއް އަދި ޚިޔާލެއް ނެތި ދުވެ އުޅޭ ކުޑަކުދިންތަކެވެ.

“އެންމެންގެ އަތިރި” ” ތިރިފަޅާނޑި އަތިރި( އައު އަތިރި)” ” އެޅާނޑި ފަންނަ” މިއީ މުޅިންވެސް އަތިރިމަތި ތަކާއި ގުޅުވައި އަލަށް އަޑުއިވެމުންދާ ނަންތަކެވެ. މީގެ ކުރިން ބޮޑެތި ކުނިގޮނޑުތަކަށް ވެފައި ހުރި ކުނިގޮނޑުތައް ސާފުކުރީ މަރަދޫ ރައްޔިތުން ނިކުމެ އެމީހުން އަމިއްލައަށެވެ. އެމަސައްކަތް ކުރުމަށް ކުރަންޖެހުނު ހުރިހާ ޚަރަދެއްގައި ހިފީ ރައްޔިތުންނެވެ. ފިނިމައިޒާން ތަކާއި ޕާކުތައް ހެދުމަކީ ކައުންސިލްގެ މެންޑޭޓްގައި ހިމެނޭ ކަމެއް ނަމަވެސް މި މަސައްކަތް މަރަދޫ މީހުން ކުރި އިރު ކައުންސިލުން އެއްވެސް އަޅާލުމެއް ލިބުނުކަމެއް އެނގިފައެއް ނެތެވެ. ފޮޓޯ އަކުން ވިޔަސް އެފަދަ ބޭފުޅެއް ފެންނަން ނެތުން އެއީ އޭގެ ހެއްކެކެވެ.

ގިނަ ދުވަސްތަކެއްވަންދެން ކުނި ގޮނޑަކަށް ވެފައި ހުރި ތަންތަނުން ކުނި އުކާލުމުގެ މަސައްކަތާއި އެތަނަށް ވެލިލައި ރީތިކުރުމަށް ކުރަން ޖެހުނު ހުރިހާ ކަމެއް ރައްޔިތުން ނިކުމެ ކުރީ އެމީހުންގެ ރަށަށްޓަކައެވެ. ރަށުގެ ރައްޔިތުންގެ އުފަލަށްޓަކައެވެ. ނަތީޖާއަކަށް ވެގެން ދިޔައީ މި އަތިރި މަތިތަކަކީ މަރަދޫގެ ރައްޔިތުންގެ އިތުރަށް އައްޑޫގެ ގިނަ ބަޔަކު ހިތް އުފާކޮށްލުމަށް ދާ ތަންތަނަށް ވުމެވެ. އެތަންތަނަށް ޕިކުނިކު ދާ މީހުން އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުން ދިއުމެވެ.

“މިއީ ލޮކްޑައުންގައި ތިބި އިރު ގެއާއި ދިމާއިން އަތިރިމަތި ސާފުކޮށް އެތަނުގައި ތިބެގެން އާއިލާގެ އެންމެން ވެގެން ސައިހަދައި ގުޅުން ބަދަހި ކުރުމަށްޓަކައި ފެށި މަސައްކަތެއް. މި ސަރަހައްދުގެ ބޮޑު ބަޔެއް މިވަނީ މިހާރު ސާފުކުރެވިފައި. މިގޮތަށް ހަދާލުމުން މިއޮތީ ރިސޯޓެއްގެ ބީޗެކޭ އެއް ފެންވަރަށް މިތަން ރީތިކުރެވިފައި. މި ސަރަހައްދުގެ މީހުން ނިކުމެ ކޮންމެ ދުވަހަކު ދެއިރަށް ބީޗް ކަހާ ސާފުކުރަމުން މިދަނީ. މި މަސައްކަތުގެ ސަބަބުން ރަށުގެ ގިނަ މީހުން މިވަނީ މި ފޯރީގައި އެކި ދިމަ ދިމާއިން ބީޗް ރީތިކޮށް ސާފުކުރުމުގެ މަސައްކަތް ފަށާފައި” މަރަދޫ “އެންމެންގެ އަތިރި” ހެދުމުގެ މަސައްކަތުގައި އިސްކޮށް މަސައްކަތް ކުރާ ޒުވާނެއް ކަމަށްވާ އާތިފް ކިޔައިދިނެވެ.

އެންމެންގެ އަތިރިއަށް ފަހު ދެން ފެނިގެން ދިޔައީ “އެޅާނޑި ފަންނަ” އެވެ. “އޭއޯ” ޓީމުން އެތަން ބަލާލުމަށް ދިޔަ އިރުވެސް ފޭދޫ އާއިލާއެއް އެތަނުގައި ޕިކުނިކު ހަދަމުން ދިޔަ ތަން ފެނުނެވެ. އަދި ހަވީރު ފިންޏަށް ހިތަދޫ އާއިލާއެއް އައިސް އެތަނުގައި ހަދާފައިވާ ފޮޓޯ ބޫތުގައި ފޮޓޯ ނަގަމުން ދިޔަތަން ފެނުނެވެ.

“އަހަރެމެން ފަތިސް ނަމާދަށް ފަހު މި ސަރަހައްދުގެ އެންމެން މިތަނަށް އައިސް އެންމެން އެކީގައި ސައިބޮއި ހަދަނީ. ދުވާލު ހަޔަކުން ހަވީރު ހަޔަކަށް މިތަން އޮންނަނީ ހުޅުވާފައި. ކައިބޮއި ހަދަނީ މިތަނުގައި. ކުޑަކުދިން ތިބޭނީ މިތިބަ ގަސްތަކަށް އަރައި ކުޅެ އަދި މޫދުގައި. މިއީ ކުޑައިރު އަޅުގަނޑުމެން އުޅުނު ދިރިއުޅުން މިކުދިންނަށް ހޯދައި މިދެވެނީ. މިއީ ޗުއްޓީ ދުވަސްކޮޅެއް ކަމުން އާއިލާ އެކީގައި ވަގުތު ހޭދަކޮށް ބޭނުންތެރި މަސައްކަތެއް ކޮށް އުފާވެރި މާހައުލެއް ހޯދައި މިދެވެނީ. މިހެން ތިބޭ އިރު އެމީހަކަށް ކުރެވުނު މަސައްކަތެއް ކޮށް ތަން ސާފުކޮށް ޒީނަތްތެރިކުރުމަށް މަސައްކަތް ކުރަމުން މިދަނީ” އެޅާނޑި ފަންނަ ބީޗު ހެދުމުގެ މަސައްކަތުގައި އިސްކޮށް މަސައްކަތް ކުރާ އެއްފަރާތެއް ކަމަށް ވާ އަމީޒާ ޚަލީލް ކިޔައި ދިނެވެ.

އޭއޯ ޓީމުން ދެން ދިޔައީ އައު އަތިރިއަށެވެ. އެތަނުގެ ބީޗް ވެސް ބޮޑުވެފައި ސާފެވެ. އެތަނުގައި އިސްކޮށް މަސައްކަތް ކުރަމުން ދިޔަ ތަން ފެނުނީ ޝަރަފުއްދީން ސްކޫލުގެ ޕްރިންސިޕަލް މުސައްވިރާއި އައްޑޫސިޓީ ކައުންސިލްގެ ކުރީގެ ޑެޕިޔުޓީ މޭޔަރ ތައްޔިބެވެ.

“މިއީ އަހަރެމެންގެ ސަރަހައްދު. އެންމެން ނިކުމެ އުފަލުން މަސައްކަތް ކޮށް ސާފުކޮށް ރީތި ކުރަމުން މިދަނީ. ބޭނުމަކީ މަރަދޫގެ ގޮނޑުދޮށްތައް އެކީގައި ސާފުކޮށް ގުޅާލުން. މަރަދޫ ރައްޔިތުންނަކީ އިޖުތިމާއީ ގުޅުން ވަރުގަދަ ބަޔެއް. ރަށުގެ ކަންކަމުގައި އަބަދުވެސް ތައްޔާރަށް ތިބޭ ބައެއް. މި ތަންތަން ބަލާލިޔަސް އެކަން ފެނިގެންދާނެ” ތައްޔިބު ކިޔައިދިނެވެ.

ހޭޅިފަށް ސާފުކޮށް ރީތި ކުރުމުގެ އިތުރުން މުސްތަގުބަލުގައި ވެސް އެތަންތަން އެގޮތުގައި ދެމެހެއްޓޭނެ ގޮތެއް ހެދުމަށް އެންމެންވެސް ދަނީ ވިސްނަމުންނެވެ. މީގެ އިތުރުން އެތަންތަން އިތުރަށް ތަރައްގީކޮށް ދަތުރު އަންނަ މީހުންނަށް ފަސޭހައިން ޚިދުމަތް ލިބޭނެ ގޮތްތައް ހެދޭތޯ ދަނީ ބަލަމުންނެވެ. ތަން ޒީނަތްތެރިކޮށް ބޭއްވުމާއި ކުނި އުކާލެވޭނެ ފަސޭހަ އިންތިޒާމުތައް ދަނީ ހަމަ ޖައްސަމުންނެވެ.

އައްޑޫގެ އެހެން ރަށްތަކާއި ޚިލާފަށް މަރަދޫ ފާހަގަ ކޮށްލެވެނީ މަސްވެރި ރަށެއްގެ ގޮތުގައެވެ. އެ މަސައްކަތުން ނަފާ ހޯދައި އަމިއްލަ ރަށުގައި ތިބެގެން އާމްދަނީ ހޯދާ ހީވާގި ބައެއްގެ ގޮތުގައެވެ. ނަތީޖާއަކަށް ވެގެން ދިޔައީ ކޮވިޑް 19 އާއި ގުޅިގެން ގިނަ ބަޔަކު އިގްތިޞާދީ ގޮތުން އިނދަ ޖެހުނު އިރު އެމީހުން ކަންބޮޑުވާން ނުޖެހުނު ކަމެވެ. ރިސޯޓުތަކުގައި މަސައްކަތް ކުރާ އެރަށުގެ ޒުވާނުން ރަށަށް އައިސް ދެއަތް އުރާލައިގެން އާމްދަނީއެއް ނެތި ތިބެން ނުޖެހެއެވެ. އެ ޒުވާނުންގެ ތެރެއިން 90 އިންސައްތަ ޒުވާނުން ފާއިތުވި ދުވަސްތަކުގައި ދިޔައީ މަހަށެވެ. އާމްދަނީ ހޯދީ އެގޮތުންނެވެ.

މިހުރިހާ ތަފާތު ކަމަކާއެކު، ރަށު ބަންދުގައި ތިބެން ޖެހުނު ދުވަސްވަރަކާ ދިމާކޮށް މަރަދޫގެ ރައްޔިތުން ނިކުމެ ކޮށްފައި މިވަނީ ސަޅި މަސައްކަތެކެވެ. އެމީހުންނާއި އެމީހުންގެ އާއިލާ އަށް ކޮންމެ ދުވަހަކީ އުފާވެރި ދުވަހެކެވެ. އެމީހުން ދިރިއުޅެމުން ދަނީ ޕިކުނިކުގެ ދުނިޔެއެއްގައެވެ. ގުދުރަތީގޮތުން ލިބިފައިވާ ސާފު މޫދާއި ހުދު ދޮންވެލިގަނޑުން އަގަކާއި ނުލައި އުފާހޯދަމުންނެވެ!!

 

2 ކޮމެންޓް
މީދޫކޮއްޔާ
އޮގަސްޓް 6, 2020
މީދޫ މީހުން އިސްވެ އަތެޅެ އެންމެންނަށް ނަމޫނާ ދައްކަފިޔަ . އެކަމުގެ ފޮނި މޭވާ މި ފެނެނީ
Niegei
އޮގަސްޓް 6, 2020
Coucilaau sarukaaraau mi hithadhoo myhun k kei thibei rahrashi myha namoonaa thebe dhakkathaa farudhee hithun very thibi Lankan kohgen huh Hama jassagen thibi Mei nimenei nuni