English Edition
Dhivehi Edition

އައްޑޫ ސިޓީ މަރަދޫ މަސް މާރުކޭޓު ޢިމާރާތް އެޅުމުގެ މަޝްރޫޢުގެ މަސައްކަތް، ލޯކަލް ގަވަރމަންޓް އޮތޯރިޓީން އައްޑޫ ސިޓީ ކައުންސިލާ މިއަދު ހަވާލުކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު މިކަމަށްޓަކައި އޮންލައިންކޮށް ބޭއްވެވި ރަސްމިއްޔާތެއްގައި އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މޭޔަރ، އަލްފާޟިލް ޢަބްދުﷲ ޞާދިޤެވެ. އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ އޮތޯރިޓީގެ ސީ.އީ.އޯ، އަލްފާޟިލާ ފާތިމަތު އަފްޝަން ލަޠީފެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މޭޔަރ ވިދާޅުވީ، އިދާރީ ގޮތުން ނިންމަންޖެހޭ ކަންތައްތައް ނިންމުމަށްފަހު މި މަޝްރޫޢުގެ މަސައްކަތަށް ވީ އެންމެ އަވަހަކަށް އިޢުލާން ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައެވެ.

މި ރަސްމިއްޔާތުގައި މަރަދޫ ދާއިރާގެ ކައުންސިލަރ، އަލްފާޟިލް ފައިސަލް އިބްރާހިމް ދެއްކެވި ވާހަކަފުޅުގައި، މިހާ އަވަސް މުއްދަތެއްގައި މަރަދޫ މަސް މާރުކޭޓު ޢިމާރާތް އެޅުމުގެ މަޝްރޫޢުގެ މަސައްކަތް ސިޓީ ކައުންސިލާ ހަވާލުކޮށްދެއްވި ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އަށާއި، މިނިސްޓަރ އޮފް ފިނޭންސް އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ޝުކުރު ދެންނެވިއެވެ.

އައްޑޫ ސިޓި މަރަދޫގައި މަސް މާރުކޭޓު ޢިމާރާތް އެޅުމުގެ މަޝްރޫޢުގެ މަސައްކަތުގެ ޖުމުލަ ބަޖެޓަކީ 3،900،000 (ތިން މިލިއަން ނުވަ ލައްކަ) ދިވެހި ރުފިޔާއެވެ.