English Edition
Dhivehi Edition
ޖުލައި 15 ވަނަ ދުވަހު ރާއްޖެ އައި ފަތުރުވެރިންތަކެއް ބޯޓުން ފައިބަނީ - ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

ރާއްޖެ އައި އިތުރު ފަތުރުވެރިއަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

މިރޭ ހެލްތު އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ)ގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު، ޑރ. ފާތިމަތު ނަޒްލާ ރަފީޤު ވިދާޅުވީ ޕޮޒިޓިވްވެފައި ވަނީ އޮބްލޫ ސަން ރިސޯޓަށް އައި ފަތުރުވެރިއެއް ކަމަށާއި، އޭނާގެ އާއިލާ ޓެސްޓް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އޭނާ މިހާރު ހުރީ އެ ރިސޯޓްގައި ކަމަށާއި، އޭނާ ޕޮޒިޓިވްވެފައި ވަނީ ރާއްޖެއިން ފުރުމަށްޓަކައި ކޮވިޑަށް ޓެސްޓްކުރުމުން ކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވި އެވެ.

ނިމިގެންދިޔަ ޖުލައި މަހުގެ 26 ވަނަ ދުވަހުވެސް ރާއްޖެ އައި ފަތުރުވެރިއަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ.

ކޮވިޑް-19 ފެތުރެން ފެށުމާއި ގުޅިގެން ރާއްޖެ ފުރަބަންދުކޮށް ބޯޑަރުތައް ބަންދުކުރުމަށްފަހު، ބޯޑަރު އަލުން ހުޅުވާލާފައި ވަނީ ޖުލައި 15 ވަނަ ދުވަހު އެވެ. އިމިގްރޭޝަނުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު 1،769 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، އޭގެ ތެރޭގައި އެންމެ ގިނައީ އިނގިރޭސިވިލާތާއި އެމެރިކާއިން އައި ފަތުރުވެރިންނެވެ. އެ ދެ ޤައުމަކީ ދުނިޔޭގައި ކޮވިޑް-19 އެންމެ ބޮޑަށް ފެތުރިފައިވާ ޤައުމުތަކުގެ ލިސްޓުގައި ހިމެނޭ ދެ ޤައުމެވެ.