English Edition
Dhivehi Edition
މާލޭގައި ހުންނަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ - ފޮޓޯ: މުޙައްމަދު ޝަރުހާން (މިހާރު)

ރާއްޖޭގެ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ބޭންކްތައް މާދަމާ ހުޅުވާނެ ކަމަށް އެ އޮތޯރިޓީން ބުނެފި އެވެ.

އެމްއެމްއޭ އިން ބުނީ އޮގަސްޓް 04 އިން އޮގަސްޓް 06 ގެ ނިޔަލަށް ސަރުކާރުގެ އޮފީސްތައް ނުހުޅުވާ ގޮތަށް ހަމަޖެއްސުމާއި ގުޅިގެން، އެ އޮތޯރިޓީ އާއި ބޭންކްތައް އޮގަސްޓް 04 ވާ އަންގާ ދުވަހު ހުޅުވާފައި ހުންނާނެ ކަމަށެވެ. އެގޮތުން މާދަމާ ހެނދުނު 08:30 އިން މެންދުރުފަހު 02:00 އަށް ބޭންކްތަކުން ޚިދުމަތްދޭނެ އެވެ.

މިނިވަން ދުވަހާއި ގުޅިގެން މިދިޔަ ހަފްތާގައިވެސް ސަރުކާރު ބަންދުކުރިއިރު، އެމްއެމްއޭ އާއި ބޭންކްތަކުން ވަނީ ޖުލައި 29 ވަނަ ދުވަހުވެސް ޚިދުމަތް ދީފައެވެ.

ރައީސް އޮފީހުން މިއަދު ބުނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި، 2020 އޮގަސްޓު މަހުގެ 4 ވަނަ ދުވަހުން ފެށިގެން 6 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުގެ އޮފީސްތައް ނުހުޅުވާގޮތަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާ ކަމަށެވެ.

އަދި މި މުއްދަތުގެ ތެރޭގައި މުވައްޒަފުން، ގޭގައި ތިބެގެން ކުރެވެން ހުރި މަސައްކަތްތައް، ގޭގައި ތިބެގެން ކުރައްވަމުން ގެންދެވުމަށާއި، ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެއްވެން ހުރި ހުރިހައި ޚިދުމަތްތަކެއް އޮންލައިންކޮށް ދެއްވަމުން ގެންދެވުމަށްވެސް ވަނީ ހަމަޖައްސަވާފައެވެ.