English Edition
Dhivehi Edition
ކުރީގެ ހައުސިންގ މިނިސްޓަރ، ޑރ. މުޙައްމަދު މުއިއްޒު - ފޮޓޯ: ހުސެއިން ވަހީދު (މިހާރު)

ސަރުކާރުން ރައްޔިތުންނާ ދޭތެރޭ ކަންބޮޑުވެ އަޅާލާތަނެއް ނުފެންނަ ކަމަށް ކުރީގެ ހައުސިންގ މިނިސްޓަރ އަދި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް، ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޑރ. މުއިއްޒު މިހެން ވިދާޅުވީ މިރޭ ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި މުއިއްޒު ވިދާޅުވެފައި ވަނީ ކޮވިޑްގެ ޙާލަތު ޤައުމުގައި ގޯސްވަމުންދާއިރު، ސަރުކާރުން ޤައުމުގެ ރައްޔިތުންނާ ދޭތެރޭ ކަންބޮޑުވެ އަޅާލާތަނެއް ނުފެންނަ ކަމަށެވެ.

“ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްވުރެ އިސްކަންދޭ އެހެން ކަންތައްތަކެއް ސަރުކާރަށް އޮތީތޯ؟”، މުއިއްޒުގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

ޑރ. މުއިއްޒު މިހެން ވިދާޅުވިއިރު، ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. މިދިޔަ އޭޕްރީލް މަހުގެ ވަނަ 15 ވަނަ ދުވަހު މާލެ ސިޓީން ކޮވިޑް-19 ފެނުމާއި ގުޅިގެން ފުރަބަންދުކުރުމަށްފަހު، ސަރުކާރުން ވަނީ ޖޫން މަހުން ފެށިގެން ފުރަބަންދަށް ލުއިދޭން ފަށައިފަ އެވެ. އަދި މިހާރު ފުރަބަންދަށް ބޮޑެތި ލުއިތަކެއް ދީފައިވާއިރު، ޖުލައި 15 އިން ފެށިގެން ރާއްޖޭގެ ބޯޑަރުތައްވެސް ވަނީ ހުޅުވާލައިފަ އެވެ.

އަދި އޭގެ ފަހުން ކޮވިޑް-19ގެ ކޭސްތައް ރާއްޖޭގައި ގިނަވަމުންދާއިރު، ބައެއް މީހުން ދަނީ ފުރަބަންދު އިތުރަށް ހަރުކަށިކޮށް ބޯޑަރު ބަންދުކުރުމަށް ގޮވާލަމުންނެވެ.

މިއަދު އެކަނިވެސް ރާއްޖެއިން 215 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، މިވަގުތު މި ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދުވެސް ވަނީ 1،489 އަށް އިތުރުވެފަ އެވެ. އަދި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ދެ ދިވެއްސަކު ވަނީ މި ބަލީގައި މަރުވެފައެވެ.