English Edition
Dhivehi Edition
އެންގުންތަކާއި ހިލާފުވުމުން އެޗްޕީއޭއިން ހަރުކުރި ބަންދު ކުރި ކަމުގެ ނޯޓިސް - ފޮޓޯ: މުހައްމަދު އަފްޒަލް (ވަގުތު)

ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމުގެ ގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެކުލަވާލާފައިވާ އުސޫލުތަކާއި ޚިލާފުވެގެން މިއަދު 40 ތަނެއް ބަންދުކޮށްފި އެވެ.

އެގޮތުން އެޗްޕީއޭ އިން ހާމަކުރާ ގޮތުގައި މިއަދު ވަނީ 189 ތަނެއް އިންސްޕެކްޓްކޮށްފަ އެވެ. އޭގެ ތެރެއިން 40 ތަނެއް ވަނީ މިހާރު ވަގުތީ ގޮތުން ބަންދުކޮށްފަ އެވެ.

އެގޮތުން އެޗްޕީއޭ އިން ބަންދުކުރި ތަންތަނުގެ ތެރޭގައި ނުވަ ސެލޫނަކާއި، 14 ފިހާރައަކާއި، 16 ކެފޭއާއި ރެސްޓޯރެންޓްގެ އިތުރުން އެއް މާރުކޭޓު ހިމެނެއެވެ.

އެޗްޕީއޭގެ އުސޫލުތަކާއި އެއްގޮތަށް ވިޔަފާރިތައް ހިންގާތޯ ބެލުމަށް “މާސް އިންސްޕެކްޝަން” ފަށާފައި ވަނީ ޖުލައި 30 ވަނަ ދުވަހު އެވެ. އެގޮތުން ގްރޭޓަރ މާލެ ސަރަޙައްދުގައި ހިންގަމުންދާ އެ ޚާއްސަ އޮޕަރޭޝަންގެ ދަށުން މިހާތަނަށް 323 ތަނެއް އިންސްޕެކްޓްކޮށް، ޖުމްލަ 93 ތަނެއް ވަނީ ބަންދުކޮށްފަ އެވެ.

މާލެ ސަރަޙައްދުގައި އެޗްޕީއޭ އިން މި ޚާއްސަ އޮޕަރޭޝަން ފަށާފައި މިވަނީ ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށްވެފައި ވަނިކޮށް، އަނެއްކާވެސް ކުއްލިއަކަށް ޕޮޒިޓިވް ކޭސްތައް އިތުރުވަމުން ދިއުމާއި ގުޅިގެންނެވެ.