English Edition
Dhivehi Edition
މާލޭ އިސްލާމީ މަރުކަޒުގައި 2019 ވަނަ އަހަރުގެ އަޟްހާ ޢީދު ނަމާދުގައި ބައިވެރިވި ބައެއް މީހުން - ފޮޓޯ: ރައީސް އޮފީސް

ބޮޑެތި ބަލިތައް ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުން މިސްކިތަށް ނުދިއުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން މިފަދައިން އިލްތިމާސްކޮށްފައި ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރިފައިވާ މި ދަނޑިވަޅުގައި ޢީދު ނަމާދަށް އައުމުގައި ސަމާލުވާންޖެހޭ ކަންތައްތައް ހާމަކޮށް އާންމުކުރި މަޢުލޫމާތުތަކުގައެވެ.

އެގޮތުން މި އަހަރުގެ އަޟްޙާ ޢީދު ދުވަސް ހުކުރު ދުވަހާ ދިމާވުމުން މި ދެ ނަމާދުގެ ތެރެއިން ކޮންމެވެސް އެއްނަމާދަކަށް އައުމަށް މިނިސްޓްރީ ގެ ފަރާތުން އިލްތިމާސް ކުރައްވައެވެ. އަދި އަންހެނުންނާއި ކުޑަކުދީން މިސްކިތަށް ނައުމަކީ މިނިސްޓްރީން ބާރު އަޅާ ގޮތްކަމުގައި ވަނީ ހާމަކޮށްފައެވެ.

މީގެ އިތުެުން އާ ޢާއްމު ޙާލަތުގެ ދަށުން މިސްކިތްތައް ހުޅުވުމުގެ ގޮތުން މިނިސްޓްރީގެ ފަރާތުން ޢިލްތިމާސް ކުރައްވާފައިވާ ފަދައިން، ޢީދު ނަމާދަށްވެސް، ބޮޑެތި ބަލިތަކަށް ބޭސްކުރައްވާ ފަރާތްތަކާއި ފުއްޕާ މޭގަ މައްސަލަ ހުންނަ ފަރާތްތަކާއި، ދުވަސްވީ މީހުންނާއި، ބަލީގެ ޢަލާމާތެއް ހުންނަ ފަރާތްތަކުން މިސްކިތަށް ހާޟިރުނުވުމަށްވެސް އެ މިނިސްޓްރީން ވަނީ އެދިފައެވެ.

ހަމަ އެހެންމެ ގައިދުރުކަން ދެމެހެއްޓުމަށްޓަކައި މިސްކިތަށް ދާ ބޭފުޅުން އަމިއްލަ މުސައްލައެއް ގެނައުމަށާއި، އަނެކާގެ މުސައްލަ މައްޗަށް މުސައްލަ ނޭޅުމަށާއި އެމީހެއްގެ މުސައްލަ މަތީގައި ހުރެގެން ނަމާދު ކުރުމަކީ މި ޙާލަތުގައި ބާރުއަޅާގޮތް ކަމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން ހާމަކުރެއެވެ. އަދި ކޮންމެ ބޭފުޅަކުވެސް މާސްކް އަޅައިގެން ވަޑައިގަތުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށްވެސް އެ މިނިސްޓްރީން އެދެއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ބޮޑު ޖަމާޢަތުގައި ނަމާދު ނުކުރާގޮތަށް މިނިސްޓްރީގެ ފަރާތުން ނިންމާފައިވާއިރު، މާލެ ސިޓީގައި ޢީދު ނަމާދު ކުރުން މާލޭގެ ހުކުރު ކުރާ ހުރިހައި މިސްކިތެއްގައި ހަމަޖެހިފައިވާކަން ވަނީ އަންގައިފައެވެ. ނަމަވެސް އަންހެން ބޭފުޅުން ވަޑައިގެން ޢީދު ނަމާދުކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވަނީ ހަމައެކަނި މާލޭގެ އިސްލާމީ މަރުކަޒު، ވިލިމާލޭގެ މަސްޖިދުލް ބިއްރި އަދި ހުޅުމާލޭގެ މަސްޖިދުލް ޢަޒީޒާ މޫސާގައި ކަމަށްވެސް އެ މިނިސްޓްރީން ބުނެފައި ވެއެވެ.