English Edition
Dhivehi Edition

ނުކުޅެދުންތެރިކަން ހުންނަ ކުޑަކުއްޖަކު ރޭޕްކުރުމުގެ ސަބަބުން ބަނޑުބޮޑުވި މައްސަލައާއި ގުޅިގެން ހައްޔަރުކުރި އެކުއްޖާގެ ޅިޔަނު ކަމަށްވާ ފ.ފީއަލި، ފީރޯޒްގެ އިބްރާހީމް ޝާފިޢުގެ މައްޗަށް ދަޢުވާ އުފުލައިފި އެވެ.

ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހުން މިއަދު ބުނީ ޝާފިޢުގެ މައްޗަށް އުފުލާފައި ވަނީ އިތުބާރުކުރެވޭ މަޤާމެއްގައިހުރެ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލު ހިންގުމުގެ ކުށުގެ ދަޢުވާ ކަމަށެވެ. އޭނާގެ މައްޗަށް އެ ދަޢުވާ އުފުލާފައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 9 ވަނަ މާއްދާގެ ދަށުންނެވެ.

މިކުށް ސާބިތުވެއްޖެނަމަ ޝާފިޢުގެ މައްޗަށް 15 އަހަރާއި 18 އަހަރާދެމެދުގެ މުއްދަތަކުގެ ޖަލު ޙުކުމެއް އަންނާނެ އެވެ.

އެ މައްސަލައާއި ގުޅިގެން ޝާފިޢު ހައްޔަރުކޮށްފައި ވަނީ މި ހިނގާ ޖުލައި މަހުގެ ދެވަނަ ދުވަހު ކަމަށްވާއިރު، އެ މައްސަލައިގައި އަނިޔާ ލިބުނު ކުއްޖާ މިހާރު ހުރީ ދައުލަތުގެ ބެލުމުގެ ދަށުއެވެ.

ފަހަކަށް އައިސް ރާއްޖޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް އިތުރުވެފައިވާއިރު، ޕީޖީ އޮފީހުން ވަނީ މީގެ ކުރިންވެސް އެފަދަ މައްސަލަތަކުގައި ތުހުމަތު ކުރެވޭ ގިނަ ބައެއްގެ މައްޗަށް ދަޢުވާ އުފުލައިފަ އެވެ.