English Edition
Dhivehi Edition
2019 ވަނަ އަހަރުގެ އަޟްހާ ޢީދު ނަމާދުގައި ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައިވެެރިވެވަޑައިގަަތުން - ފޮޓޯ: ރައީސް އޮފީސް

މި އަހަރުގެ އަޟްހާ ޢީދު ނަމާދު މާލޭގައި ބޮޑު ޖަމާޢަތުގައި ނުކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީ ބުނީ އަންނަ އަޟްހާ ޢީދު ނަމާދު، މާލެ ސިޓީގައި ބޮޑު ޖަމާޢަތުގައި ސްޓޭޑިއަމްގައި ނުކުރާ ގޮތަށް ނިންމާފައިވާ ކަމަށެވެ. އަދި މާލެ ސިޓީގައި ޢީދު ނަމާދު އޮންނާނީ އިސްލާމީ މަރުކަޒާއި ހުކުރު ކުރާ މިސްކިތްތަކުގައި ކަމަށްވެސް އެ މިނިސްޓްރީން ބުނެފައި ވެއެވެ.

މިގޮތަށް ނިންމާފައި ވަނީ ރާއްޖޭގައި އަދިވެސް ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދިއުމާއި ގުޅިގެން، އެ ބަލިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.

މި އަހަރުގެ ފިޠުރު ޢީދު ދުވަސްވެސް އައީ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން، މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުން މަނާކޮށްފައި ވަނިކޮށެވެ. އެހެންނަމަވެސް ތިން މަސް ދުވަހުގެ މެދެކެނޑުމަކަށްފަހު، މި ހިނގާ ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން މާލެ އާއި ހުޅުމާލެ އަދި ވިލިމާލެ އާއި ތިލަފުށީގެ އިތުރުން ގުޅިފަޅުގެ ހުރިހާ މިސްކިތެއްގައި ޖަމާޢަތުގައި ނަމާދުކުރުން އެންމެ ރަނގަޅު ކަމުގައި އިސްލާމިކް މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.

މި އަހަރުގެ އަޟްހާ ޢީދު ދުވަހަކީ ޖުލައި 31 ވާ ހުކުރު ދުވަހެވެ.