English Edition
Dhivehi Edition

ޞައްޙަ ޕާސްޕޯޓަކަށް ބަދަލު ގެނެސްގެން ރާއްޖެ އެތެރެވާން އުޅުނު ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަނުން ހުއްޓުވައިފި އެވެ.

އިމިގްރޭޝަނުން މިއަދު ކުރި ޓްވީޓެއްގައި ބުނީ ޞައްޙަ ޕާސްޕޯޓަކަށް ބަދަލު ގެނެސްގެން ނުވަތަ ޕާސްޕޯޓު ފޯޖުކޮށްގެން ރާއްޖެ އެތެރެވުމަށް މަސައްކަތް ކުރި ބިދޭސީއަކު ހުއްޓުވާފައިވާ ކަމަށެވެ. އެއީ އުމުރުން 40 އަހަރުގެ ފިރިހެނެކެވެ.

އިމިގްރޭޝަނުން އޭނާ ހުއްޓުވާފައިވާއިރު، އެ ޓްވީޓާއެކު އޭނާގެ ފޮޓޯއެއްވެސް އިމިގްރޭޝަނުން ވަނީ އާންމުކޮށްފަ އެވެ.

ނަމަވެސް މި މައްސަލައާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އިމިގްރޭޝަނުން ހާމަކޮށްފައެއް ނުވެއެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރެން ފެށުމާއެކު ބޯޑަރުތައް ބަންދުކުރުމަށްފަހު، އަލުން ބޯޑަރު ހުޅުވާލާފައި ވަނީ މި ހިނގާ ޖުލައި މަހުގެ 15 ވަނަ ދުވަހު އެވެ. ބޯޑަރުތައް ހުޅުވާލުމާއެކު ރާއްޖެއަށް ފަތުރުވެރިން އަންނަން ފަށާފައިވާއިރު، އިމިގްރޭޝަނުން ހާމަކުރާ ގޮތުގައި ފުރަތަމަ 10 ދުވަސް ތެރޭގައި ރާއްޖެ އައިސްފައި ވަނީ 904 ފަތުރުވެރިންނެވެ.

މީގެ ކުރިންވެސް ނަކަލުކޮށްފައިވާ ޕާސްޕޯޓު ބޭނުންކޮށްގެންނާއި އެކި ގޮތްގޮތުން އޮޅުވާލައިގެން ރާއްޖެ އެތެރެވުމަށް މަސައްކަތްކުރާ ބިދޭސީން އިމިގްރޭޝަނުން ވަނީ ހުއްޓުވައިފަ އެވެ.