ލިޔުނީ: އަހްމަދު ވަހީދު
2019 ވަނަ އަހަރުގެ ފަހުކޮޅު ޗައިނާގެ ވޫހާނުން ފެނުނު ވައިރަހެއް މުޅިދުނިޔެ ކުޑަކަކޫ މައްޗަށް ތިރިކޮށްލައިފާނެކަމަށް ބެލެވޭނެ ޖާގައެއް އެބަ އޮތްތޯއެވެ؟ ކޮންމެއަކަސް މިވައިރަހެއް ފެނުނުތާ ހަތަރުވަރަކަށް މަސްވީއިރު މަންޒަރު ވަރަށް ތަފާތެވެ. ދުނިޔޭގެ އެކިހިސާބުތަކަށް މިވައިރަސް ފެތުރި ދުނިޔޭގެ އެކިއެކި ޤައުމުތަކުގެ ސިއްޙީ ނިޒާމް ވަރުގަދަ އިމްތިހާނަކާއި ކުރިމަތިކުރުވައިފިއެވެ. ތަޖުރިބާކާރުން އަންދާޒާކުރިވަރަށްވުރެ އިޤްތިސާދީ ހާލަތުވެސް މާބޮޑުތަނުން އަޑިއަޅައިލައިފިއެވެ. އަޅުގަނޑުމެންގެ މިކުޑަ ދިވެހިރާއްޖެވެސް މިފަދައެވެ.
ކާންބޯން ދިވެހިން ކޮށްއުޅުނު، ފަތުރުވެރިކަމަށް ބަރޯސާވެފައިވާ މަސައްކަތްތަށް އެކަނިކަމުގައި ވާހިސާބުގައި އޮތްވާ، މޫނުމައްޗަށް ރަގަޅު ބޮނޑިއެއް އަޅުވައިފިއެވެ. އަދިވެސް ހޭލާކަށް ނުވޭތޯއެވެ؟ މަހުޖަނުންގެ ޖީބުގައި ދަޢުލަތް ހިންގައިގެން ރަށްތަކާއި، ފަޅުފަޅާއި އަދި ގިރިތަކާއި ހާތައްވެސް އެބައިމީހުންގެ މިލިއަންޑޮލަރުގެ މުށްތަކުގެ ތެރޭގައި ފިތިބާރުވެފައިވަނިކޮށް ދަޢުލަތްވެސް ހޭލައްވާލާ ވަރުގެ ލޮޓިއެއް އަރައިފިއެވެ. އެހެންނެއް ނޫންތޯއެވެ؟ އަދި ހޭލެވުނަސް ނިމުނީކީއެއްނޫނެވެ. މިޙާލަތުން އަރައިގަނެވުމުން ޤައުމުގެ މިސްރާބު ބަދަލުކޮށްލުމުގެ ފަހި ފުރުޞަތެއް މިއޮތީ ތަނަވަސްވެފައިކަމުގައި ބައެއްފަރާތްތަކުން ބުނަމުންދެއެވެ. ތެދެކެވެ. އިޚްލާސްތެރިކަމާއިއެކު ރައްޔިތުންގެ ލާބައާއި މަންފާއަށް ޤައުމުގެ މިސްރާބު ބަދަލުކޮށްލަން ހަޤީގަތުގައިވެސް މިއޮތީ ރަގަޅު ދަނޑިވަޅެއް ދައްކަވާފައެވެ.
ފުރަމާލޭގައި މަރުކަޒުކުރެވިގެން ޤައުމުހިންގަން މަސައްކަތްކުރުން، އެކީއެކަށް ނިމުމަކަށް ގެނެސް ރާއްޖޭގެ އެކިކަންކޮޅުތަށް ބާރުވެރިކުރުވައި އަމިއްލަފައިމައްޗަށް ތެދުކުރުން ކިހިނެތްވާނެތޯއެވެ؟ ތޮއްޖެހުން ބޮޑު، ތުރާ ގިނަ މާލޭގެ ޙާލަތުގެ ވާހަކަ ކޮންމެދުވަސްވަރެއްގައިވެސް ކުޑަމިންވަރަކަށް ނަމަވެސް ދެކެވެއެވެ. ރަށްރަށުން މީހުން މާލެއަރައި މާލެ ފުރިބާރުވަނީ މިކަންކަން ނޭނގޭތީއެއްނޫނެވެ. މަސްދާނީފެންއޮތްތާކަށް ނޫންތޯއެވެ؟ އެހެނަސް ނުކަތާވަރަށް މީހުން ގިނަވުމުން މާލޭގައި ދިމާވެފައިވާ ދަތިޙާލަތު މިދަނޑިވަޅުގައި ފަހަރެއްގައި އިޙްސާސްކުރެވިދާނެއެވެ. ކުޑަނަމަވެސް ކާރިޘާއަކާއި ލައިގަންނަހިނދު ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށްދެވޭނޭ ހަމައެއްގޮތެއްވެސް ނެތީއެވެ. މާލެ ޙާލުގައި ޖެހިއްޖެނަމަ މުޅި ޤައުމުއެކީއެކަށް އިނދަޖެހުނީއެވެ.
ހިތަށްއަރައެވެ. ރާއްޖޭގެ އެކިދިމަދިމާލުން ހައެއްކަ ސަރަޙައްދު ތަރައްޤީކޮށް އާބާދުކުރެވިގެންދާނޭ ދުރުރާސްތާ ޕްރޮޖެކްޓަކާއިމެދު ސަރުކާރުގެ ވިސްނުން އަނބުރާލެއްވުން ކިހިނެތްވާނެބާއެވެ؟ އެކަކު އަނެކަކަށް އެހީތެރިކަމުގެ އަތެއްވެސް ދިއްކޮށްލެވޭނީ މާލެއަށް ބަރޯސާވުން ކުޑަކުރެވިގެން ނޫންތޯއެވެ؟ ބިންބޮޑު ހައްދުންމައްޗާއި، ޤުދުރަތީ ވަޞީލަތް ގިނަ ހުވަދުއާއި، އާބާދީ ބޮޑު އައްޑޫ އަދި އުތުރުން ކުޅުދުއްފުށި ސިޓީފަދަ ތަންތަން މާލެއަށް ބަރޯސާވުން ހުއްޓުވައިލަން ކިހިނެތްވާނެތޯއެވެ؟ ދަނޑުވެރިކަމާއި މަސްވެރިކަން ކުރިއަރުވަން, އެދެވޭ ނަތީޖާފެންނާނޭ ފަދަ މަސައްކަތްތަކެއް ކުރުން ކީއްތޯއެވެ؟ ޚިޔާލުތަށް ބައިވަރެވެ. ދަޢުލަތް ހިންގަވަން ގަދަބާރުން ޢިއްޒަތް ‘ފޭރިވަޑައިގެން’ ތިއްބެވި ޢިއްޒަތްތެރީންގެ ތެރޭގައި މިބާވަތުގެ ފައިދާހުރި ޚިޔާލެއް ގެންގުޅުއްވާ ހަމައެކަކުވެސް ހުރިހެނެއް ހިއެއްނުވެއެވެ. މިއިންކަމެއް ހިނގައިގަންނާނޭ މަގެއް ލޮލުކޮޅަށްވެސް ފެންނާކަށްނެތެވެ.
ފަތުރުވެރިކަމަށް އެކަނި ބަރޯސާވުން ކުޑަކުރުމަކީ އެއީ އައުލާކަން ބޮޑު ގޮތެކޭ ބުނެ ކެއްކި ޚިޔާލީ ފޮލާތަކެއްގެ އަޑު ތަންކޮޅެއް ގަދަވި ދުވަސްކޮޅެއް މިދޭތެރެއަކުން ގޮސްސިއެވެ. ސަރުކާރުގެ އެކި ވުޒާރާތަކުގެ ވެރީންވެސް މިޒާތުގެ ވާހަކަފުޅުތައް ދައްކަވާ ރައްޔިތުންގެ ޖަޒުބާތުތަކާއި ކޮންމެވެސް ވަރަކަށް ކުޅުއްވަމުން ގެންދެވިއެވެ. ދަނޑުވެރިކަމާއި މަސްވެރިކަމުން ނަފާ ހޯދޭނޭގޮތްތަކެއް ރާއްޖެއަށް މުހިންމު ކަމުގައި، މީސްމީޑިއާގެ މަންސަތަކުގައި ޖޯޝާއި ފޯރިއާއިއެކު ބައެއް ބޭފުޅުން ފާހަގަކުރައްވަމުން ގެންދެވިއެވެ. އެހެންކަމުން ބޮޑެތި ވިޔަފާރިވެރީންގެ މިސްރާބުވެސް އިސާހިތަކު ދަނޑުވެރިކަމާއި މަސްވެރިކަމަށްވެސް ބަދަލުވުމަކީ ފަހަރުގައި ވެދާނެވެސް ކަމެއްނޫންތޯއެވެ؟ ޤައުމު އެމިސްރާބަށް ހިނގައިގެންފިނަމަ ވަކިބައެއްގެ މުށުތެރެއަށް މިދާއިރާތައްވެސް ދާން ސަރުކާރުން ދޫކޮށްލައްވާނީތޯއެވެ؟ ސުވާލަކީ، ސުވާލުކުރުމުގެ ކުރިއަށް ސުވާލުކުރެވޭނޭ ޖާގައެއް، ފުރުޞަތެއް ރައްޔިތުންނަށް އޮތްތޯއެވެ؟
ދިވެހިރާއްޖޭގެ ރަންބިސްއަޅާ ކުކުޅުކަމަށް ގިނަ ބަޔަކު ޤަބޫލުކުރާ ފަތުރުވެރިކަން މަހުޖަނުންގެ ޖީބު އެކަނި ފުރާލަދޭ އެއްޗަކަށް ވެފައިވާކަމީ ފެންނަން އޮތް ހަޤީޤަތެވެ. ދޭސީ އަދި ބިދޭސީ މަހުޖަނުންގެ ޖީބުތައް ފުރިގެން ފައިބާ 1 ޑޮލަރުގެ ހައެއްކަ ނޫޓު، އަޅުން ފެންވަރުގައި ގެންގުޅޭ މުވައްޒަފަކަށް ނުލިބެޔޭ ބުނާކަށް ނެތީމެވެ. އެހެނަސް ފައިސާވެރިޔާ އެކަނި ތަނަވަސްވާނޭހެން ހެދިފައިވާ ޤަވާޢިދުތަކާއި ޢުސޫލުތަކުގެ ސަބަބުން ނުހަނު ގިނަގުނަ ގޮންޖެހުތަކާއި މުޖްތަމަޢު ކުރިމަތިލާކަމީ، ދުނިޔޭގެ ފެންވަރުގައި ޤަބޫލުކުރާ ދިރާސާއެއް ނުހެދިޔަސް ހާމައަށް ފެނަންހުރި ކަންކަމެވެ. ހަރުދަނާ ސިޔާސަތުތަކެއް ކަނޑައެޅި ދިވެހި އެންމެހައި ރައްޔިތުން ޙިއްސާވާގޮތަށް ފުދުންތެރިކަން ބެހިގެންދާނޭހެން، އިޤްތިސާދު ކޮޅަށްޖެހުމުގެ މަސައްކަތް ފަށައިގަނެވިއްޖެނަމަ ޤައުމަށް ދިމާވެފައިވާ ގިނަ ގޮންޖެހުންތަކަކުން އަރައިގަނެވިދާނެއެވެ.
އެތައް ހާސް ދިވެހީންނެއް ވަޒީފާ ގެއްލި މަގުމަތިވެފައިވާއިރު މިޙާލަތުން އަރައިގަތުމަށް ސީދާ ރައްޔިތުމީހާއަށް އެހީއެއްވެދެވޭ ވަރަށްވުރެ ދަޢުލަތް ނިކަމެއްޗެވެ. ސަލާންޖެހުމުގެ ސަޤާފަތަށް ނުހަނު ފަރިތަ ދިވެހިރާއްޖެ ބޭރުގެ އެކިއެކި ފަރާތްތަކުގައި ދަންނަވައިގެން ލިބުނު ފައިސާކޮޅެއްވިއްޔާ އެވެސް ބައްސަވަން ފެނިވަޑައިގަތީ އަތްމަތި ދަތިވެފައި ތިއްބެވި މިލިޔަނަރުން އަދި ބިލިޔަނަރުންނަށެވެ. ‘ޖޮބް ސެންޓަރުން’ ފައިސާކޮޅެއް ލިބުނިއްޔާ އެވެސް ލިބުނީ އަޑިއަށްވުރެ އަޑިންކުޅުނު ބަޔަކަށޭ ބުނާތީވެސް އިވެއެވެ. އިންސާފުވެރިކަމާއިއެކު ހަމަޖެހޭ އަމާން ދިރިއުޅުމެއް ފަސް ލައްކަ ދިވެހީންނަށް ހޯދައިދެވޭނެ ފެންވަރު ދިވެހި ދަޢުލަތުގައި ހަމަ ނެތީތޯއެވެ؟ ބަރުކުރަންވީ މާލެއަކަށް އަދި މުދައުވެރިންގެ މާލިއްޔަތަށް އެކަންޏެއް ނޫނެވެ. ލާމަރުކަޒީ ނިޒާމް ފައްކާކޮށް، ޤައުމުގެ އެންމެންގެ ޖީބަށްވެސް ބަރުކޮށްދެއްވާށެވެ!އަދިވެސް މާލެއަށް ބަރުކުރުން ހުއްޓައިލުމުގެ ވިސްނުމެއް ނެތީތޯއެވެ؟