English Edition
Dhivehi Edition

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީ (އޭއައިއޭ) ގައި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް) ހިއްސާ އޮތް ނަމަވެސް، އައްޑޫ އެއާޕޯޓު ތަރައްގީ ކުރުމުގައި އެ ކުންފުނީގެ އެހީތެރިކަން އެއްވެސް ވަރަކަށް ނުލިބޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ،

ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ހާލަތު ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓާ ގުޅޭ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމުގައި އެ ކޮމިޓީއިންވަނީ އެމްއޭސީއެލް 10 ޕަސެންޓް ހިއްސާ ދޫކޮށްލުން އަވަސް ކުރަން ފިނޭންސް މިނިސްޓްރީގައި އެދެން ނިންމާފައެވެ.

އޭއައިއޭގައި އޮންނަނީ އެމްއޭސީއެލްގެ 10 ޕަސެންޓް ހިއްސާ އާއި ކާސާ ހޯލްޑިންސްގެ 30 ޕަސެންޓު ހިއްސާގެ އިތުރުން ސަރުކާރުގެ 60 ޕަސެންޓް ހިއްސާއެވެ.

އިއްޔެ ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި މެމްބަރު ނިހާދު ވިދާޅުވީ އެއް އިންޓަނޭޝަނަލް އެއާޕޯޓުގެ ހިއްސާ އަނެއް އިންޓަނޭޝަނަލް އެއާޕޯޓުގައި އޮތުމަކީ އެއްގޮތަކަށްވެސް ފެންނަ ކަމެއް ނޫންކަމަށާއި އެމްއޭސީއެލްގެ ހިއްސާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގައި އޮތުމުން މަސްލަހަތު ފުށުއަރާނެކަމަށެވެ. “އެހެންކަމުން އެމްއޭސީއެލްގެ ހިއްސާ އޭއައިއޭ އަށް ވީ އެންމެ އަވަހަކަށް ނެގުމަށް ފިނޭންސް މިނިސްޓްރީއަށް ދެންނެވުން މުހިއްމު،” ނިހާދު ވިދާޅުވި އެވެ.

ނިހާދުގެ މި ހުށަހެޅުމަށް ތުލުސްދޫ ދާއިރާގެ އަމިއްލަ މެންބަރު އިބްރާހިމް ނަސީމް ތާއީދު ކުރައްވާފައިވާއިރު އައިއޭއާ ގުޅޭ ރިޕޯޓަށް ގިނަ އިސްލާހުތަކެއް އިއްޔެގެ ބައްދަލުވުމުގައި ވަނީ ހުށަހަޅާފައެވެ، މި ގޮތުން އޭއައިއޭ ތަރައްގީ ކުރުމަށް އެކުލަވާލާފައިވާ ޑިވެލޮޕްމެންޓް ޕްލޭނުގައި 2020-2025 އަށް 15 މިލިއަން ޑޮލަރު ބޭނުންވާނެ ކަމަށް އަންދާޒާކޮށްފައިވާއިރު އެ ފައިސާ ހޯދުމަށް ބައިނަލްއަގުވާމީ އިދާރާތަކުން ފައިނޭންސް ހޯދުމަށް ނުވަތަ ކޮންޓްރެކްޓް ފައިސޭންސް އުސޫލުން މާލީ އެހީ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް އަވަސްކުރަން އިސްލާހެއް ވަނީ ހުށަހަޅާފައިވެ އެވެ. މީގެ އިތުރުން ސ. ގަމުގައި ހިންގާ ދޫގަސް ތަރައްގީކުރުން އޭއައިއޭގެ ދަށަށް ބަދަލުކުރުމަށް ކުރަން ޖެހޭ މަސައްކަތް އަވަސް ކުރަން އަންގަންވެސް ވަނީ ހުށަހަޅާފައެވެ. މީގެ އިތުރުން، ފައިނޭންސް ކުރާނެ ގޮތާއި ޕްރޮޖެކްޓްތައް ފެށުމުގައި ހަމަޖެހިފައިވާ ތާރީހާއި ޕްރޮޖެކްޓްތައް ތަންފީޒު ކުރާނެ ގޮތް އެނގޭނެ ގޮތުގެ ތަފްސީލު ޕްލޭނެއް އެކުލަވައިލައި ކުރިއަށް އޮތް 45 ދުވަހުގެ ތެރޭގައި އެސްއޯއީ ކޮމިޓީއާ ހިއްސާ ކުރަން އޭއައިއޭ އަށް އަންގަން ކޮމިޓީންވަނީ ފާސްކޮފައެވެ.

މީގެ ކުރިން އޭއައިއޭ އިން ބުނީ ކުންފުނި ހިންގުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ފައިސާގެ ދަތިކަން ކަމަށާއި މަހެއްގެ މައްޗަށް 2.9 މިލިއަން ރުފިޔާ ލިބޭއިރު 3.9 މިލިއަން ރުފިޔާ ހަރަދު ކުރަންޖެހޭކަމަށެވެ. މީގެ އިތުރުން އެ ކުންފުނިން ޕްރޮޖެކްޓްތައްހިންގުމަށް ބޭންކް އޮފް މޯލްޑިވްސް އިން ލޯނެއް ނަގާފައިވާއިރު ލޯނު ދެއްކުމަށް ވެސް ކުންފުނީގައި ފައިސާ ނެތްކަމަށާއި ލޯނުގެ ފައިސާގެ 70 ޕަސެންޓް ސަރުކާރުން ދައްކާ އިރު 30 ޕަސެންޓް ދައްކަނީ ކާސާ ހޯލްޑިންސް އިންކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ،

މީގެ އިތުރުން 2019 ވަނަ އަހަރު ފަހު ކުއާޓަރުގެ ކުއާޓާލީ ރިޕޯޓުގައި އޭއައިއޭ ލިބުނު އާމްދަނީ ދަށަށް ގޮސްފައިވާކަން ފާހަގަކޮށްފައިވާއިރު ޝެއާ ހޯލްޑަރުންގެ އެހީ އާއި ނުލާ އޭއައިއޭ ކރިއަށް ދެވެން ނެތްކަމަށް ޕްރައިވަޓައިޒޭޝަން ބޯޑުން ވަނީ ބުނެފައެވެ،