English Edition
Dhivehi Edition
ކުނާވަށި ރިސޯޓުގައި މަސައްކަތް ކުރާ ބިދޭސީން/ފޮޓޯ ޕޮލިސްމީޑިއާ

ވ. އަތޮޅުގައި ހަދަމުން އަންނަ ރިސޯޓެއްގައި މަސައްކަތް ކުރާ ބިދޭސީންގެ ބަޔަކު އެރަށުގައި ކުރަމުންދާ މަސައްކަތަށް ހުރަސްއަޅައި ހަމަނުޖެހުން ހިންގުމާއި ގުޅިގެން ފުލުހުން އެރަށުގައި ޙަރަކާތްތެރިވާން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ އެރަށުގައި ބިދޭސީން ހިންގި ހަމަނުޖެހުމުގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށާއި އެހެންނަމަވެސް މަސައްކަތުމީހުންގެ ސްޕައިވައިޒަރު މަސައްކަތް ކުރާ ކޮޓަރިއަށް ވަދެ ހަޅުތާލު ކުރި މީހުންވަނީ އެކިވަރުގެ ގެއްލުންދީފައި ކަމަށެވެ. މިމައްސަލަ ހައްލުކުރުމަށް ބިދޭސީންގެ ސްޕޮންސަރުން ވާހަކަ ދައްކަމުން ދާ ކަމަށްވެސް ފުލުހުން ހާމަކޮށްފައިވެއެވެ.

މިހަމަނުޖެހުން ހިންގާފައިވަނީ ވ އަތޮޅުގައި ތަރައްޤީކުރަމުން އަންނަ މޯލްޑިވްސް ކުނާވަށި ރިސޯޓްގައެވެ. ފަހަކަށް އައިސް މުސާރައާއި ޢިނާޔަތް ނުލިބިގެން ބިދޭސީން އިޙްތިޖާޖުކޮށް ހަޅުތާލުކުރުން ވަނީ އިތުރުވެފަ އެވެ.

މިގޮތުން ބ. ބޮޑުފިނޮޅުގައި މަސައްކަތްކުރި ކުންފުންޏަކުން ގެންގުޅުނު ބަޔަކަށް އެތައް މަހެއް ވަންދެން މުސާރަ ނުދީ މަސައްކަތް ކުރުވި މައްސަލާގައިވެސް ބޮޑެތި ހަމަނުޖެހުންތައްމިމަހުގެ 3 ވަނަ ދުވަހު ހިނގައި އެކަންމިހާރުދަނީ ތަހުގީގު ކުރަމުންނެވެ. މި މައްސަލާގައި 19 ބިދޭސީއެއް ވަނީ ހައްޔަރުކޮށްފައެވެ. މި އެންމެންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ ދެފަހަރެއްގެ މަތިން އިތުރުކޮށްދީފައެވެ. ހުޅުމާލޭގައި ވެސް ސިފައިންނާއި ފުލުހުންގެ ފްލެޓްތަކުގެ މަސައްކަތްކުރާ ބިދޭސީ މުވައްޒަފުން ވެސް ވަނީ މުސާރަ ނުލިބިގެންކަމަށްބުނެ ހަމަނުޖެހުން ހިންގައިފަ އެވެ. މި މައްސަލާގައި 41 ބިދޭސީއަކު ހައްޔަރުކޮށް އެމީހުންގެ ބަންދުގެ މުއްދަތަށް 15 ދުވަސް ކްރިމިނަލްކޯޓުން ވަނީ އިތުރުކޮށްފައެވެ.