English Edition
Dhivehi Edition

ޖަލު ހުކުމެއް ގައި ހުންނަވަނިކޮށް ބޭސް ފަރުވާއަށް ގައުމުން ބޭރަށް ވަޑައިގެންނެވުނީ އިންޑިއާގެ ސަބަބުން ކަމަށް ގަބޫލުކުރައްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ތިންކްޓޭންކަކުން ދިން ދައުވަތަކަށް އިންޑިއާއަށް ވަޑައިގެން އެ ގައުމުގެ “ދަ ވަޔާ” ނޫހަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ އެމަނިކުފާނު ޖަލުން ސަލާމަތްވުމުގައި އިންޑިއާއިން މުހިންމު ދައުރެއް އަދާކުރިކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އަދި އިންޑިއާއަށް ވަަޑައިގެންނެވުމަށް އެގައުމުގެ ސަރުކާރުން ދައުވަތު ދިނީ ދިވެހި ސަރުކާރާ މެދު އޮތް ހިތްހަމަނުޖެހުން ފާޅުކުރުމަށްކަމަށް ނަޝީދުވަނީ ވިދާޅުވެފައެވެ.

ނަޝީދުގެ އިންޓަވިއުގައި ވިދާޅުވެފައި ވަނީ ރާއްޖެއާ ޗައިނާއާ އޮންނަ ގުޅުމާ އެމަނިކުފާނު ދެކޮޅު ކަމަށެވެ. އަދި އެ ދެ ގައުމުގެ ދެމެދުގައި ޖެހިގެން އުޅޭ ސަރަހައްދީ ރޮނގުގެ އަރައިރުމުގައި ވެސް ތާއީދު ކުރައްވަނީ އިންޑިއާއަށް ކަމަށް ނަޝީދުވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު، އެމަނިކުފާނަކީ އަބްދުﷲ ގާޒީ ގާނޫނާ ޚިލާފަށް ހައްޔަރުކުރި މައްސަލާގައި 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ބޭފުޅެކެވެ. ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުންދަނިކޮށް ބޭސްފަރުވާއަށް އިނގިރޭސިވިލާތައް ފޮނުވުމުން އެމަނިކުފާނު ވަނީ އެ ގައުމުން ހިމާޔަތް ހޯއްދަވައިގެން ސިޔާސީ މަސައްކަތްތަކެއް ފައްޓަވާފައެވެ.