English Edition
Dhivehi Edition
ރައްޔިތުންގެ މަޖިލީހުގެ އިދާރާ - ފޮޓޯ: ދި އެޑިޝަން

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އިތުރު މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

މަޖިލީހުގެ އިދާރާއިން ހާމަކުރާ ގޮތުގައި އެ މުވައްޒަފު ކޮވިޑަށް ޕޮޒިޓިވްވިކަން އެނގިފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. އެހެންކަމުން އެކަމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގގެ މަސައްކަތް ކުރިއަށްދާއިރު، މަޖިލީހުގެ އިދާރާ ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރަމުންނެވެ.

މަޖިލީހުގެ އިދާރާގައި ޖުމްލަ 140 މުވައްޒަފަކު މަސައްކަތް ކުރަމުންދާއިރު، މީގެ ކުރިންވެސް އެ އިދާރާގެ ދެ މުވައްޒަފަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އެކަމާއި ގުޅިގެން މަޖިލީހުގެ އިދާރާގައި އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ޚާއްސަ ފިޔަވަޅުތައް ވަނީ އަޅައިފަ އެވެ.

އެހެންނަމަވެސް މަޖިލީހުގެ ޖަލްސާތައް މިހާރު ބާއްވަމުން އަންނަނީ އެ އިދާރާގައެވެ. އެގޮތުން މިދިޔަ ހަފްތާގެ ޖަލްސާތައްވެސް ކުރިއަށްގެންގޮސްފައި ވަނީ މަޖިލީހުގެ އިދާރާގައެވެ.

މިހާތަނަށް ރާއްޖެއިން 2،930 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، އެ ބަލިން ރަނގަޅުވެފައި ވަނީ 2،354 މީހުންނެވެ. އަދި އެ ބަލީގައި މިހާތަނަށް ރާއްޖެއިން 15 މީހަކު ވަނީ މަރުވެފައެވެ.