ރާއްޖޭގައި 100،000ރ. އަށްވުރެ ބޮޑު އިންވެސްޓްމަންޓެއް ކުރާ ބިދޭސީންނާއި 10 އަހަރަށްވުރެ ދިގު މުއްދަތަކަށް ގެއެއް ކުއްޔަށް ހިފާ ބިދޭސީންނަށް ރެސިޑެންޓް ވިސާ ދޫކުރާ ގޮތަށް ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނު އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ހުށަހެޅުއްވި އިސްލާހާއި ދެކޮޅަށް އައްޑޫ ސިޓީ މީދޫ ދާއިރާގެ މެންބަރު، ރޮޒެއިނާ އާދަމް ތެދުވެވަޑައިގެންފި އެވެ.
އެގޮތުން ރޮޒެއިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ 100،000ރ. ގެ އިންވެސްޓްމަންޓަކާއެކު ރެސިޑެންޓް ވިސާ ދިނުމާއި އެކަމަނާ ދެކޮޅު ކަމަށެވެ.
100,000 rufiyaa ge investment akaa eku resident visa dhinuma alhugandu dhekolhu. Substantial rangalhu bodu investment eh genaumun noonee resident visa dhevigen nuvaane. Ge eh kuyyah hifaalaa irah resident akah vaakah nujehey. Gaboolu kurevey kameh noon mee.
— ?? ??????? ???? ? (@Roxeyna) July 18, 2020
“ސަބްސްޓޭންޝަލް، ރަނގަޅު ބޮޑު އިންވެސްޓްމަންޓެއް ގެނައުމުން ނޫނީ ރެސިޑެންޓް ވިސާ ދެވިގެން ނުވާނެ. ގެއެއް ކުއްޔަށް ހިފާލާ އިރަށް ރެސިޑެންޓަކަށް ވާކަން ނުޖެހޭ. ޤަބޫލު ކުރެވޭ ކަމެއް ނޫން މިއީ”، އެ ޓްވީޓްގައި ރޮޒެއިނާ ވިދާޅުވެފައި ވެއެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި އިމިގްރޭޝަން ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލު މަޖިލީހުގެ ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް ފޮނުވުމުން، އެ ކޮމިޓީން ވަނީ އެ ބިލު ދިރާސާކޮށް ފާސްކޮށްފަ އެވެ. ނަމަވެސް އެ ބިލު މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން، އިތުރު އިސްލާހުތަކަކާއެކު ބިލު ވަނީ އަނބުރާ ކޮމިޓީއަށް ފޮނުވާލައިފަ އެވެ.
އެހެންނަމަވެސް އެ ބިލަށް ރައީސް ނަޝީދު ހުށަހެޅުއްވި އިސްލާހުތަކަށް ކޮމިޓީގެ ގިނަ މެންބަރުން ދެކޮޅު ހައްދަވާފައިވާއިރު، މީސްމީޑިއާގައި ވެސް މި މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ. އެގޮތުން ގިނަ ބަޔަކު ވަނީ ރައީސް ނަޝީދުގެ އިސްލާހުތަކަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.