އީރާނުގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު 25 މިލިއަނަށް އަރާނެ ކަމަށާއި، އިތުރު 35 މިލިއަން މީހުންނަށް ބަލިޖެހުމުގެ ފުރުޞަތު އެބައޮތްކަމަށް އެ ގައުމުގެ ރައީސް ހަސަން ރޫޚާނީ ވިދާޅުވެއްޖެއެވެ.
އީރާންގެ ރައީސް ރޫޚާނީ މިހެން ވިދާޅުވެފައިވަނީ އެ ގައުމުގެ ހެލްތު މިނިސްޓްރީން ދާދިފަހުން ނެރުނު ރިޕޯޓެއްގައިވާ މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށް ރައްޔިތުންނާ މުހާތަބްކޮށް އިއްޔެ ވާހަކަ ދެއްކެވިއިރުއެވެ.
“އަހަރެމެންނަށް ލަފާކުރެވޭ ގޮތުގައި މިހާތަނަށްއައިއިރު މި ގައުމުގެ 25 މިލިއަނެއްހާ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެ، 14 ހާހެއްހާ މީހުން ވަނީ މަރުވެފައި،”
“އަދި މިބަލީގެ ނުރައްކާ ގާތްގަނޑަކަށް 30 އާއި 35 މިލިއަނެއްހާ މީހުންނަށް އެބައޮތް.” ރޫޚާނީ ބުންޏެވެ.
މެދުއިރުމަތީގެ ގައުމުތަކުގެ ތެރެއިން ކޮވިޑް-19 އެންމެ ބޮޑަށް ފެތުރިފައިވާ އިރާނުގައި 80 މިލިއަނެއްހާ މީހުން ދިރިއުޅެމުން އަންނައިރު، އެ ގައުމުން ޕޮޒިޓިވްވެފައިވާ ކަމަށް ބުނަމުން އަންނަ މީހުންގެ އަދަދަކީ 271,606 އެވެ. އަދި އެ ގައުމުން މި ބަލީގައި މިހާތަނަށް 13،979 މީހުން ވަނީ މަރުވެފައެވެ.
މުޅި ދުނިޔޭން 14.2 މިލިއަން މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، މަރުވި މީހުންގެ އަދަދަކީ 601,260 އެވެ. އަދި މި ބަލީގައި މުޅީން ރަނގަޅުވި މީހުންގެ އަދަދު ވަނީ 8.5 މިލިއަނަށް އަރާފައެވެ.