English Edition
Dhivehi Edition

އުމުރުން 17 އަހަރުގެ ކުއްޖަކަށް ބިރުދައްކައި ބްލެކްމެއިލް ކޮށް ގެސްޓް ހައުސްއަކަށް އެކުއްޖާ ގެންގޮސް ޖިންސީގޯނާ ކުރި މައްސަލައެއްގެ ތުހުމަތުގައި ހައްޔަރުކުރި މީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފިއެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުގައި ބަހެއްޓުމަށް އަމުރުކޮށްފައިވަނީ ނ. ލަންދޫ، ޗިޗަންޑާގެ، އިބްރާހީމް ނިހާނު (22އ) ކަމަށެވެ.

މީގެ އިތުރުން ފުލުހުން ހާމަކުރާ ގޮތުގައި ނިހާނު ހައްޔަރުކޮށްފައިވަނީ، ޖުލައި 05 ވަނަ ދުވަހުގެ ވަގުތެއްގައި ފުލުހުންނަށް ހުށަހެޅުނު، އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކަަށް ބިރުދައްކައި، ބްލެކްމެއިލްކޮށް، އެ ކުއްޖާ ގެސްޓްހައުސްއަކަށް ގެންގޮސް ޖިންސީގޯނާ ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ޖުލައި 15 ވަނަ ދުވަހު ކަމަށެވެ.

އަދި ނިހާނު ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، ތުހުމަތު ކުރެވޭ މައްސަލައަކީ ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރުމުގެ މައްސަލައަކަށްވެފައި، އިބްރާހީމް ނިހާނު ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެކަމަށް ބަލައި ޝަރީއަތް ނިމެންދެން އިބްރާހީމް ނިހާނު ރިމާންޑް ޖަލެއްގައި ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

ނިހާނުގެ މައްޗަށް ތުހުމަތު ކުރެވޭ މި މައްސަލައިގެ ތަހުގީގު ނިންމައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ފުލުހުން ވަނީ ކުޑަކުދިންނަށް ބިރުދައްކައި، ބްލެކްމެއިލް ކޮށްގެން ޖިންސީގޯނާ ކުރާ މައްސަލަތަކާއި އިންޓަނެޓްގެ ޒަރީއާއިން ކުޑަކުދިން ގްރޫމްކޮށްގެން ޖިންސީގޯނާ ކުރާ މައްސަލަތައް އިތުރުވަމުންދާތީ މައިންބަފައިންނާއި ބެލެނިވެރިން އެކަމަށް ސަމާލުވެތިބުމަށް އިލްތިމާސްކޮށްފަ އެވެ. އޭގެ އިތުރުން، ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގެ މައުލޫމާތު މީޑިއާތަކުގައި ޝާއިއުކުރާއިރު ކުޑަކުދިންގެ ކަރާމާތަށް އުނިކަން ނާންނާނޭގޮތަށް އެފަދަ މައްސަލަތަކުގެ މައުލޫމާތު ޝާއިއު ކުރުމަށްވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.