English Edition
Dhivehi Edition

ޖަލުތަކުގައި ހުންނަންވާ އެންމެ ދަށް މިންގަނޑުކަމަށް އދ.ން ކަނޑައަޅާފައިވާ ‘މަންޑޭލާ ރޫލްސް’ ދިވެހި ބަހަށް ތަރުޖަމާކޮށް، ހޯމް މިނިސްޓްރީގެ ވެބްސައިޓްގައި ޝާޢިއުކޮށްފިއެވެ.

122 ޤާޢިދާގެ މައްޗަށް އެކުލެވޭ ‘ދި ނެލްސަން މަންޑޭލާ ރޫލްސް” ގެ ދިވެހި ތަރުޖަމާގައި އަސާސީ މަބްދައުތަކާއި، ޤައިދީންގެ ފައިލްތައް ބަލަހައްޓާނެ ގޮތާއި، ޤައިދީން ގިންތިކުރާނެ ގޮތްތަކާއި، ގޮޅިތަކުގައި ޤައިދީން ބައިތިއްބަންޖެހޭނެ ގޮތްވެސް ބަޔާންކޮށްފައިވެއެވެ. ގޮޅިތައް ހުންނަންޖެހޭނެ ގޮތާއި، ސާފްތާހިރުކަން ދެމެހެއްޓުމަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތަކުގެ ވާހަކަވެސް ސާފުކޮށް ބަޔާންކޮށްފައިވެއެވެ. އަންނައުނު ފޯރުކޮށްދިނުމާއި، ކެއިންބުންފަދަ އަސާސީ ކަންކަން ފަހިވެފައި އޮންނަންވާނެގޮތްވެސް ބަޔާންކޮށްފައިވެއެވެ. ކަސްރަތާއި، ކުޅިވަރު ކުޅުމުގެ އިންތިޒާމް ހަމަޖެހިފައި އޮންނަންވާނެ ގޮތާއި، ޞިއްޙީ ޚިދުމަތްތައް ލިބިދެވޭނެ ހަމަތައްވެސް ބަޔާންކޮށްފައިވެއެވެ. ގޮޅިތައް ބަލާ ފާސްކުރުމާއި، ޤައިދީންނާ މުޢާމަލާތްކުރުމުގެ ހަމަތައްވެސް މަންޑޭލާ ރޫލްސްގައި ވަނީ ބަޔާންކޮށްފައެވެ. މީގެއިތުރުން ޖަލު މުވައްޒަފުން އަމަލުތައް ބަހައްޓަންޖެހޭ ގޮތްތައްވެސް ވަނީ ބަޔާންކޮށްފައެވެ.

ދިވެހިރާއްޖޭގެ ޖަލުތަކުގައިވެސް އަމަލުކުރާ އެންމެ ދަށްމިންގަނޑަކީ މަންޑޭލާ ރޫލްސްކަމުގައި ހެދުމަކީ މިސަރުކާރުގެ މުހިއްމު ވައުދެކެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރެއްވުމަށްފަހު ދެއްވި ފުރަތަމަ ރިޔާސީ ބަޔާނުގައިވެސް އެކަން ވަނީ ފާހަގަކުރައްވާފައެވެ. އެމަނިކުފާން ވިދާޅުވެފައިވަނީ ޖަލު ބަންދުގައި ހުއްޓަސް، އެއްވެސް މީހެއްގެ ސިޔާސީ ހައްޤުތަކާއި، އިންސާނީ ކަރާމާތް ނަގާލުމަކީ ޤަބޫލުކުރައްވާކަމެއް ނޫންކަމަށެވެ.

“ޤައިދީންގެ އަސާސީ ހައްޤުތައް ކަށަވަރުކޮށްދިނުމުގެ ގޮތުން އދ.ގެ ‘މަންޑޭލާ ރޫލްސް’ގެ މިންގަނޑަށް ޖަލުތަކުގެ ކަންތައް އިންތިޒާމްކުރުމުގެ މަސައްކަތް މިހާރުވާނީ ފަށާފައި” ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ހޯމް މިނިސްޓްރީން ބުނީ އެމިންގަނޑަށް ރާއްޖެގެ ޖަލުތަކުގެ ކަންކަން ގެންދިއުމަކީ ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ މިދިޔަ މުއްދަތުގެ ތެރޭގައި އެންމެބޮޑު އިސްކަމެއް ދެއްވި އެއް މަސައްކަތް ކަމަށާއި، އެގޮތުން މަންޑޭލާ ރޫލްސް ދިވެހި ބަހަށް ތަރުޖަމާ ކުރައްވާ، ޖަލުތައް ބަލަހައްޓާ އޮފިސަރުން ތަމްރީނުކުރެއްވުމަށް ޚާއްޞަ އިސްކަމެއް ދެއްވި ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި މަންޑޭލާ ރޫލްސްއަށް ހުރިހާ އޮފިސަރުން އަހުލުވެރިކުރުމަށް ޚާއްޞަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށާއި، ނެލްސަން މަންޑޭލާ ރޫލްސް ދިވެހި ބަހަށް ތަރުޖަމާކޮށްފައިވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒް އާއި ޔޫއެންއޯޑީސީ ގުޅިގެން ކަމަށެވެ.

ޖަލުތަކުގައި ހުންނަންވާ ކަމަށް އދ އިން ބަލައިގަންނަ އެންމެ ދަށް މިންގަނޑު ފުރަތަމަ ފަހަރަށް އެކުލަވާލީ 1957 ވަނަ އަހަރު އދ ގެ އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލްގެ ޤަރާރަކުންނެވެ. ނަމަވެސް ޒަމާނާ ގުޅޭގޮތަށް އެ މިންގަނޑު ރިވައިސްކުރުމަށްފަހު މަންޑޭލާ ރޫލްސްގެ ނަމުގައި އެމިންގަނޑު އދ ގެ އާންމު މަޖިލީހުން އެޑަޕްޓް ކޮށްފައިވަނީ 17 ޑިސެމްބަރ 2015 ގައެވެ. އދ ގެ، މަސްތުވާތަކެއްޗާއި ރާވައިގެންހިންގާ ބޮޑެތި ކުށްތަކާ ގުޅޭ އޮފީސް، ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އަކީ މަންޑޭލާ ރޫލްސް އާ ގުޅޭ ކަންކަމަށް ޒިންމާވާ އދ ގެ އޮފީހެވެ.