English Edition
Dhivehi Edition
18 ޖުލައި 2020 ވަނަ ދުވަހު މޯލްޑިވިއަންގެ ފްލައިޓުގައި ބަންގްލަދޭޝަށް ފުރި އެޤައުމުގެ ބައެއް ރައްޔިތުން - ފޮޓޯ: މޯލްޑިވިއަން

ރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝްގެ އިތުރު 200 މީހަކު މިއަދު ޤައުމަށް ފޮނުވާލައިފި އެވެ.

ރާއްޖޭގެ ޤައުމީ އެއާލައިން، މޯލްޑިވިއަން އިން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ މިއަދު ބަންގްލަދޭޝްގެ ޑާކާ އަށް ދިޔަ އެ އެއާލައިންގެ ރިޕެޓްރިއޭޝަން ފްލައިޓުގައި 200 މީހުން ފުރުވާލާފައިވާ ކަމަށެވެ. އެމީހުން ޑާކާ އަށް ދިއުމަށް އެ ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރީ މީގެ އިރުކޮޅެއް ކުރިންނެވެ.

ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މީހުން ފޮނުވައިލުމުގައި ސަރުކާރުން އިސްކަންދެނީ ޞައްޙަ ލިޔެކިޔުންތައް ނެތް މީހުންނަށެވެ.

އެގޮތުން މިހާތަނަށް ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ދިރިއުޅެމުންދިޔަ ބަންގްލަދޭޝްގެ 3،000 އަށްވުރެ ގިނަ ރައްޔިތުން ވަނީ އަނބުރާ ޤައުމަށް ފޮނުވާލައިފަ އެވެ. މީގެ އިތުރުން އިއްޔެ އައްޑޫ ސިޓީގައި ދިރިއުޅޭ 135 ބިދޭސީއަކުވެސް ވަނީ މޯލްޑިވިއަންގެ ފްލައިޓެއްގައި ޑާކާއަށް ގެންގޮސްފައެވެ.

ރާއްޖޭގައި ތިބި ބަންގްލަދޭޝް މީހުން ޤައުމަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާއިރު، މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި އެންމެ ގިނައީވެސް ބަންގްލަދޭޝް މީހުންނެވެ. އެގޮތުން އެޤައުމުގެ 1,357 މީހަކަށް ވަނީ މިހާތަނަށް ކޮވިޑް-19 ޖެހިފައެވެ.