English Edition
Dhivehi Edition

ހައިރާންވާ ކަހަލަ ވާހަކައަކަށްވެސް ވެދާނެއެވެ. މޫނުގައި ސަރުބީ ހުރުމަކީ އުމުރުން ދުވަސްވުމުގެ ސަބަބުން މޫނުގައި އުފެދޭ ރޫތައް ފޮރުވުމުގައި އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް އެހީތެރިވެދޭ އެއްޗެކެވެ. އެހެންނަމަވެސް، ވަކި އުމުރަކަށްފަހު މޫނުގައި ހުންނަ ސަރުބީއަކީ، ގައިގަ ހުންނަ އެހެން ސަރުބީ އެކޭވެސް އެއްގޮތަށް ފައިދާއަށް ވުރެ ބޮޑަށް ގެއްލުން ދޭ މޫނުގެ ސިފަ ހުތުރުކޮށްލާ އެއްޗެއްކަން ޔަޤީނެވެ. ސަރުބީ ނައްތާލުމަށްޓަކައި ބަރުދަން ލުއި ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. މީގެ އިތުރުން މޫނުގެ ބައެއް ކަސްރަތުތަކަކީވެސް މޫނުގެ ބައްޓަން ރީތި ކުރުމުގައި މުހިއްމު ކަމެކެވެ.

އަޅުގަނޑުމެންގެ މޫނުގައި ހުންނަ އިތުރު ސަރުބީ ނައްތާލުމުގައި އާއި ‘ޑަބަލް ޗިން’ ނައްތާލުމަށްޓަކައި ކުރެވިދާނެ ބައެއް ކަންތައްތަކުގެ ތެރޭގައި

  • ހަށިގަނޑަށް ބޭނުންވާ ވަރަށް ފެންބުއިން.

މިކަމުގެ ސަބަބުން މީހާއަށް ތާޒާކަން ގެނުވާ ހަށިގަނޑަށް ގެއްލުންދޭ ‘ޓޮކްސިންސް’ ތައް ހަށިގަނޑުން ބޭރުކުރުމުގައި އެހީވެދެއެވެ. ހަށިގަނޑަށް ލިބެން ޖެހޭ ފެން ލިބުމުގެ ސަބަބުން މޫނުމަތި ތާޒާކޮށް ބެހެއްޓުމުގެ އިތުރުން، މޫނު ހިކިކޮށް ދައްކާނެއެވެ.

  • ފެޓްސް ހުންނަ ކާއެއްޗެހި މަދުކުރުން.

ހަށިގަނޑަށް ލިބޭ ފެޓްސް ވީހާވެސް މަދުކޮށް ފައިދާހުރި ކާއެއްޗެހި އެކުލެވޭ ޑައިޓެއް ނެގުމަކީ ވެސް މިކަމުގައި ވަރަށް ބޮޑަށް އެހީތެރިވެދޭނެ ކަމެއްކަން ޔަޤީނެވެ. ބޭރުން ކާއެއްޗެހި އޯޑަރު ކުރުމުގެ ބަދަލުގައި ގޭގައި ކާއެއްޗެއް ތައްޔާރު ކޮށްލައިގެން ކެއުންވެސް ވަރަށް ބޮޑަށް އެދެވިގެންވެއެވެ. ވީހާވެސް މަދުން ފޮނި އެއްޗެހި ކެއުމަކީ ހަށިގަނޑަށް ލިބިދޭ ކެލޮރީސް މަދު ކުރުމުގައި އެހީތެރިވެދޭނެ ކަމެކެވެ. ހަމަ އެއާއެކު ނިދުމުގެ ކުރިން ކެއުމާއި މާގިނައިން ލޮނު ބޭނުންކުރުމުން ދުރުހެލި ވާންވާނެއެވެ.

  • ހެނދުނުގެ ނާސްތާކުރުން.

ތިމާގެ ދުވަސް ފެށިގެންދަނީ ހެނދުނުގެ ނާސްތާއިން ކަމުގައި ހަދާށެވެ! އަދި އެ ނާސްތާއަކީ ވީހާވެސް ފައިދާހުރި އެއްޗެއްކަށް ހަދާށެވެ. މިކަމުގެ ސަބަބުން ދުވަހުގެ ބާކީ އޮތް ތަނުގައި ހަށިގަނޑަށް ލިބިދޭ ކެލޮރީސް ނައްތާލުމުގައި ހަށިގަނޑަށް ބޮޑު އެހީއެއް އަޅުގަނޑުމެންނަށް ފޯރުކޮށްދެވެއެވެ. ގްރެއިންސް އާއި މޭވާ ހެނދުނުގެ ނާސްތާގައި ހިމެނުމުން ހަށިގަނޑަށް ފޯރުކޮށްދޭ ފެޓްސް މަދުކޮށް ހަކަތަ އިތުރުކޮށްދެވެއެވެ.

  • ރަލުން ދުރުވުމަކީވެސް މޫނުމަތީގެ ބައްޓަން ރީތި ކުރުމުގައި އެހީތެރިވެދޭ ކަމެކެވެ.
  • މޭވާއަކީ އޭގައި ވަރަށް ގިނަ ފެން އެކުލެވޭ އެއްޗެކެވެ. އެހެންކަމުން މާގިނައިން ކެއުމަކާއި ނުލާ ބަނޑުފުރާލުމުގައި މޭވާ ކުޅޭ ދައުރު ވަރަށް ބޮޑެވެ. އަދި މީހާ މާބޮޑަށް ބަރުވުމުން ސަލާމަތްކޮށްދެއެވެ.
  • ކެލްސިއަމްގެ ސަބަބުން މީހާގެ ބަރުދަން ލުއި ލުއިކޮށްދެއެވެ. ކެލްސިއަމް އެކުލެވޭ ކާއެއްޗެހި ކެއުމުގެ ސަބަބުން މޫނުގެ ބައްޓަން ރީތިކޮށްދެއެވެ.
  • ކަސްރަތުކުރުން.

ޚާއްސަކޮށް ބަރުދަން ލުއިކުރުމަށް އަޒުމް ކަނޑައަޅައިގެން ދުވަހެއްގެ މައްޗަށް މަދުވެގެން 30 މިނިޓު ވަންދެން ޖޮގިންގް ނުވަތަ ކޮންމެވެސް ކުޅިވަރެއް ކުޅުމަށް އާދަކުރާށެވެ.ހަށިގަނޑު ލުއި ވެގެންދާ ހިނދު އެންމެ ފުރަތަމަ ފެށޭނީ މޫނުންނެވެ. ހަށިގަނޑަށް ބަދަލު އަންނާނީ އޭގެ ފަހުންނެވެ.

  • ގިނަގިނައިން ހީލުމަކީވެސް ކޮލުގެ މަސްތަކަށް ދެވޭ ކަސްރަތެއް ކަމުން އެކަމުގެ ސަބަބުންވެސް މޫނުގެ ބައްޓަން ރީތިކުރުމުގައި އެހީތެރިވެދެއެވެ.
  • ހަށިގަނޑަށް ލިބެން ޖެހޭ ނިދި ނުލިބުމަކީ އެންޑޯކްރައިން ސިސްޓަމްގެ މަސައްކަތަށް ބުރޫ އަރާނެ ކަމެކެވެ. އެންޑޯކްރައިން ސިސްޓަމަކީ ހަށިގަނޑުގައި ހެދޭ ސަރުބީއާއި މަސްހުރި މިންވަރު ބަލަހައްޓާ ސިސްޓަމެވެ.
  • މޫނަށް ޚާއްސަ ކަސްރަތު ކުރުމަކީ މޫނުގައި ހުންނަ ސަރުބީތައް ނައްތާލައި މޫނުގެ ބައްޓަން ރީތިކޮށްދޭ ކަމެކެވެ.
  • ޗީކް ޕަފް އެކްސަސައިޒް: ފުން ނޭވާއަކާއެކު އަނގައަށް ވައިއަޅާ 5 ސިކުންތު ވަރު ވަންދެން ހިފަހައްޓާލާށެވެ. އަނގައިގެ ވައި ދޫކޮށްލުމަށްފަހު މިގޮތަށް ތަކުރާރު ކުރާށެވެ.
  • އަނދިރި ޝޭޑްތަކުގެ މޭކަޕް ކުރުން.

ދަތްދޮޅި ދަށުގައި އާއި ކޮލުގެ ތިރީގައި އަނދިރި ޕައުޑާރ ބޭނުންކުރުމަކީ މޫނު ރީތި ބައްޓަމަކަށް ގެނުވަން އެހީތެރިވެދޭނެ ކަމެކެވެ.

  • ތިމާގެ އިސްތަށިގަނޑަށް ނުވަތަ ބުރުގާ އަޅާ ގޮތުންވެސް މޫނު ފަލަކަމަށް ދައްކަފާނެއެވެ. އެހެންކަމުން މޫނާއި ގުޅޭ، މޫނު ހިކިކޮށް ދައްކާނޭ ކަހަލަ ގޮތަކަށް އިސްތަށިގަނޑު ނުވަތަ ބުރުގާ އެޅުމަކީ މުހިއްމުކަމެކެވެ.

ތިމާގެ ރީތިކަން އެންމެ ބޮޑައް ފެނިގެންދާނީ މޫނުމަތިންނެވެ.