ގްލޯބަލް ޕީސް އިންސްޓިޓިއުޓުން ކުރިއަށްގެންދިޔަ “ގްލޯބަލް ޔޫތު ޕީސް ސަމިޓްގެ “އެމްބެސެޑަރ އެވޯޑު” އައްޑޫގެ 3 ކުއްޖަކު ހޯދައިފިއެވެ.
މިމަހުގެ 10 އިން 11 އަށް އޮންލައިންކޮށް ކުރިއަށްގެންދިޔަ މި ސަމިޓްގައި އެކި ޤައުމުތަކުން ބައިވެރިވި ދަރިވަރުންގެ ތެރެއިން އެންމެ މޮޅު ޚިޔާލު ހުށައެޅި ކުދިންނަށް ބެސްޓް ސްޕީކާސް އެވޯޑްދީފައިވާއިރު ސަމިޓްގައި ބައިވެރިވެ ސުވާލު ހުށަހެޅި ދަރިވަރުންގެ ތެރެއިން ބެސްޓް ޕާޓިސިޕެންޓް އެވޯޑް ވެސް ވަނީ ދީފައެވެ.
ރާއްޖެއިން އަދި އައްޑޫ ސިޓީން ވެސް ގިނަ އަދަދެއްގެ ދަރިވަރުން ބައިވެރިވި މި ސަމިޓްގައި 16 އަހަރާއި 19 އަހަރާއި ދެމެދުގެ އުމުރުފުރައިން ބެސްޓް ސްޕީކާގެ އެވޯޑު، އައްޑޫހައިސްކޫލްގެ ދަރިވަރު މައިޟާއު މުމްތާޒު ޙުސެއިން ވަނީ ހޯދާފައެވެ. މި ކެޓަގަރީން ބެސްޓް ސްޕީކާގެ އެވޯޑު ލިބުނު ހަމައެކަނި ރާއްޖޭގެ ދަރިވަރަކީ ވެސް މައިޟާއު އެވެ.
13 އަހަރާއި 15 އަހަރާއި ދެމެދުގެ އުމުރުފުރައިން ބެސްޓް ސްޕީކާގެ އެވޯޑު ރާއްޖޭގެ 5 ކުއްޖަކު ހޯދާފައިވާއިރު ޝަރަފުއްދީން ސްކޫލުގެ ދަރިވަރު އަޙްމަދު އިސްމާއީލް އާސިމް ވެސް ވަނީ މި އެވޯޑުގައި ހިމެނިފައެވެ.
މީގެ އިތުރުން ސަމިޓްގައި ބައިވެރިވި ކުދިންގެ ތެރެއިން އެންމެ ގިނައިން ސުވާލުކޮށް ފާހަގަ ކޮށްލެވޭފަދަ ޕާފޯރމަންސް ދެއްކި ކުދިންނަށް ވަނީ ޕާޓިސިޕެންޓް އެވޯޑު ދީފައެވެ. އެގޮތުން ޕާޓިސިޕެންޓް އެމްބެސެޑަރ އެވޯޑު ގެ 13 އަހަރާއި 15 އަހަރާއި ދެމެދުގެ އުމުރުފުރައިން ސ. އަތޮޅު މަދުރަސާގެ ދަރިވަރު އައިޝަތު މަންހާ ޖަލީލު ވަނީ ހޯދާފައެވެ. މަންހާގެ އިތުރުން ރާއްޖޭގެ އިތުރު 3 ދަރިވަރަކު މި އެވޯޑު ހޯދާފައިވެއެވެ.
އެމްބެސެޑަރ އެވޯޑުދީފައިވަނީ ސަމިޓުގައި ދަރިވަރު ބައިވެރިވެ ހުށަހަޅާ ހުށަހެޅުންތަކަށް 80 އިންސައްތަ އަށް ވުރެ މަތީ މާކުސް ލިބުމުންނެވެ. އެމްބެސެޑަރ އެވޯޑުގެ އިތުރުން މެރިޓް އެވޯޑާއި ޓެލެންޓް އެވޯޑާއި އަދި ބެސްޓް އޯލްރައުންޑު އެވޯޑު ވެސް ސަމިޓްގައި ވަނީ ދީފައެވެ. މިފަހަރުގެ ސަމިޓްގައި ބެސްޓް އޯލްރައުންޑް އެވޯޑު ހޯދާފައިވަނީ އިންޑިއާގެ ސިއްދީ ޖޯޝީ އެވެ.
“ގްލޯބަލް ޔޫތު ޕީސް ސަމިޓް” އަކީ ޒުވާން ޖީލަށް ދިމާވާ އެކި މައްސަލަތަކަށް ހައްލުހޯދައިދީ އެކަންކަމާއި ގުޅޭ ގޮތުން ޚިޔާލު ހުށަހެޅުމަށް ކުރިއަށް ގެންދެވޭ ސަމިޓެކެވެ. މި ގޮތުން މާދަމާ ގައުމު ތަކުގައި މަތީ މަގާމުތައް ފުރަން ތިބޭނެ ބަޔަކީ އަދުގެ ޒުވާނުންނާއި ކިޔަވާ ކުދިން ކަމުން އެކުދިންނަށް ދިމާވާ ޖިސްމާނީ އަދި ނަފްސާނީ މައްސަލަތަކަށް ޙައްލު ހޯދައިދީ އިޖްތިމާއީ ގޮތުން ކުރިމަތިލާންޖެހޭ ގޮން ޖެހުންތަކުން އަރައިގަންނާނެ ގޮތާއި ތައުލީމީ ޙަޔާތް ކާމިޔާބު ކުރާނެ ގޮތުގެ އިރުޝާދުގެ އިތުރުން އެކިއެކި ސަބަބުތަކާއި ހެދީ ސްކޫލް ހުއްޓާލާ ކުދިންގެ އަދަދު މަދުކުރުން ވެސް މި ސަމިޓްގެ މަގްސަދުގެ ތެރޭގައި ހިމެނެއެވެ.
އަދި މި ސަމިޓުގެ ޒަރިއްޔާއިން ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމުގައި ޒުވާނުންގެ ޚިޔާލާއި ވިސްނުން ހުރިނެތްގޮތް ބަލާލައެވެ. ވަކިން ޚާއްޞަކޮށް މިފަހަރުގެ ސަމިޓްގައި ކްވިޑް-19 އާ ގުޅެގޮތުން ސަމިޓްގެ ބައިވެރިން ވަނީ ފުޅާ ދާއިރާއެއްގައި ވާހަކަދައްކާފައެވެ.