އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން މެންޗެސްޓާ ސިޓީ އާއި ޓޮޓެންހަމް ހޮޓްސްޕާ މޮޅުވިއިރު، އާސެނަލްއާ ދެކޮޅަށް ޗެމްޕިއަން ލިވަޕޫލް ކުޅުނު މެޗުން އެ ޓީމު ބަލިވެއްޖެއެވެ.
ސިޓީން އަމިއްލަ ދަނޑުގައި ރެލިގޭޝަން ޒޯނުގައި އޮތް ބޯންމައުތު އަތުން 2-1 އިން މޮޅުވިއިރު، ޓޮޓެންހަމް ވަނީ ރަށުން ބޭރުގައި ނިއުކާސަލް ޔުނައިޓެޑް އަތުން 3-1 އިން މޮޅުވެފައެވެ. އާސެނަލްގެ ދަނޑުގައި ލިވަޕޫލް ބަލިވީ 2-1 އިންނެވެ.
ރޭގެ މެޗުތަކަށްފަހު އެއްވަނައިގައި އުޅޭ ލިވަޕޫލަށް 36 މެޗުން 93 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ސިޓީ އަށް ލިބިފައިވަނީ 75 ޕޮއިންޓެވެ. އޭގެ 12 ޕޮއިންޓް ފަހަތުން ޗެލްސީ ތިންވަނައިގައި އޮތްއިރު، 59 ޕޮއިންޓާއެކު ހަތަރުވަނައިގައި އޮތީ ލެސްޓާ ސިޓީ އެވެ. ހަމަ އެ އަދަދަށް ފަސްވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް ވެސް ޕޮއިންޓް ލިބިފައިވާއިރު. ލެސްޓާ އަށް ކުރިލިބެނީ ގޯލްގެ ތަފާތުންނެވެ. ވުލްވަހެމްޕްޓަން ވޮންޑަރާސް އޮތީ 56 ޕޮއިންޓާއެކު ހަވަނައިގައެވެ. ރޭގެ މެޗުން ހޯދީ މޮޅާއެކު ޓޮޓެންހަމް އުޅެނީ 55 ޕޮއިންޓާއެކު ހަތްވަނައިގައެވެ. އޭގެ ދެ ޕޮއިންޓް ފަހަތުން އާސެނަލް އޮތީ ނުވަ ވަނައިގައެވެ.
ސިޓީން ރޭގެ މެޗަށް ނިކުތްއިރު ކޯޗު ޕެޕް ގާޑިއޯލާ ވަނީ އަންނަ ހޮނިހިރު ދުވަހު ކުޅެވޭ އެފްއޭކަޕްގެ ސެމީ ފައިނަލް މެޗަށް ތައްޔާރުވުމުގެ ގޮތުން ފުރަތަމަ އެގާރަ އަށް ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން، ލީގުގައި މިދިޔަ އާދީއްތަ ދުވަހު 5-0 އިން ބްރައިޓަން ހޯވް އެންޑް އެލްބިއަން އަތުން މޮޅުވި މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނުނު ރަހީމް ސްޓާލިން އާއި ރިޔާދް މާރޭޒް އަދި ރޮޑްރީގެ އިތުރުން އެރިކް ގާސިއާ ރޭގެ މެޗު ފެށީ ބެންޗުންނެވެ. މީގެއިތުރުން، އާއްމުކޮށް އެ ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނެމުން އަންނަ ކެވިން ޑި ބްރޭނާ އާއި އައިމެރިކް ލަޕޯޓް ރޭގެ މެޗުގައި ކުޅެފައެއްނުވެއެވެ.
އެތިހާދު ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗު ފެށިތާ ހަވަނަ މިނެޓުގައި ލިބުނު ހިލޭޖެހުމަކުން ސިޓީ އަށް ލީޑްނަގައިދިނީ އަބަދަށްފެހި މިޑްފީލްޑަރު ޑޭވިޑް ސިލްވާ އެވެ. މި ހާފުގައި ބޯންމައުތުގެ ޖޫނިއާ ސްޓަނިސްލާސް ވަނީ ލިބުނު ހިލޭޖެހުމަކުން އެ ޓީމަށް އެއްވަރުކޮށްދިނުމާ ގާތަށް ޖެހިލާފައެވެ. ފުރަތަމަ ހާފު ނިމެން ހަ މިނެޓަށްވެފައިވަނިކޮށް ސިޓީގެ ދެވަނަ ލަނޑު، ސިލްވާ ދިން ބޯޅައަކުން ޖަހައިދިނީ ގެބްރިއެލް ޖެސޫސް އެވެ. މިއާއެކު އެ ޓީމުން މި ހާފު ނިންމާލީ 2-0 އިން ކުރީގައިއޮވެގެންނެވެ.
ދެވަނަ ހާފު ފެށިގެން 14 ވަރަކަށް މިނެޓުގެ ތެރޭގައި ބޯންމައުތުގެ ޖޯޝުއާ ކިންގް ގޯލެއް ކާމިޔާބުކުރިނަމަވެސް، ވީއޭއާރްގެ އެހީ ހޯދުމަށްފަހު އެ ބޯޅަ ފޮނުވާލުމުގެކުރީން ކިންގް އޮފްސައިޑް މަގާމެއްގައި ހުރުމުން ރެފްރީ އެ ގޯލް ގަބޫލެއްނުކުރިއެވެ. ރޭގެ މެޗުގައި ބޯންމައުތުން ކާމިޔާބުކުރި ހަމައެކަނި ލަނޑު، މެޗު ނިމެން ދެ މިނެޓަށްވެފައިވަނިކޮށް ޖަހައިދިނީ ޑޭވިޑް ބްރޫކްސް އެވެ. މި ގޯލުވެސް ރެފްރީ ގަބޫލުކުރީ ވީއޭއާރް އިން ބެލުމަށްފަހުގައެވެ.
ސެއިންޓް ޖޭމްސް ޕާކްގައި ރޭ ކުޅުނު މެޗުގައި ނިއުކާސަލް ކޮޅަށް ޓޮޓެންހަމްގެ ފުރަތަމަ ގޯލް، މެޗުގެ 27 ވަނަ މިނެޓުގައި ވައްދާލީ ދެކުނު ކޮރެއާގެ ފޯވާޑް ސޮން-ހެއުން މިން އެވެ. އޭގެފަހުން، މެޗުގެ ދެވަނަ ހާފު ފެށިގެން 11 ވަނަ މިނެޓުގައި ވަރަށް ހަނި އޭންގަލަކުން މެޓް ރިޗީ ވަނީ ނިއުކާސަލް އަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. އެކަމަކު، އޭގެ ހަތަރު މިނެޓުފަހުން ނެދަލޭންޑްސްގެ ސްޓީވެން ބާގްވިން ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް ބޮލުން ފޮނުވާލައިގެން އެ ޓީމުގެ އިނގިރޭސި ފޯވާޑް ހެރީ ކޭން ވަނީ ނަތީޖާ 2-1 އަށް ބަދަލުކޮށްލާފައެވެ. އަދި މެޗުގެ އެންމެ ފަހު މިނެޓުގައި ކޭން ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށް ޓޮޓެންހަމަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ.
ލީގުގައި ރޭ ކުޅުނު އެންމެ ފާހަގަކޮށްލެވޭ މެޗުގައި، އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗަށް އެ ޓީމުން ކުރިއަށް އެފްއޭކަޕްގެ ސެމީ ފައިނަލް މެޗު އޮތުމުން ނިކުތީ ގިނަ ބަދަލުތަކާއެކު އެވެ. އެގޮތުން، ރޭގެ މެޗަށް އެ ޓީމު ނިކުތްއިރު ކޯޗު މިކޭލް އާޓޭޓާ ވަނީ ލީގުގައި އެންމެ ފަހުން ޓޮޓެންހަމް އަތުން 2-1 އިން ބަލިވި މެޗުގެ ފުރަތަމަ އެގާރައަށް ފަސް ބަދަލެއް ގެނެސްފައެވެ.
ރޭގެ މެޗުގައި ލިވަޕޫލުން މިވަގުތަށް ނެގެން އޮތް އެންމެ ވަރުގަދަ ޓީމު ނިކުތްއިރު، ކެޕްޓަން ޖޯޑަން ހެންޑަސަން ފިޔަވައި އާއްމުކޮށް އެ ޓީމުގެ ފުރަތަމަ އެގާރައިގައި ކުޅެމުން އަންނަ ހުރިހާ ކުޅުންތެރިންނަށް ކޯޗު ޔާގަން ކްލޮޕް ވަނީ ފުރުޞަތުދީފައެވެ.
މި މެޗު ފެށިގެން 20 ވަނަ މިނެޓުގައި ލިވަޕޫލްގެ ފުލްބެކް އެންޑީ ރޮބަޓްސަން ނަގައިދިން ރީތި ހުރަހަކުން ސަޑިއޯ މާނޭ ލީޑްނަގައިދިންއިރު، އޭގެ 12 މިނެޓުފަހުން ލިވަޕޫލްގެ ވާޖިލް ވެން ޑައިކަށް ހެދުނު ގޯހެއްގެ ފައިދާނަގައި އަލެކްސެންޑަ ލަކަޒޭ ވަނީ އާސެނަލް އަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. އަދި މި ހާފު ނިމުމުގެކުރީން، ލިވަޕޫލްގެ އިތުބާރު ކީޕަރު އެލިސަން ބެކާ އަށް ހެދުނު ގޯހެއްގެ ފައިދާނަގައި ލަކަޒޭ ދިން ޕާހަކުން އިނގިރޭސި ވިންގާ ރީސް ނެލްސަން ވަނީ ނަތީޖާ 2-1 އަށް ބަދަލުކޮށްލާފައެވެ.
އޭގެނަތީޖާއެއްގެ ގޮތުން، މެޗުގެ ދެވަނަ ހާފުގެ ބޮޑުބައި ލިވަޕޫލުން ޑޮމިނޭޓްކޮށްގެން ރަނގަޅު ކުޅުމެއް ވަނީ ދައްކާފައެވެ. ނަމަވެސް، އާސެނަލްގެ ޑިފެންސް ލައިންގައި ހިމެނޭ ކުޅުންތެރިންގެ އިތުރުން މުޅި ޓީމު އެއްކޮށް ފަހަތަށް ޖެހިގެން ލިވަޕޫލްގެ އެޓޭކްތައް ވަނީ ހުއްޓުވާފައެވެ. ހާއްސަކޮށް އާސެނަލްގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ވަނީ ލިވަޕޫލްގެ ކުޅުންތެރިން ފޮނުވާލި ނުރައްކާތެރި ގިނަ ހަމަލާތަކެއް ސޭވްކޮށްފައެވެ.
މިއީ 2015 ވަނަ އަހަރުގެ ފަހުން ލީގުގައި ލިވަޕޫލް އަތުން އާސެނަލް މޮޅުވި ފުރަތަމަ ފަހަރެވެ. ލީގުގައި މި ދެ ޓީމު އެންމެ ފަހުން އާސެނަލްގެ ދަނޑުގައި ކުޅުނު ދެ މެޗުވެސް އެއްވަރުވެގެން ނިމުނުއިރު، އެންފީލްޑްގައި ކުޅުނު ދެ މެޗުވެސް ލިވަޕޫލުން ކާމިޔާބުކުރިއެވެ.
މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި، ޔޫރަޕްގެ ޖާގައަކަށް ވާދަކުރަމުން އަންނަ ވުލްވްސް ވަނީ ރަށުން ބޭރުގައި 1-1 އިން ބާންލީއާ އެއްވަރުވެފައެވެ. މެޗުގެ 76 ވަނަ މިނެޓުގައި މެކްސިކޯގެ އިތުބާރު ފޯވާޑް ރައުލް ހިމެނޭޒް ވައްދާލި ހިތްގައިމު ގޯލުން ވުލްވްސް މޮޅުވާން ދަނިކޮށް، އިތުރުވަގުތުގައި ލިބުނު ޕެނަލްޓީއަކުން ބާންލީ އަށް އެއްވަރުކޮށްދިނީ ކްރިސް ވުޑް އެވެ.