English Edition
Dhivehi Edition

އައްޑޫ ސިޓީ މަރަދޫ ބަނދަރު ހެދުމުގެ މަޝްރޫޢުގެ ތެރެއިން މިހާތަނަށް 92 ޕަސެންޓް މަސައްކަތް ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ބުނެފިއެވެ

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 25.5 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. ބަނދަރުގެ ބްރޭކްވޯޓަރ ހެދުމުގެ މަސައްކަތް ޕްލޭނިންގް މިނިސްޓްރީން އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ 2019 ވަނަ އަހަރު ޖޫންމަހުގެ ތެރޭގައެވެ. 165 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރި މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 03 ނޮވެމްބަރ 2019 ގައެވެ.

މި މަޝްރޫޢުގެ މަސައްކަތްކުރިއަށްދާ ގޮތާއި ބެހޭ ގޮތުން އެމްޓީސީސީއިން ބުނީ މިހާރު ބަނދަރުގެ ބްރޭކްވޯޓަރ ހެދުމުގެ މަސައްކަތުގެ 65 ޕަސެންޓް ނިންމައި ބަނދަރު ސަރަހައްދުގައި 1،975 ސްކުއެރަ މީޓަރ ޕޭވްމެންޓެއް ގާއިމްކުރުމުގެ މަސައްކަތްވެސް އެއްކޮށް ނިމިފައިވާކަމަށެވެ. އަދި އެއްގަމު ތޮށިން ބޭރު ތޮއްޓަށް އަރާ ފާލަމުގެ ސްލެބް އެޅުމުގެ ތައްޔާރީ މަސައްކަތް މިހާރު ފަށާފައިވާކަމަށްވެސް އެ ކުންފުނިންވަނީ ބުނެފައެވެ.

މި މަޝްރޫޢުގެ ދަށުން 18،873 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 419 މީޓަރުގެ ކީވޯލް ލުމާއި، 340 މީޓަރު ސަރަހައްދެއްގައި ބްރޭކްވޯޓަރގެ ހެދުމުގެ މަސައްކަތް ކުރުމަށްވަނީ ހަމަޖެހިފައެވެ،

މިމަޝްރޫއުގެ އިތުރުން އައްޑޫގައި އެމްޓީސީސީން ބަނދަރު ހެދުމުގެ އިތުރު 3 މަޝްރޫއެއްވެސް ކުރިއަށް ގެންދެއެވެ. އެގޮތުން މީދޫ ބަނދަރު ހެދުމާއި، ހުޅުދޫ-މީދޫ މެދު ބަނދަރު ފުން ކުރުމުގެ މަސައްކަތުގެ އިތުރުން ހުޅުދޫ ބަނދަރު ހެދުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.