English Edition
Dhivehi Edition
-- ސަން ފޮޓޯ

ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮންނަތާ ތިން މަސް ދުވަސް ފަހުން ރާއްޖޭގެ ބޯޑަރު ހުޅުވާލައިފި އެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވުމުގެ ގޮތުން މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އަށް ގަތަރު އެއާވޭސްގެ ފްލައިޓެއް ޖައްސާފައިވާއިރު، އެ ފްލައިޓުން 129 ޓޫރިސްޓުންވަނީ ރާއްޖެ އައިސްފައެވެ. މިއަދު ހެނދުނު 8:27 ގައި ވީއައިއޭއަށް ޖެއްސި ފްލައިޓުން އައި ޓޫރިސްޓުންނަށް މަރުހަބާ ކިޔުމަށް ހާއްސަ ހަފްލާއެއް ވަނީ ބާއްވާފައެވެ.

ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލާއިރު، އެއާލައިންތަކާއި އެއާޕޯޓުން އަމަލު ކުރަންޖެހޭ އުސޫލުތައް މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްއޭސީއެ) އިން އާންމުކޮށްފައިވާއިރު އެ އުސޫލުގައި ވާގޮތުން ފަތުރުވެރިޔާ ރާއްޖެ އައިސް ހޭދަކުރާ މުއްދަތުގައި ހުންނާނެ ތަނުގެ މައުލޫމާތު ފޯރުކޮށްދޭން ޖެހެއެވެ. އަދި އޮން އެރައިވަލް ވިސާ ލިބޭނެ ކަމަށާއި 24 ގަޑިއިރު ހަމަނުވާ އޮންލައިން ހެލްތް ޑިކްލެރޭޝަން ފޯމެއް ކޮންމެ ފަތުރުވެރިއަކު ވެސް ރާއްޖެ އައުމުގެ ކުރިން ފުރަން ޖެހޭ ކަމަށް އުސޫލުގައި ވަނީ ބުނެފައެވެ.

އެއާލައިން ތަކުން އަމަލު ކުރަންޖެހޭ އުސޫލުތަކުގެ ތެރޭގައި ފްލައިޓް ތެރޭގައި ސޭފްޓީ ގައިޑްލައިންތައް ފަސިންޖަރުންނަށް ކިޔައިދޭއިރު، ބަލީގެ އަލާމާތްތައް ހަނދުމަ ކޮށްދިނުން ހިމެނެއެވެ. އަދި ފްލައިޓް ރާއްޖެ ޖެއްސުމަށްފަހު މީގެން އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ވީހާވެސް އަވަހަކަށް އިމިގްރޭޝަންގެ އިންފޮމޭޝަން ކައުންޓަރަކަށް ރިޕޯޓު ކުރަން އިރުޝާދު ދީފައިވާއިރު ރާއްޖޭގައި ހުއްޓާ ބަލީގެ އަލާމާތެއް ފެނިއްޖެނަމަ އެޗްޕީއޭ އަށް އެންގުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ފަހު އަނބުރާ ގައުމަށް ދިޔުމުގެ ކުރިން، ކޮވިޑް-19އަށް ޓެސްޓް ކުރަން ޖެހޭ ނަމަ، އެކަން ކުރެވޭނެ އިންތިޒާމް ވެސް ސަރުކާރުން ވަނީ ހަމަޖައްސާފައެވެ.