English Edition
Dhivehi Edition

އައްޑޫސިޓީ ހިތަދޫގައި އިމާރާތްކޮށް އަލަށް މީހުން ދިރިއުޅެމުންދާ ފްލެޓެއްގެ ތިންވަނަ ފަންގި ފިލާއިން ކުޑަ ކުއްޖަކު ވެއްޓިއްޖެއެވެ.

އުމުރުން އެންމެ 2 އަހަރުގެ އަންހެން ކުއްޖާ ވެއްޓުނީ ފްލެޓް ބެލްކަންޏަށް އެކަނި އަރައިގެން އުޅުމުގެ ތެރޭގައި ކަމަށް އޭނާގެ މަންމައާއި ޙަވާލާދީ އެފްލެޓުން ވާހަކަ ދެއްކި މީހަކު އޭއޯ ނިއުސްއަށް ކިޔައިދިނެވެ.

” ގޮނޑިއަކަށް އަރުވާފަ ސިންކު ކައިރިއަށް މަންމަ ޖެހިލިތަނާ ވެއްޓުނު އަޑު އިވުނީ.އަމިއްލައަށް ބެލްކަނީގެ ދޮރު ހުޅުވައިގެން ކުރިންވެސް ނިކުންނާތީ ވަރަށް ބަލައިގެން އުޅެނީވެސް.”

މަންޒަރު ދުށް މީހަކު ބުނި ގޮތުގައި ކުއްޖާ ނަގައިގެން ގެނައި އިރު އޮތީ ދެމިފައިކަހަލަ ގޮތަކަށެވެ. އެވަގުތު ޓެކްސީއެއްގައި އޭއީއެޗް އަށް ގެންގޮސް ޓެސްޓުތައް ހަދާފައިވާކަމަށާއި އެތެރެހަށީގެ ޓެސްޓުތަކުން އަދި އެއްވެސް މައްސަލައެއް ފެނިފައިނުވާ ކަމަށް ޑޮކްޓަރ ވަނީ ވިދާޅުވެފައެވެ. ޢާއިލާއިން މިހާރު ތިބީ ކުއްޖާގެ ސީޓީ ސްކޭނާއި އެކްސްރޭގެ ނަތީޖާ އަދި ނުލިބޭތީ އެކަމުގެ އިންތިޒާރުގައެވެ.

އައްޑޫގައި އަލަށް ހަދާފައިވާ ފްލެޓް ޢިމާރާތުގައި ޖަހާފައިވާ ފެންސް ތަކުގެ މައްސަލަ މީގެ ކުރިން އެތައް ފަހަރެއްގެ މަތިން އެތަނުގައި ދިރިއުޅޭ މީހުން ވަނީ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައެވެ. އެމީހުން ބުނަމުންދަނީ ފެންސް ތައް ގާއިމް ކުރެވިފައިވަނީ ސަލާމަތީގޮތުން އެކަށީގެންވާ މިންގަނޑަށް ނޫންކަމަށެވެ.