English Edition
Dhivehi Edition

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ދައުލަތުން ކުރާ ހުރިހާ ދައުވާތައް ކްރިމިނަލް ކޯޓުން ދެންމެ ބޭރުކޮށްލުމާ އެކު، އޭނާ މިނިވަންވެއްޖެ އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް ހަތް ދައުވާއެއް ދައުލަތުން ކޮށްފައިވާއިރު އެ ދައުވާތަކަށް އިއުތިރާފްވުމުގެ އެއްބަސްވުމެއް އަދީބާއި ދައުލަތާ ދެމެދު ވަނީ ހަދާފައެވެ. އަދި މި އެއްބަސްވުންތައް ހަދަން ހުށަހެޅުއްވީ އަދީބު ކަމަށް ދައުލަތުން ބުނެފައިވާއިރު މި ހަފްތާގެ އާދީއްތަ ދުވަހު ބޭއްވި އަޑުއެހުމުގައި އަދީބު ވިދާޅުވީ އޭރު އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އޭނާ ޖަލުގައި ހުންނެވިއިރު ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ފޮނުވާނެ ކަމަށް އޭރުގެ ޕްރޮސެކިއުޓާ ޖެނެރަލް އާއި އޭރުގެ ފުލުހުންގެ އިސްވެރިން ޔަޤީންކަން ދިނުމުން ކަމަށެވެ.

އެ އަޑުއެހުމުގައި މައްސަލަ ބެއްލެވި ގާޒީ އިސްމާއިލް ރަޝީދު ވަނީ އެ އިއުތިރާފު އެއްބަސްވުމާ ގުޅޭގޮތުން ގިނަ ސުވާލުތަކެއްކޮށްފައެވެ، އަދި މިއަދުގެ ޝަރީއަތުގައި، ދައުލަތުން ހެދި އިއުތިރާފުގެ އެއްބަސްވުންތައް ގޯސް ކަމަށާއި އެހެންކަމުން އެ އެއްބަސްވުމުގެ ދަށުން އުފުލި ދައުވާތައް ކުރިއަށް ގެންދެވޭނެ އެއްވެސް ތަނެއް ނޯންނާނެ ކަމަށް ކޯޓުންވަނީ ނިންމާފައެވެ. ކޯޓުން މިއަދު ނިންމި ނިންމުމާއެކު އަދީބު މިހާރު ވަނީ އެއްކޮށް މިނިވަންވެފައެވެ.

ދައުލަތުން އަދީބްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި މަނީ ލޯންޑްރިންގެ ދެ ދައުވާ އާއި ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާ އާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާ ހޯދައި ދިނުމުގެ ދެ ދައުވާ އާއި އަދި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ ހިމެނެއެވެ.

33 އަހަރަށް ޖަލަށްލުމަށް އަދީބަށް،ވަކި ވަކިން ކޮށްފައިވާ ހުކުމުތަކުގެ ތެރެއިން އެންމެ ފަހު ހުކުމް ބާތިލްކޮށް ޖަލު ބަންދުން ސަލާމަތްވެފައިވަނީ 2019 ވަނަ އަހަރުގެ މެއި މަހުގެތެރޭގައެވެ،