އިޓާލިއަން ސެރިއޭގައި ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ފަހަތުން އަރައި 3-1 އިން ޓޮރީނޯ ބަލިކޮށް އިންޓަ މިލާނުން ތާވަލްގެ ދެވަނަ އަށް ޖެހިލައިފިއެވެ.
ރޭގެ މެޗުން މޮޅުވެ އިންޓަ ދެވަނައަށް އެރީ މިހާތަނަށް ކުޅުނު 32 މެޗުން 68 ޕޮއިންޓް ހަމަކޮށްގެންނެވެ. ތިންވަނައިގައި އޮތް ލާޒިއޯ އަށް ވެސް މިއަދަދަށް ޕޮއިންޓް ލިބިފައިވާއިރު، އިންޓަ އަށް ކުރިލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ. އޭގެ އެއް ޕޮއިންޓް ފަހަތުން ހަތަރުވަނައިގައި އޮތީ އެޓަލާންޓާ އެވެ. ލީގުގެ އެއްވަނައިގައި އަދިވެސް އުޅޭ ޔުވެންޓަސް އަށް ލިބިފައިވަނީ 76 ޕޮއިންޓެވެ.
އިންޓަގެ ސެން ސީރޯގައި ރޭ ކުޅުނު މެޗުގައި ހީކުރިގޮތާ ހިލާފަށް ކުރީން ލީޑްނެގީ ޓޮރީނޯ އިންނެވެ. މެޗުގެ 17 ވަނަ މިނެޓުގައި އިންޓަގެ ގޯލްކީޕަރު ސާމިރް ހެންޑަނޮވިޗް އަށް ހެދުނު ގޯހެއްގެ ފައިދާނަގައި ޓޮރީނޯ އަށް މިލަނޑުޖަހައިދިނީ އިޓަލީގެ ފޯވާޑް އަންދްރެއާ ބެލޮއްޓީ އެވެ. މި ހާފުގައި އިންޓަގެ ފަރާތުން ވަރަށް އާދައިގެ ކުޅުމެއް ފެނިގެންގޮސްފައިވާއިރު، ފުރަތަމަ ހާފު ނިމުނީ 1-0 އިން ޓޮރީނޯ ކުރީގައިއޮވެގެންނެވެ.
ފުރަތަމަ ހާފާއި ހިލާފަށް، ދެވަނަ ހާފު ފެށިގެން އިންޓަ ވަނީ ތަފާތު ދައްކާފައެވެ. އެގޮތުން، އެ ޓީމުން ވަނީ މި ހާފުގެ 13 މިނެޓުގެ ތެރޭގައި ވައްދާލި ތިން ގޯލާއެކު މި މެޗުން ތިން ޕޮއިންޓް ކަށަވަރުކޮށްފައެވެ. މި މެޗުގައި އިންޓަ އަށް އެއްވަރުކޮށްދިނީ ދެވަނަ ހާފުގެ ކުޅުން ފެށިތާ ތިންވަނަ މިނެޓުގައި އޭޝްލީ ޔަންގެވެ.
އޭގެ ތިން މިނެޓުފަހުން ޗިލީގެ ފޯވާޑް އަލެކްސިސް ސަންޗޭޒް ދިން ބޯޅައަކުން ޑިއޭގޯ ގޮޑިން ވަނީ އިންޓަ އަށް މި މެޗުގައި ފުރަތަމަ ފަހަރަށް ލީޑްނަގައިދީފައެވެ. މިއީ ލީގުގައި އޭނާ ޖެހި ފުރަތަމަ ލަނޑެވެ. ރޭގެ މެޗުގައި އިންޓަ އިން ޖެހި ތިންވަނަ ލަނޑު، މެޗުގެ 61 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އާޖެންޓީނާގެ އުއްމީދީ ފޯވާޑް ލޮޓާރޯ މާޓިނޭޒް އެވެ.
ލީގުގައި މިރޭ ކުޅޭ މެޗުގައި ޔޫރަޕްގެ ޖާގައަކަށް ވާދަކުރަމުން އަންނަ އެޓަލާންޓާ އަމިއްލަ ދަނޑުގައި ނިކުންނާނީ ތާވަލްގެ އެންމެ ފުލުން ދެވަނައިގައި އުޅޭ ބްރެޝިއާއާ ދެކޮޅަށެވެ. މި މެޗު ފަށާނީ ރާއްޖޭގަޑިން މިރޭ ދަންވަރު 00:45 ގައެވެ.