English Edition
Dhivehi Edition

ކޮރޯނާވައިރަސް އެންމެ ފުރަތަމަ ހަލުވިކަމާއެކު ފެތުރެމުންދިޔަ ގައުމުތަކުގެ ތެރޭގައި ހިމެނުނު ޖަރުމަނުގެ ސްކޫލްތަކުން ބަލިޖެހޭ ނިސްބަތް ދަށް ކަމަށް އެ ގައުމުން ދާދިފަހުން ހެދި ސްޓަޑީއަކުން ހާމަވެއްޖެއެވެ.

އެގޮތުން، ޑްރެސްޑެން ގައި ހުންނަ ޔުނިވާސިޓީ ހޮސްޕިޓަލުން އެ ގައުމުގެ ސްޓޭޓެއްކަމަށްވާ ސަކްސަނީގެ ދެ ހާހެއްހާ ކުދިންނާއި ޓީޗަރުންގެ ގައިން ނެގި ލޭގެ ސާމްޕަލްތަކުންހެދި އެންޓިބޮޑީސް ޓެސްޓުތަކުން ދެއްކީ އުއްމީދީ ނަތީޖާތަކެއް ކަމަށްވެއެވެ.

މިދިޔަ މެއި މަހާއި ޖޫން މަހުގެ ތެރޭގައި ޑްރެސްޑެންގެ ބައުޒެން އާއި ގޮއާލިޒް ޑިސްޓްރިކްޓުގެ 13 ސްކޫލަކުން އުމުރުން 14 އާއި 18 އަހަރާއި ދެމެދު 1،500 އެއްހާ ކުދިންނާއި، 500 އެއްހާ ޓީޗަރުންގެ ސާމްޕަލްތަކުގެ ތެރެއިން، ކޮވިޑް-19ގެ އެންޓިބޮޑީސް ހުރީ އެންމެ 12 ފަރާތެއްގެ ހަށިގަނޑުގައި ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދިން ރެއިނާޑް ބާނާ ބުންޏެވެ.

ބާނާ އިތުރަށް ބުނިގޮތުގައި، މިހާތަނަށް ހެދި ފުރަތަމަ ޓެސްޓުތަކުގެ ނަތީޖާއަށްފަހު ސްކޫލްތަކުގެ ކިޔަވާ ކުދިންގެ ފަރާތުން ކޮރޯނާވައިރަސް ހަލުވިކަމާއެކު ފެތުރޭކަމަށް ފާހަގަކުރެވިފައިނުވާކަމަށެވެ.

ޖަރުމަނުގައި މިހާރު މި ބަލި ކޮންޓްރޯލްކުރެވިފައިވާއިރު، މިއަދު އަލަށް ބަލިޖެހުނު 373 މީހުންނާއެކު އެ ގައުމުން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ ދެ ލައްކަ އަށް އަރާފައެވެ. މި ބަލީގައި އެ ގައުމުން މަރުވެފައިވާ މީހުންގެ އަދަދަކީ 9،137 އެވެ. އަދި އެ ގައުމުން ބަލިޖެހުނު މީހުންގެ ތެރެއިން 92 އިންސައްތަ މީހުން ވަނީ މުޅީން ރަނގަޅުވެފައެވެ.

މުޅި ދުނިޔޭން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 13 މިލިއަނަށްވުރެ އިތުރުވެފައިވާއިރު، މަރުވި މީހުންގެ އަދަދުވެސް ވަނީ 570،000 އަށްވުރެ މައްޗަށް ގޮސްފައެވެ. މިހާތަނަށް ޕޮޒިޓިވްވި ކޭސްތަކުގެ ދެބައިކުޅަ އެއްބައި ރިޕޯޓްކޮށްފައި ވަނީ އުތުރު އަދި ދެކުނު އެމެރިކާ ސަރަހައްދަށެވެ. މި ބަލި އެންމެ ފުރަތަމަ ހަލުވިކަމާއެކު ފެތުރެންފެށި ޔޫރަޕުން ރިޕޯޓްކޮށްފައިވާ ކޭސްތަކުގެ އިންސައްތަ އުޅެނީ 20 ގައެވެ.