English Edition
Dhivehi Edition
ފޮޓޯ:ނިޝާން އަލީ/މިހާރު

ދިވެހިންނަށް ހުއްދަ ނޫން ހުރިހާ ކަންތައްތަކެއް މިހާރު ބިދޭސީންނަށް ހުއްދަކަމަށާއި، ބިދޭސީން މުޒާހަރާކޮށް ހަމަނުޖެހުން ހިންގާ ހިސާބަށް ކަންކަން ދިޔައީ ބިދޭސީންނާ މެދު އަޅަން ޖެހޭ ފިޔަވަޅުތައް ނޭޅުމުން ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހުގެ ގައުމީ ސަލާމަތާއި ޚާރިޖީ ކޮމިޓީގައި ވާހަކަދައްކަވަމުން ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ ބިދޭސީން ގަވާއިދާއި ޚިލާފުވި ނަމަވެސް އެއްވެސް ފިޔަވަޅެއް ނޭޅޭ ކަމަށާއި ބިދޭސީން މުޒާހަރާކޮށް ހަމަނުޖެހުން ހިންގުމާއި ހަމައަށް ކަންކަން ގޯސްވެގެން ދިޔަ ސަބަބަކީ އެއީ ކަމަށެވެ.

ބިދޭސީން މުޒާހަރާކޮށް އޭގެ ތެރެއިން ހިންގާ ހަމަނުޖެހުންތަކުގެ ނުރައްކާ މިހާރު ވެސް އެބައޮތް ކަން ފާހަގަކުރަމުން ޝަރީފް ވިދާޅުވީ މިއަދު އައިލެންޑް އެކްސްޕާޓްގެ މުވައްޒަފުން ހުޅުމާލޭގައި ކުރި މުޒާހަރާގައި ފުލުހުންގެ ވެހިކަލަކަށާއި ފުލުހުންނާއި އާންމުންނަށް ހަމަލާދީފައިވާކަމަށާއި އެކަމަށް ހައްލެއް ގެންނަން ކުރަން ޖެހޭ މަސައްކަތް ވަރަށް ގިނަކަމަށެވެ.

އިތުރަށް ޝަރީފް ވިދާޅުވީ ބިދޭސީން މުޒާހަރާކޮށް، ގައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް ކަންކަން ގޮސްފައިވާކަމަށާއި ބިދޭސީންގެ ފަރާތުން އެފަދަ އަމަލުތައް ފެންނަން ފެށީ އެމީހުންނާއި ގުޅުން ހުރި ކަންކަން ހައްލު ނުކުރެވި ހުރުމުން ކަމަށެވެ.