އިޓާލިއަން ސެރިއޭގައި ރޭ ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި ޕޯޗުގަލްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ވައްދާލި ދެ ޕެނަލްޓީ އާއެކު އެޓަލާންޓާ އަތުން ބަލިނުވެ ޔުވެންޓަސް ސަލާމަތްވެއްޖެއެވެ. މި މެޗު ނިމުނީ 2-2 އިން ދެ ޓީމު އެއްވަރުވެގެންނެވެ.
މި ނަތީޖާއާއެކު ލީގުގެ އެއްވަނައިގައި އުޅޭ ޔުވެންޓަސް އަށް 32 މެޗުން ލިބިފައިވަނީ 76 ޕޮއިންޓެވެ. ދެވަނައިގައި އުޅޭ ލާޒިއޯ އަށް 68 ޕޮއިންޓް ލިބިފައިވާއިރު، އޭގެ އެއް ޕޮއިންޓް ފަހަތުން ތިންވަނައިގައި އޮތީ އެޓަލާންޓާ އެވެ. އެއް މެޗު މަދުން ކުޅެގެން 65 ޕޮއިންޓާއެކު ހަތަރުވަނައިގައި އޮތް އިންޓަ މިލާނަށް އަންގާރަ ދުވަހުގެ ރޭ ޓޮރީނޯ އަތުން މޮޅުވެގެން ތާވަލްގެ ދެވަނަ އަށް އެރޭނެއެވެ.
ޔުވެންޓަސް އިން ރޭގެ މެޗަށް ނިކުތީ ލީގުގައި އެންމެ ފަހުން ރަށުން ބޭރުގައި އޭސީ މިލާން އަތުން 4-2 އިން ބަލިވި މެޗުގެ ފުރަތަމަ އެގާރައަށް ތިން ބަދަލެއް ގެނެސްގެންނެވެ. އެގޮތުން، ކުރީ މެޗުގައި ސަސްޕެންޝަނުގެ ސަބަބުން ނުކުޅެވުނު ޕައޮލޯ ޑިބާލާ އާއި މަތައިސް ޑި ލިޓްގެ އިތުރުން ބްލައިޒް މަޓުއިޑީ އަށް ރޭގެ މެޗުން ފުރުޞަތުދީފައިވެއެވެ.
ޔުވެންޓަސްގެ އެލިއާންޒް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ހީކުރިގޮތާ ހިލާފަށް ކުރީން ލީޑްނެގީ މިވަގުތު ރަނގަޅު ފޯމެއްގައި އޮތް އެޓަލާންޓާ އެވެ. މެޗުގެ 16 ވަނަ މިނެޓުގައި އެ ޓީމަށް މިލަނޑުޖަހައިދިނީ ކޮލަމްބިއާގެ ފޯވާޑް ޑުވާން ޒަޕާޓާ އެވެ. ފުރަތަމަ ހާފު މިނަތީޖާގައި އޮވެގެން ނިމުނުއިރު، ދެވަނަ ހާފުގެ ކުޅުން ފެށިގެން 10 ވަރަކަށް މިނެޓުގެ ތެރޭގައި ޔުވެންޓަސް އިން ނަތީޖާ ހަމަހަމަކުރީ އެ ޓީމުގެ ޑިބާލާ ފޮނުވާލި ބޯޅައެއް އެޓަލާންޓާގެ މާޓެން ޑެ ރޫންގެ އަތުގައި ޖެހުމުން ލިބުނު ޕެނަލްޓީއަކުން ރޮނާލްޑޯ އެވެ.
އޭގެފަހުން، މެޗު ނިމެން 10 މިނެޓަށްވެފައިވަނިކޮށް އެޓަލާންޓާގެ ރުސްލާން މަލިނޯސްކީ ކާމިޔާބުކުރި ލަނޑުން އެ ޓީމު މޮޅުވާން ދަނިކޮށް، ޔުވެންޓަސް އަށް ދެވަނަ ފަހަރަށް އެއްވަރުކޮށްދިނީ މެޗުގެ އެންމެ ފަހު މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ރޮނާލްޑޯ އެވެ. މިއީ ޔުވެންޓަސްގެ ހިގުއައިން ފޮނުވާލި ބޯޅައެއް އެޓަލާންޓާގެ ލުއިސް މުރިއެލްގެ އަތުގައި ޖެހުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ. މި ގޯލާއެކު ރޮނާލްޑޯ ވަނީ ލީގުގައި 28 ލަނޑުހަމަކޮށްފައެވެ. ރޮނާލްޑޯ އަށްވުރެ ލަނޑު ލިސްޓުގެ ކުރީގައި އުޅޭ ލާޒިއޯގެ ޗީރޯ އިމޯބިލޭ ޖަހާފައިވަނީ 31 ގޯލެވެ.
ލީގުގައި ރޭ ކުޅުނު ފާހަގަކޮށްލެވޭ އަނެއް މެޗުގައި، ތައްޓަށް ވާދަކުރަމުން އައި ލާޒިއޯ ވަނީ އަމިއްލަ ދަނޑުގައި 2-1 އިން ސަސުއޮލޯ އަތުން ބަލިވެއެވެ. ލާޒިއޯގެ ސްޕެއިން މިޑްފީލްޑަރު ލުއިސް އަލްބާޓޯގެ ލަނޑުން އެ ޓީމު ލީޑްނަގާފައިވަނިކޮށް، ސަސުއޮލޯގެ ޖިއަކޮމޮ ރަސްޕަޑޯރީ އާއި ފްރާންޗެސްކޯ ކަޕޫޓޯ ވަނީ އެ ޓީމަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ.
މީގެއިތުރުން، ޔޫރަޕްގެ ޖާގައަކަށް ވާދަކުރަމުން އަންނަ އޭއެސް ރޯމާ ވަނީ ރޭ ރަށުން ބޭރުގައި ބްރެޝިއާ އަތުން 3-0 އިން މޮޅުވެފައެވެ. އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ ފެޑެރީކޯ ފަޒިއޯ އާއި ނިކޮލާ ކަލިނިޗް އަދި ނިކޮލޯ ޒަނިއޯލޯ އެވެ.