ރާއްޖޭގެ މީޑިއާތައް ޖޫރިމަނާކުރެވޭނެ ޤަވާއިދެއް ހަދަނީ މީޑިއާތަކަށް ބިރުދެއްކުމަށްޓަކައި ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފި އެވެ.
މިނިވަން މީޑިއާތަކަށް ހުރަސްއެޅުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް ގޮވާލައި އިދިކޮޅުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގެ މީޑިއާތައް ޖޫރިމަނާކުރެވޭނެ ޤަވާއިދެއް ހެދުމަށްފަހު ވަކި ތާރީޚެއްގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށް، މަޖިލީހުގެ އަމީން ޢާންމު ސޮއިކުރައްވައި މޯލްޑިވްސް މީޑިއާ ކައުންސިލަށް ފޮނުވާފައިވާ ސިޓީއާމެދު އެ ކޯލިޝަނުން ކަންބޮޑުވާ ކަމަށެވެ.
“މި ކޯލިޝަނުން ދެކޭ ގޮތުގައި މިއީ މިނިވަން މީޑިއާއަށް ހުރަސްއަޅާ މީޑިއާތަކަށް ބިރުދެއްކުމުގެ ގޮތުން ކުރިއަށް ގެންދާ ވަރަށް ނުރައްކާތެރި ކަންތައްތަކެއްގެ ފެށުން. ޚާއްޞަކޮށް މިހާރު ރާއްޖޭގައި ހިންގަމުންދާ އެކިއެކި ކަންކަމާ ގުޅޭގޮތުންނާއި، އަދި ދާދި ފަހުން ސަފާރީއެއްގައި ކެންޔާ އަންހެނަކު ރޭޕްކޮށް، ސިޔާސީ ނުފޫޒުގަދަ ބަޔަކު ހިންގާފައިވާ ޢަމަލުތަކާ ބެހޭގޮތުން ރިޕޯޓް ކޮށްފައިވާ މީޑިއާތަކަށް އަމާޒުކޮށް، އެ މީޑިއާތަކުގެ މައްސަލަ ބެލުންފަދަ ކަންކަން ހިންގުމަކީ މިނިވަން ނޫސްވެރިކަމެއް އޮންނަންޖެހޭ ކަމަށް ބުނެ ވަރަށް ބޮޑަށް އަޑުގަދަކުރި ފަރާތްތަކުން ހިންގާ ވަރަށް ދަށު ދަރަޖައިގެ އަދި ޑިމޮކްރެސީގެ ނިޒާމާ މުޅިން ބީރައްޓެހި ޢަމަލެއް”، އެ ބަޔާނުގައި ބުނެފައި ވެއެވެ.
“މީޑިއާއަކީ ޑިމޮކްރެސީގެ ހަތަރުވަނަ ބާރު ކަމަށާއި މިނިވަން މީޑިއާގެ މުހިންމުކަމަށް ވަކާލާތުކުރަމުން އައި ފަރާތްތަކުން ވެރިކަމަށް އައިސް ނޫސްވެރިންގެ އަނގަ ބަންދުކޮށް މީޑިއާގެ މިނިވަންކަން ހަނިކުރުމަށް ރޭވިގެން ކުރަމުންދާ މަސައްކަތް މި ކޯލިޝަނުން ހަރުކާސި އިބާރާތަކުން ކުށްވެރިކުރަން. މިއީ މިނިވަން ނޫސްވެރިކަމަށާއި ނޫށްވެރިކަމުގެ ދާއިރާގެ މުސްތަޤްބަލަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެއް”، އިދިކޮޅުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ މިނިވަންކަމާއެކު ވަކި އަތަކަށް ނުޖެހި ޚަބަރާ މަޢުލޫމާތު ރައްޔިތުންނާ ހަމައަށް ގެނެސްދިނުމުގެ ފުރުސަތު ދައުލަތުގެ ހުރިހާ މުއައްސަސާއަކުންވެސް ފަހިކޮށްދޭން ޖެހޭ ކަމަށާއި، ނަމަވެސް މަޢުލޫމާތު ހާމަކުރުމުގައި ސަރުކާރުން މީޑިއާތަކަށް ތަފާތުކުރުން ގެންގުޅޭކަމުގެ ކަންބޮޑުވުންތައް ހުރިކަން ފާހަގަކުރެވުނު ކަމަށެވެ.
އަދި ހަމަ އެއާއެކު، މީޑިއާ ކައުންސިލަކީ މީޑިއާގެ މައްސަލަތައް ބަލާ މިނިވަން ވަކި މުއައްސަސާއަކަށް ވާއިރު، މީޑިއާ ކައުންސިލްގެ މަސައްކަތްތައް ވަކި ގޮތަކަށް ގެންދިއުމަށް ރައްޔިތުންގެ މަޖިލީހުން ބާރު ފޯރުވުމަކީ މިއަދު ސަރުކާރުން ވަރަށް ބޮޑަށް މީޑިއާތައް ކޮންޓްރޯލް ކުރުމަށް އަމާޒު ހިފާފައިވާކަމުގެ ހެތްކެއް ކަމަށްވެސް އިދިކޮޅުން ބުނެފައި ވެއެވެ.
“އެހެންކަމުން މީޑިއާތަކަށް ބިރުދައްކާ، މީޑިއާތަކުގެ އަނގަ ބަންދު ކުރުމަށް ސަރުކާރާ، މަޖިލީހުން ކުރަމުންދާ މައްސަކަތް ހުއްޓާލުމަށާއި، ވަކި ވަކި މީޑިއާތަކަށް އަމާޒުކޮށް ކުރަމުންދާ ފުރައްސާރަ ހުއްޓާލުމަށް މި ކޯލިޝަނުން ގޮވާލަން”، އެ ބަޔާނުގައި ވެއެވެ.
އިދިކޮޅުން މިހެން ބުނެފައިވާއިރު، ހުޅުމާލެ ކައިރީ އަޅާފައި އޮތް ސަފާރީއެއްގައި އަންހެނަކު ރޭޕްކުރި ކަމަށް ބުނެ މީޑިއާތަކުން ހަބަރު ފަތުރާފައިވާތީ އެ މައްސަލަތައް ބަލައި ދިނުމަށް، ރައްޔިތުންގެ މަޖިލީހުން ވަނީ މީޑިއާ ކައުންސިލަށް އަންގައިފައެވެ.