ސްވިޒަލޭންޑްގެ ނިޔޯންގައި ކުރިއަށްދިޔަ ޔުއެފާ ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ބުރު މެޗުތަކުގެ ގުރުއަތުލުން ބޭއްވިގެންދިޔައިރު، އެ މުބާރާތުގެ ކުއާޓާ ފައިނަލްގައި ބޮޑެތި ޓީމުތަކުން އެއް ޓީމު، އަނެއް ޓީމާ ދެކޮޅަށް ނިކުންނަން ޖެހިއްޖެއެވެ.
އެގޮތުން، އެންމެ ފޯރިގަދަވާނެ ކަމަށް ބެލެވޭ މެޗުގައި، އެ މުބާރާތުގެ ދެވަނަ ބުރުގައި ރެއާލް މެޑްރިޑާ ދެކޮޅަށް މެންޗެސްޓާ ސިޓީ ކުޅޭ ދެވަނަ ލެގުން މޮޅުވާ ޓީމެއް ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ޔުވެންޓަސްއާ ފްރާންސްގެ އޮލިމްޕިކް ލިޔޯން ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށް ނިކުންނަން ޖެހޭއިރު، ދެން އެންމެ ފާހަގަކޮށްލެވޭ މެޗުގައި ނަޕޯލީއާ ބާސެލޯނާ ކުޅޭ ދެވަނަ ލެގުގެ މެޗުން މޮޅުވާ ޓީމެއް ނިކުންނާނީ ޗެލްސީއާ ބަޔާން މިއުނިކް ކުޅޭ ދެވަނަ ލެގުގެ މެޗުން މޮޅުވާ ޓީމަކާއެވެ.
އަނެއް ދެ މެޗުގައި ބައްދަލުކުރަނީ އިޓަލީގެ އެޓަލާންޓާ އާއި ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ އަދި ޖަރުމަނުގެ އާރްބީ ލީޕްޒިގު އާއި ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑެވެ.
ކުއާޓާގައި ކުރިމަތިލާންޖެހިދާނެ ކަމަށް ބެލެވޭ، ރެއާލްއާ ޔުވެންޓަސް މީގެކުރީން 21 ފަހަރެއްގެ މަތީން ޔޫރަޕްގެ އެކި މުބާރާތްތަކުގައި ބައްދަލުކޮށްފައިވާއިރު، އެންމެ ފާހަގަކޮށްލެވޭ ދެ މެޗުގައި 1998 އާއި 2017 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ކުރިހޯދާފައިވަނީ ރެއާލެވެ.
މީގެއިތުރުން، ކުއާޓާގައި ނިކުންނަންޖެހިދާނެ ކަމަށް ބެލެވޭ، ސިޓީއާ ލިޔޯންގެ ވާދަވެރިކަމަށް ބަލާއިރު، މިދިޔަ އަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓް ހޯދައި، ސިޓީގެ ދަނޑުގައި 2-1 އިން ލިޔޯން ވަނީ މޮޅުވެފައެވެ.
ޗެމްޕިއަންސް ލީގުގެ ތާރީޚުގައި ބަޔާންއާ ދެކޮޅަށް ބާސެލޯނާ އެންމެ ފަހުން ކުޅުނު ތިން މެޗުން އެގްރިގޭޓުން ކުރިހޯދި ޓީމު ވަނީ އެ ތިން ފަހަރު ވެސް ވަނީ ތަށި އުފުލާލައިފައެވެ. އެގޮތުން، 2008/09 ވަނަ އަހަރުގެ ކުއާޓާ އާއި 2014/15 ވަނަ އަހަރުގެ ސެމީގައި ބާސެލޯނާ ކުރިހޯދިއިރު، 2012/13 ވަނަ އަހަރުގެ ސެމީގައި ބަޔާން މޮޅުވެ، ވަނީ ޗެމްޕިއަންކަން ހޯދާފައެވެ.
މީގެކުރީން، ޔޫރަޕްގެ މުބާރާތެއްގައި ލީޕްޒިގާ ދެކޮޅަށް އެތުލެޓިކޯ އަދި އެޓަލާންޓާއާ ދެކޮޅަށް ޕީއެސްޖީ ވެސް ކުޅެފައެއްނުވެއެވެ. ޔޫރަޕްގެ މުބާރާތްތަކުގައި ޖަރުމަނުގެ ކްލަބުތަކާ ދެކޮޅަށް އެތުލެޓިކޯގެ ރެކޯޑުވެސް ރަނގަޅެވެ. އެގޮތުން، 1979/1980 ވަނަ އަހަރުގެ ޔުއެފާ ކަޕްގެ ފުރަތަމަ ބުރުގައި ޖަރުމަނުގެ ޑީނަމޯ ޑްރެސްޑެން އަތުން ކަޓައިގެންދިޔަފަހުން، ޖަރުމަނުގެ ކްލަބުތަކާ ދެކޮޅަށް އެ ޓީމު އެންމެ ފަހުން ކުޅުނު ނޮކްއައުޓް ބުރުގެ 8 މެޗުން ވެސް ވަނީ ކުރިހޯދާފައެވެ.
އެހެންނަމަވެސް، އިޓަލީގެ ޓީމުތަކާ ދެކޮޅަށް ޕީއެސްޖީގެ ރެކޯޑް އުޅެނީ ވަރަށް ދަށްކޮށެވެ. 1996 ވަނަ އަހަރު ޕާމާ އަތުން 3-1 އިން މޮޅުވިފަހުން އެ ޓީމު އެންމެ ފަހުން ކުޅުނު 8 މެޗުގެ ތެރެއިން ހަ މެޗުން އެއްވަރުވެ، ދެ މެޗުން ވަނީ ބަލިވެފައެވެ.
ސެމީ ފައިނަލުގައި ކުޅެން ޖެހެނީ ލީޕްޒިގް އާއި އެތުލެޓިކޯ ތެެރެއިން މޮޅުވާ ޓީމަކާއި އެޓަލާންޓާ އާއި ޕީއެސްޖީ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމެކެވެ. އަދި އަނެއް ސެމީގައި ބައްދަލުކުރާނީ ދެވަނަ ބުރުގައި ރެއާލް އާއި ސިޓީ ކުރެން މޮޅުވާ ޓީމެއް، ޔުވެންޓަސް އާއި ލިޔޯން ބައްދަލުކޮށްގެން މޮޅުވާ ޓީމަކާއި ކުޅެ ކުރިހޯދާ ޓީމެއް، ބާސެލޯނާ އާއި ނަޕޯލީ ބައްދަލުކުރާ މެޗާއި ޗެލްސީ އާއި ބަޔާން ކުޅެގެން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.
މި ސީޒަނުގައި ކުއާޓާ އިން ފެށިގެން މިނީ މުބާރާތެއްގެ ގޮތުގައި، ޕޯޗުގަލްގެ ލިޒްބަންގައި މެޗުތަައް ކުރިއަށްގެންދިއުމަށް ޔުއެފާ އިން ނިންމާފައިވާއިރު، ކޮވިޑް-19ގެ ސަބަބުން ޗެމްޕިއަންސް ލީގުގެ ނުކުޅެވި ހުރި ދެވަނަ ބުރުގެ ހަތަރު މެޗު އޮންނާނީ އޮގަސްޓް 7-8 ގައެވެ. އެއީ ރެއާލާއި ސިޓީގެ މެޗާއި ޗެލްސީ އާއި ބަޔާންގެ މެޗާއި ލިޔޯން އާއި ޔުވެންޓަސްގެ މެޗު އަދި ނަޕޯލީ އާއި ބާސެލޯނާގެ މެޗެވެ. އެގޮތުން، މި މުބާރާތުގެ ދެވަނަ ބުރުގެ ފުރަތަމަ ލެެގުގެ ނަތީޖާތަކަށް ބަލާއިރު، ރަށުން ބޭރުގައި ސިޓީން ޔޫރަޕްގެ ރަސްގެފާނު ކަމަށްވާ ރެއާލް އަތުން 2-1 އިން މޮޅުވިއިރު، ޗެލްސީން އަމިއްލަ ދަނޑުގައި ބަޔާން މިއުނިކް އަތުން 3-0 އިން ވަނީ ބަލިވެފައެވެ. އަދި ނަޕޯލީ އާއި ބާސެލޯނާ ވާދަކުރި ފުރަތަމަ މެޗު 1-1 އިން އެއްވަރުވެފައިވާއިރު، ރޮނާލްޑޯ އާއެކު ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމަށް އަމާޒުހިފާފައިވާ ޔުވެންޓަސް ވަނީ ލިޔޯންގެ ދަނޑުގައި ކުޅުނު މެޗުން 1-0 އިން ބަލިވެފައެވެ.
އެ މެޗުތައް ނިމި، އަނެއް ބުރަށް ޓީމުތައް ހޮވުމާ އެކު، އެ ހިސާބުން ފެށިގެން ނޮކްއައުޓް ބުރުގެ ބާކީ ހުރި ކުއާޓާގެ މެޗުތަކާއި (އޯގަސްޓް 12-15 އަށް)، ސެމީގެ މެޗުތައް (އޯގަސްޓް 18-19 އަށް) ކުރިއަށްގެންދާނީ އެއް ލެގުގެ އުސޫލުން މިނީ މުބާރާތެއްގެ ގޮތުގައެވެ. އަދި ފައިނަލް މެޗު އޯގަސްޓް މަހުގެ 23 ގައި ކުޅުމަށް ވަނީ ތާވަލްކުރެވިފައެވެ. މި ހުރިހާ މެޗެއްވެސް ކުޅުމަށް ހަމަޖެހިފައިވަނީ ބެންފީކާގެ އެސްޓޭޑިއޯ ޑަ ލުޒް އާއި ސްޕޯޓިންގެ އެސްޓޭޑިއޯ ހޯސޭ އަލްވަލާޑޭ ގައެވެ.
މި ސީޒަނުގެ ފައިނަލް މެޗު ބާއްވަން ކުރިން ހަމަޖެއްސި ތުރުކީގެ އިސްތަންބޫލަށް ވަނީ އަންނަ ސީޒަނުގެ ފައިނަލް ބާއްވަން ފުރުޞަތު ދީފައެވެ. މިއާއެކު، އަންނަ ސީޒަނުގެ ފުރުސަތު ކުރިން ދީފައި އޮތް ރަޝިއާގެ ސެއިންޓް ޕީޓާސްބާގަށް ދެން ފުރުޞަތު ލިބޭނީ 2022 ގައެވެ.