English Edition
Dhivehi Edition
މަރަދޫ ލިންކްރޯޑް ސަރަޙައްދަށް އުދަ އަރަނީ/ފޮޓޯ ފަޒްލީ

މި 3 ދުވަހުވެސް ރާޅު އަރާނެ ، ސަމާލުވޭ – މެޓް އޮފީސް

ރާއްޖޭގެ ދެކުނާއި މެދުތެރޭގެ ސަރަޙައްދުތަކަށް ރާޅުއަރާނެތީ އެކަމަށް ސަމާލުވުމަށް މޫސުމާއި ބެހޭ އިދާރާ އިން އިލްތިމާސް ކޮށްފިއެވެ. މިއީ ރާއްޖެއާއި ދުރުން ދެކުނު އިންޑިއާ ކަނޑުގައި އުފެދިފައިވާ ދިގު ބާނިތަކެއްގެ ސަބަބުން މެދުވެރިވާ ކަމެއްކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ. ކުރިއަށް އޮތް 3 ދުވަހު ރާއްޖޭގެ ދެކުނާއި މެދުތެރޭގެ ރަށް ތަކަށް ރާޅު އަރާއިރު ދިޔަވަރު ބޮޑުވާ ގަޑިތަކުގައި މިކަމުގެ އަސަރު ބޮޑު ވެގެންދާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ހާމަކޮށްފައިވެއެވެ.

އެހެންކަމުން އެންމެހާ ފަރާތްތަކުން މިކަމަށް ސަމާލުވެ އަދި ވަކިން ޚާއްސަކޮށް ގޮޑު ދޮށާއި ކައިރި ހިސާބުތަކުގައި ދިރިއުޅޭ ފަރާތްތަކާއި އަދި މޫދަށް އެރި އުޅުމުގައިވެސް ފަރުވާތެރިވުމަށް މެޓް އޮފީހުން އިލްތިމާސް ކޮށްފައިވެއެވެ.

އުދަ އަރަމުންދާ މިދަނޑިވަޅުގައި ފަޅުތެރޭ އަޅާފައި ހުންނަ އުޅަނދު ފަހަރުގެ ރައްކާތެރި ކަމަށްވެސް ސަމާލު ވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހަނދާން ކޮށްދެއްވައެވެ.

ރެއިން ފެށިގެން އައްޑޫސިޓީ މަރަދޫގެ ބައެއް ސަރަޙައްދު ތަކަށް ދަނީ އުދައިގެ އަސަރު ކުރަމުންނެވެ. ހޭޅިފަށުގައި ހުރި ބައެއް ގެތަކާ ހަމަޔަށް ރާޅުއަރާފައިވާއިރު މަރަދޫއާއި ހިތަދޫއާއި ދެމެދުން ލިންކް ރޯޑުގެ އެކި ހިސާބުތަކަށް ދަނީ ވަރަށް ބޮޑަށް ރާޅު އަރަމުންނެވެ. މިހަފްތާގެ ތެރޭ ރާއްޖޭގެ އެހެން ސަރަޙައްދު ތަކަށްވެސް އުދަ އަރަމުން ދެއެވެ.