ސްޕެނިޝް ލަލީގާ ގައި ރޭ ކުޅުނު ޑާބީ މެޗުގައި ލުއިސް ސުއަރޭޒް ކާމިޔާބުކުރި ލަނޑާއެކު އެސްޕަންޔޯލް ބަލިކޮށް ބާސެލޯނާ އިން ލީގު ހޯދުމަށް ކުރާ އުއްމީދުއާކޮށްފިއެވެ. މި މެޗު ބާސެލޯނާ އިން ކާމިޔާބުކުރި 1-0 އިންނެވެ.
ރޭގެ ނަތީޖާއާއެކު ބާސެލޯނާ އިން ވަނީ 35 މެޗުން 76 ޕޮއިންޓް ހަމަކޮށް، ތާވަލްގެ އެއްވަނައިގައި އުޅޭ ރެއާލް މެޑްރިޑާ ޕޮއިންޓަކާ ގާތަށް ޖެހިލާފައެވެ. ރެއާލަށް 34 މެޗުން ލިބިފައިވަނީ 77 ޕޮއިންޓެވެ. އެކަމަކު ލީގުގައި އަންނަ ހުކުރު ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި އަލަވޭސްއާ ދެކޮޅަށް ކުޅޭ މެޗުން ރެއާލް މޮޅުވެއްޖެނަމަ ލީޑް އަލުން ފުޅާކުރެވޭނެއެވެ. ރޭގެ މެޗުން ބަލިވި އެސްޕަންޔޯލް ވަނީ ރެލިގޭޓްވެފައެވެ. އެ ޓީމަށް ކުޅުނު 35 މެޗުން ލިބިފައިވަނީ 24 ޕޮއިންޓެވެ.
ބާސެލޯނާގެ ކޭމްޕް ނޯ ގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ލަނޑެއްނުޖެހި އެއްވަރުވެގެން ނިމުނުއިރު، މި ހާފުގައި ލަނޑުޖަހާނެ ރަނގަޅު ފުރުޞަތުތައް ތަނަވަސްކޮށްފައިވަނީ އެސްޕަންޔޯލް އިންނެވެ. އެގޮތުން، އެސްޕަންޔޯލްގެ އެޑްރީ އެމްބާބާ އާއި ޑިޑަކް ވިޔާ ފޮނުވާލި ހަމަލާތައް ބާސެލޯނާގެ ގޯލްކީޕަރު މާކް އަންދްރެ ޓަ ސްޓެގަން މަތަކުރިއެވެ.
ރޭގެ މެޗުގެ ދެވަނަ ހާފު ފެށިގެން ފަސްވަނަ މިނެޓުގައި އެސްޕަންޔޯލްގެ ފެނާންޑޯ ކަލޭރޯ އަށް ކުރި ފައުލަކަށް ރެފްރީ ވަނީ ވީއޭއާރްގެ އެހީ ހޯދުމަށްފަހު ބާސެލޯނާގެ ޒުވާން ވިންގާ އަންސޫ ފާޓީ އަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. މިއާއެކު ބާސެލޯނާ އަށް މައްސަލަތައް ކުރިމަތިވެފައިވަނިކޮށް، އެ ޓީމަށް ހަމަޖެހުމެއް ލިބުނީ އޭގެ ތިން މިނެޓުފަހުން ޖެރަޑް ޕީކޭ އަށް އެސްޕަންޔޯލްގެ ޕޮލް ލޮޒާނޯ އަށް ރެފްރީ ސީދާ ރަތެއް ދެއްކުމުންނެވެ.
އޭގެ ނަތީޖާއެއްގެ ގޮތުން، ބާސެލޯނާ އިން ޖެހި ހަމައެކަނި ލަނޑު، މެޗުގެ 56 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ސުއަރޭޒް އެވެ. މިއީ އެ ޓީމުގެ ފްރާންސް ފޯވާޑް އެންޓޮއިން ގްރީޒްމަން ތަނަވަސްކުރި ފުރުޞަތަކުން ކެޕްޓަން ލިއޮނަލް މެސީ ފޮނުވާލި ހަމަލާއެއް އެސްޕަންޔޯލްގެ ކުޅުންތެރިން ދިފާއުކުރުމުން ރީބައުންޑް ބޯޅައިން ސުއަރޭޒް ކާމިޔާބުކުރި ގޯލެކެވެ.
މި ގޯލާއެކު ސުއަރޭޒް ވަނީ 195 ލަނޑާއެކު ބާސެލޯނާގެ ތާރީޚުގައި ތިންވަނަ އަށް އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. ކުރީން، މި ރެކޯޑް އޮތް ހަންގޭރީގެ ލާސްލޯ ކުބާލާ ވަނީ ބާސެލޯނާ އަށް 194 ލަނޑުޖަހައިދީފައެވެ. ސުއަރޭޒް އަށްވުރެ ލަނޑު ލިސްޓުގެ ކުރީގައި އުޅެނީ، މެސީ (630) އާއި ސެޒާ ރޮޑްރިގޭޒް (232) އެވެ.
މެޗަށްފަހު ނޫސްވެރިންނަށް ދިން އިންޓަވިއުގައި ބާސެލޯނާގެ ކޯޗު ކީކޭ ސެޓިއެން ބުނީ ރޭގެ މެޗުގައި އެ ޓީމަށް އެންމެ ރަނގަޅު ކުޅުން ނުދެއްކުނު ކަމަށާއި، އެސްޕަންޔޯލް އިން ބޮޑަށް ޑިފެންސަށް އިސްކަންދީގެން ކުޅުމުގެ ސަބަބުން ގިނަ އުނދަގޫތަކާ ކުރިމަތިލާންޖެހުނު ކަމަށެވެ.
ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، އަމިއްލަ ދަނޑުގައި އޮސަސޫނާ އަތުން 3-0 އިން ރެއާލް ބެޓިސް މޮޅުވިއިރު، ވިޔަރެއާލް ވަނީ ރަށުން ބޭރުގައި 3-1 އިން ގެޓަފޭ ބަލިކޮށްފައެވެ.