ރައްޓެއްސަކާ ދިމާވިފަހަރަކު ވަރަށް ހިތްހަމަ ނުޖެހި ހުރެ ބުނެދިނެވެ.
“އޮފީސްތަކުގެ އިސް މަގާމުތަކުގައި ތިބޭ ވެރިން ހީކުރާގޮތް ދޯ. ހީވާކަހަލަ މަތީ މަގާމެއް ލިބުމަކީ ދެން ދުނިޔެ ހެއްދެވިހާ ނުބައިކަމެއް ކުރަން ހުޅުވުނު ދޮރެކޭ”
“ކީއްވެ ތިހާ ރުޅިގަދަވެފައި ތިވާހަކަ ތިޔަ ދައްކަނީ؟ ކޮބާ މައްސަލައަކީ” ރަހުމަތްތެރިޔާގެ ވާހަކަ ތަފްސީލު ވެވޭތޯ އަހާލީމެވެ.
އޭނާ ބުނީ އޮފީހުގެ ބޮސް ގެ އުނދަގޫ ބޮޑުކަމުގެ ވާހަކައެވެ. ނުބެހޭކަމެއް ނެތް ކަމުގެ ވާހަކައެވެ. ކޮންމެ ދުވަހަކު އަޅާ ހެދުމުން ފެށިގެން ޖަހާ ސެންޓަށް ވެސް ކޮމެންޓު ކޮށް ކަތި ނަޒަރުން ބަލާ ކަމަށާއި އަދި މަޖަލަކަށް ހަދާފައި ދައްކާ “ހަޑި” ވާހަކަތަކުގެ ވާހަކައެވެ. އަދި ހަފްތާ ބަންދުގައި ދެމީހުން އެކީގައި ލަންކާއަށް ހޮލިޑޭ ހަދާލަން ދިއުމަށް އެދުނު އެދުން ތަކުގެ ވާހަކައެވެ.
“އަހަރެން އެކަމާ ގަބޫލު ނުވީމަ ބުނީ ކޮބާހޭ މައްސަލައަކީ. ކާކަށް ހޭ އެނގޭނީ. މިއީ އެންމެންވެސް ކުރާ ކަންތައްތަކޭ. ހަމަ ގޮސްލާފަ ޝޮޕިންކޮށްލާ ކުޑަކޮށް މަޖާކޮށްލާފައި އައީމަ ނިމުނީ ނޫންހޭ. މީގެ ކުރިންވެސް ކިތަންމެ ފަހަރަކު އެކިކުދިންނާ އެކީ ގޮސްފައޭ ބުނީ ހުރީވެސް” އޭނާ ބުނެދިނެވެ.
މިއީ އޮފީސްތަކުގައި އާންމުކަމެކެވެ. ސަރުކާރުގެ އިސްވެރިންނާއި ހަމައިން ފެށިގެން އަމިއްލަ ކުންފުނިތަކާއި އާދައިގެ ތަންތަނުގައި ވެސް އޮތީ މި ހާލެވެ. ވަޒީފާ އަށްޓަކައި ގިނަ އަންހެނުންނަށް ޖެހެނީ މިކަންތައް ފޮރުވާށެވެ. ބައެއް އަންހެންކުދިން އެމީހުންގެ މަޅީގައި ޖެހި ޗުއްޓީ ދަތުރުތައް ހަދާލާތަންވެސް ފެނެއެވެ. އާއިލާގެ މީހުންނަށް އެނގެނީ “އޮފީސް ދަތުރެއްގައި” ބޮސް އާއި އެކީ ދިޔަކަމެވެ.
“އަންހެން ކުދިން ވަރަށް މޮޔަވާނެ. ނިކަން އަވަހަށް ހެއްލޭނެ. އަހަރެން ހަދާ ގޮތަކީ އެގޮތަށް އަޅައިގަންނަ ކަހަލަ މަންޖެއެއް އޮފީހަށް އައިއްސިއްޔާ ކުޑަކޮށް ހައްލާލައިގެން ޗުއްޓީ ދަތުރެއް ދެނީ. ދަތުރު ނިންމާފައި އަންނަ އިރު އަހަރެން އޮންނާނީ މިއީ އޭނަގެ ސަބަބުން ވީ ކަމެއް ކަމަށާއި މިވާހަކަ ދައްކައިފިއްޔާ އެންމެން ކުއްވެރިކުރާނީ އޭނަ ކަމަށް ވިސްނައިދީފަ. އެހާ ހިސާބުން އެކަން ނިމުނީ” މިއީ ސަރުކާރުގެ މަތީ މަގާމެއްގައި މީގެ ކުރިން ހުރި “ބޭފުޅަކު” މަޖަލަކަށް ވިދާޅުވިވާހަކައެކެވެ.
އަދިވެސް އެހެން ވާހަކައެކެވެ. އާދައިގެ ވިޔަފާރިއެއް ކުރަމުންދިޔަ އަންހެން ރައްޓެއްސެކެވެ. އޭނަގެ ވިޔަފާރީގެ ކޮންމެވެސް ޚާއްޞަ ދުވަހަކަށް ބޭއްވި ހަފްލާއަކަށް އޭނަގެ ތިމާގެ އަދި ދަންނަ “ވެރިއަކަށް” ދައުވަތު ދިނެވެ. އެއީ އެ ވިޔަފާރި ފެށުމުގައި ރަޙްމަތްތެރިޔާއަށް އޭނަގެ ފަރާތުން ލިބުނު އެއްބާރުލުމަށްޓަކައި އެކަން ފާހަގަ ކުރުމަށެވެ.
މާލެއިން އެރަށަށް ދިއުމަށް ދެކޮޅު ޓިކެޓު ދީ ހަފްލާގެ ޝަރަފުވެރި މެޙްމާނަކަށް އެ ބޭފުޅާ ހަަމަޖައްސާ އަންނަން އޮތް ދުވަހު އޭނާ ބަލާ ރަހްމަތްތެރިޔާ އެއާޕޯޓަށް ދިޔައެވެ. އަދި އެއާޕޯޓުން ރިސީވްކޮށްގެން ރަނގަޅު ފެންވަރުގެ ތަނެއްގައި ބެހެއްޓުމަށްފަހު ރަޙްމަތްތެރިޔާ ގެއަށް އައެވެ.
“ގެއަށް އައިތަނާ ފޯނަށް އައީ އޭނަގެ މެސެޖެއް. ބުނީ ފޫހިވަނީއޭ. އެކަނިހޭ އެތަނުގައި ހުންނަން ޖެހެނީ. އެދުނީ މަޖާކޮށްލަން އެތަނަށް ދާން. ވީ ފޫއްސަކުން ހިތަށް އެރި އޭނަ ނުގެނެވުނު ނަމައޭ. ހީކުރާ ގޮތް ދޯ. މުޅި ދަތުރުގައި ވެސް އޭނަގެ ފޯކަސް ހުރީ އެންމެ ކަމަކަށް. އޭނާ ހީކުރީ އޭނަ ހޮލިޑޭއަށް މަޖާކުރަން ގެނައީ ކަމަށް” ރަޙްމަތްތެރިޔާ ކިޔައިދިނެވެ.
މިކަހަލަ ކިތަންމެ ވާހަކައެކެވެ. ވަކިން ޚާއްޞަކޮށް ދެޖިންސުގެ މުވައްޒަފުން ކުރާ “ރަސްމީ ދަތުރު” ތަކުގައި ބޮސް މެންގެ އުނދަގޫ އަންހެން ސްޓާފުންނަށް ކުރާމިންވަރު ގިނައެވެ. މަޖަލަކަށް ހަދާފައި ދައްކާ ހުތުރުވާހަކަ ތަކާއި ޖިންސީ ފުރައްސާރަ ކުރުން އެއީ އެފަދަ ބޮސް މެންގެ އާދައަކަށް އޮންނީ ވެފައެވެ.
“އަހަރެން އަލަށް ވަން ވަޒީފާއިން މިހާރު ކެނޑެން ސިޓީލައިފިން” އެއްދުވަހަކު ރަހްމަތްތެރިޔަކާ ދިމާވެގެން ކިޔައިދިނެވެ. ރަނގަޅު ކުންފުންޏެއްގެ އަދި ރަނގަޅު މުސާރަ ލިބޭ ވަޒީފާއަކަށް އޭނާ ދާން ފެށިތާ އޭރު އަދި ދެމަސް ހަމަ ނުވެއެވެ. އެހެންކަމުން ވަޒީފާއިން ވަކިވާ ސަބަބާ ބެހޭ ގޮތުން ސުވާލުކޮށްލީމެވެ.
“ބޮސްގެ ޕާސަނަލް ސެކެޓްރީއަކަށް އަހަރެން ނެގީ. އެކަމަކު ވަޒީފާގައި ކުރަން ޖެހޭ މަސައްކަތްތަކަށް ވުރެ އިތުރު މަސައްކަތް އަހަންނަށް ކުރަން އޮންނަނީ ޖެހިފައި. ކޮންމެ ހަފްތާއަކު އެއްފަހަރު ރާއްޖޭން ބޭރަށް ދެމީހުން އެކީ ދާން ޖެހޭ. ކޮންމެ ދަތުރެއްގައި ބޮސް ގެ ރޫމަށް ނުގޮސް ސަލާމަތް މި ވެވެނީ ހަމަ ކިރިޔާ. އެންމެ ކުޑަމިނުން އޭނަގެ ވަރަށް ޕާރސަނަލް ސާމާން ގަންނަން ވެސް އަހަރެން ގޮވައިގެން ދޭ. އަހަރެންގެ ސައިޒް ތަކާ ބެހޭ ގޮތުންވެސް ސުވާލުކުރޭ. އަހަންނަކީ އޭނަގެ ސެކެޓްރީ. ޖާރިޔާއެއްނޫން ވިއްޔާ. އެހެންވެ ރައްކަލަކަށްޓަކައި އަމިއްލަ އަށް އިސްތިއުފާ ދިނީ. ވަޒީފާ އަށް ދިއުމަކީ ހަށިވިއްކަން ޖެހޭ ސަބަބެއް ކަމަކަށް ގަބޫލެއް ނުކުރެވޭ. އަހަރެމެންނަށް ވަޒީފާ ލިބެނީ ލިބިފައި ހުރި ތައުލީމާއި ގާބިލް ކަމުން. ސިފައަކުންނެއް ނޫން” އޭނާ ކިޔައިދިނެވެ.
ދުނިޔޭގެ ގިނަ ގައުމުތަކުގައިހެން ރާއްޖޭގައިވެސް ޖިންސީ ފުރައްސާރަކުރުން އޮތީ ހަމަ އާންމު ކަމަކަށް ވެފައެވެ. ތަފާތު އެކިގޮތްގޮތަށެވެ. ގިނަ އޮފީސްތަކުގައި “މަޖަލަށް” ހަދާފައި މުޅިންވެސް އޮންނަނީ މިކަމެވެ. އެކަމާއި ހިތްހަމަ ނުޖެހި އެވާހަކަ ދައްކައިފިނަމަ “ކަޓު” އަދި “ނުގުޅޭ” މީހަކަށް އޮންނަނީ ވެފައެވެ. މީގެ ކުރިން މިވާހަކަތައް ދައްކަން ގިނަ މީހުންނަށް ނުކެރެނީއެވެ. އަޑުއުފުލާނެ ހިތްވަރު ގިނަ އަންހެނުންނަށް ނުލިބެނީ ތަފާތު ގިނަ މަޖުބޫރީ ތަކަކަށް ޓަކައެވެ. ނަމަވެސް މިހާރު މިއޮތީ ޒަމާން ބަދަލުވެފައެވެ. ކިތަންމެ ނުފޫޒުގަދަ ވެރިއަކު ނަމަވެސް އެފަދަ ކަމެއް ކުރާނަމަ އެކަން ހާމަކޮށް އެހެންމީހުންނަށް އަންގަންވީއެވެ. ސިއްރު ސިއްރުން ވަޒީފާއިން ވަކިވެގެން ގޮސް އެކަމުން ތިމާ އަމިއްލަ އަށް ސަލާމަތް ވުމުން އިތުރު އެހެން އަންހެނަކަށް ހަމަ އެގޮތަށް ހެދުމަށް އިތުރު ފުރުސަތެއް ދެވެނީއެވެ. ތިމާއާއި އެހެން އެންމެންގެ ސަލާމަތާއި ކަރާމަތަށްޓަކައި އެފަދަ “ވެރިން” ގެ މުޑުދާރު އަމަލުތައް ހާމަކޮށް އެކަން ހުއްޓުވަން ޖެހެއެވެ.