English Edition
Dhivehi Edition
ޔުވެންޓަސް ކޮޅަށް ލަނޑުޖެހުމަށްފަހު އޭސީ މިލާންގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: މިލާން ޓުވިޓާ

އިޓާލިއަން ސެރިއޭގައި ރޭ ކުޅުނު މެޗުގައި ވާދަވެރި އޭސީ މިލާން އަތުން 4-2 އިން ބަލިވެ، ޔުވެންޓަސް އިން ތާވަލްގެ ކުރީގައި 10 ޕޮއިންޓްގެ ލީޑެއް ނަގަން ލިބުނު ފުރުޞަތު ނަގާލައިފިއެވެ.

ލީގުގައި ރޭ ކުޅުނު މެޗުގައި ލެއްޗޭ އަތުން ލާޒިއޯ ބަލިވުމުން ޔުވެންޓަސް އިން މިލާނާ ދެކޮޅަށް ނިކުތްއިރު ލީޑް ފުޅާކުރުމަށް ލިބުނު ފުރުޞަތު އެ މެޗުން ބަލިވުމުން ގެއްލުނީއެވެ. ރޭގެ ނަތީޖާއާއެކު 31 މެޗުން ލިބިފައިވާ 75 ޕޮއިންޓާއެކު އަދިވެސް އެއްވަނައިގައި އުޅެނީ ޔުވެންޓަސް އެވެ. އޭގެ ހަތް ޕޮއިންޓް ފަހަތުން ދެވަނައިގައި ލާޒިއޯ އޮތްއިރު، އެއް މެޗު މަދުން ކުޅެގެން ތިންވަނައިގައި އޮތް އިންޓަ މިލާނަށް ލިބިފައިވަނީ 64 ޕޮއިންޓެވެ. ހަތަރުވަނައިގައި އޮތް އެޓަލާންޓާ އަށް 30 މެޗުން 63 ޕޮއިންޓް ލިބިފައިވާއިރު، ރޭގެ މެޗުން ހޯދީ މޮޅާއެކު މިލާން ވަނީ 49 ޕޮއިންޓް ހަމަކޮށް ތާވަލްގެ ފަސްވަނަ އަށް ޖެހިލާފައެވެ.

މިލާނުން ރޭގެ މެޗަށް ނިކުތްއިރު ލީގުގައި އެންމެ ފަހުން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ރަށުން ބޭރުގައި ލާޒިއޯ އަތުން 3-0 އިން މޮޅުވި މެޗުގެ ފުރަތަމަ އެގާރައަށް ބަދަލެއް ގެނެސްފައެއްނުވެއެވެ. އެގޮތުން، ރޭގެ މެޗަކީ އަނިޔާއަށް ފަހު ދާދިފަހުން ކުޅުމަށް އެނބުރިއައި ތަޖުރިބާކާރު ފޯވާޑް ޒްލަޓާން އިބްރާހިމޮވިޗް ވިދިވިދިގެން ކުޅުނު ދެވަނަ މެޗެވެ.

ޔުވެންޓަސް އިން ރޭގެ މެޗަށް ނިކުތްއިރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ މިވަގުތު ރަނގަޅު ފޯމެއްގައި ހުރި ޕައޮލޯ ޑިބާލާ އާއި ނެދަލޭންޑްސްގެ ޑިފެންޑަރު މަތައިސް ޑި ލިޓް އަށް ކާޑު ހަމަވުމުގެ ސަބަބުން ނުކުޅެވުމެވެ. އެގޮތުން، ރޭގެ މެޗަށް އެ ޓީމުން ނިކުތީ ލީގުގައި އެންމެ ފަހުން ކުޅުނު ޓިއުރިން ޑާބީގައި ޓޮރީނޯ އަތުން 4-1 އިން މޮޅުވި މެޗުގެ ފުރަތަމަ އެގާރައަށް ތިން ބަދަލެއް ގެނެސްގެންނެވެ. އެގޮތުން، ރޭގެ ކުރީ މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނުނު ޖިއަންލުއިޖީ ބުފޮން އާއި ޑި ލިޓް އަދި ޑިބާލާގެ ބަދަލުގައި ރޭގެ މެޗުން ފުރުޞަތުދީފައިވަނީ ވޮޝިއެކް ޝެޒްނީ އާއި ޑެނިއެލީ ރުގާނީ އަދި ގޮންޒާލޯ ހިގުއައިން އަށެވެ.

އޭސީ މިލާންއާ ދެކޮޅަށް ޔުވެންޓަސް ކުޅުނު މެޗުގެ ތެރެއިން. –ފޮޓޯ: ޔުވެންޓަސް.ކޮމް

މިލާންގެ ސެންސީރޯގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުކުރެން އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބުކުރެވިފައެއްނުވެއެވެ. އެހެންނަމަވެސް، މިލާނުގެ އަލެކްސިސް ސައެލިމޭކާސް އާއި އިބްރާހިމޮވިޗަށް ލަނޑުޖެހުމަށް ލިބުނު ފުރުޞަތުތަކުގައި ފޮނުވާލި ހަމަލާތައް ޔުވެންޓަސްގެ ކީޕަރު ޝެޒްނީ މަތަކުރިއިރު، ޔުވެންޓަސްގެ ހިގުއައިން ފޮނުވާލި ބޯޅަ މިލާންގެ ކީޕަރު ޖިއަންލުއިޖީ ޑޮނަރުއްމާ މަތަކުރިއެވެ.

ރޭގެ މެޗުގެ ދެވަނަ ހާފު ފެށިގެން ދެވަނަ މިނެޓުގައި ޔުވެންޓަސް އަށް ލީޑްނަގައިދިނީ އެޑްރިއެން ރަބިއޯ އެވެ. އޭގެ ހަ މިނެޓުފަހުން އެ ޓީމުގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ނަތިޖާ 2-0 އަށް ބަދަލުކޮށްލާފައެވެ. މިއީ ލީގުގައި ރޮނާލްޑޯ ޖެހި 26 ވަނަ ގޯލެވެ.

ޔުވެންޓަސް އިން ދެލަނޑުގެ ލީޑެއް ނެގުމާއެކު، މިލާނުން ކުޅުން ރަނގަޅުކޮށް ފަސް މިނެޓުގެ ތެރޭގައި ވަނީ ފަހަތުން އަރައި ތިން ލަނޑުޖަހާފައެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު، މެޗުގެ 62 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އިބްރާހިމޮވިޗް އެވެ. މިއީ ޔުވެންޓަސްގެ ކެޕްޓަން ލިއޮނާޑޯ ބޮނޫޗީގެ އުޅަނބޮށީގައި ބޯޅައިން ޖެހުމުން ވީއޭއާރްގެ އެހީ ހޯދުމަށްފަހު ރެފްރި ދިން ޕެނަލްޓީއެކެވެ. އޭގެ ހަތަރު މިނެޓުފަހުން ފްރޭންކް ކެސީ ކާމިޔާބުކުރި ގޯލާއެކު މިލާނުން ނަތީޖާ ހަމަހަމަކުރިއެވެ.

މިލާނުން މި މެޗުގައި ފުރަތަމަ ފަހަރަށް ލިޑްނެގީ މެޗުގެ 67 ވަނަ މިނެޓުގައި، މި ހާފުގައި ކުޅެން ނިކުތް ޕޯޗުގަލްގެ ޒުވާން ކުޅުންތެރިޔާ ރަފައެލް ލިއާއޯ ކާމިޔާބުކުރި ލަނޑުންނެވެ. އޭގެފަހުން، ޔުވެންޓަސް އިން ނަތީޖާ ހަމަހަމަކުރުމަށް ރުގާނީ އަށް ލިބުނު ފުރުޞަތުގައި ބޮލުން ފޮނުވާލި ބޯޅަ މިލާންގެ ކީޕަރު ޑޮނަރުއްމާ މަތަކުރިއެވެ. މެޗު ނިމެން 10 މިނެޓަށްވެފައިވަނިކޮށް، މިލާންގެ ކްރޮއޭޝިއާ ފޯވާޑް އެންޓޭ ރެބިޗް ވަނީ ނަތީޖާ 4-2 އަށް ބަދަލުކޮށްލާފައެވެ. މިއީ ޔުވެންޓަސްގެ ޑިފެންސްލައިންގައި ހިމެނޭ ކުޅުންތެރިންނަށް ހެދުނު ގޯހެއްގެ ފައިދާނަގައި މިލާނުން ކާމިޔާބުކުރި ގޯލެކެވެ.

ލެއްޗޭއާ ދެކޮޅަށް ލާޒިއޯ ކުޅުނު މެޗުގެ ތެރެއިން. –ފޮޓޯ: އޭޕީ

ލީގުގައި ރޭ ކުޅުނު އަނެއް މެޗުގައި ލާޒިއޯ ވަނީ ތާވަލްގެ ފުލުން ތިންވަނައިގައި އޮތް ލެއްޗޭ އަތުން ރަށުން ބޭރުގައި 2-1 އިން ބަލިވެފައެވެ. މި މެޗުގެ ކުރީކޮޅު ލާޒިއޯގެ ފެލިއްޕޭ ކައިސޭޑޯ ކާމިޔާބުކުރި ގޯލުން ލީޑްނަގާފައިވަނިކޮށް، ފުރަތަމަ ހާފު ނިމުމުގެކުރީން ލެއްޗޭގެ ކޫމާ ބާބަކަރް ވަނީ ނަތީޖާ ހަމަހަމަކޮށްދީފައެވެ.

އޭގެފަހުން، ދެވަނަ ހާފުގެ ކުޅުން ފެށިތާ ދެވަނަ މިނެޓުގައި ލެއްޗޭ އަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިނީ ފަބިއޯ ލުޗިއޯނީ އެވެ. ރޭގެ މެޗުގެ އިތުރުވަގުތުގައި ލެއްޗޭގެ ޖިއުލިއޯ ޑޮނާޓީގެ އަތުގައި ދަތްއެޅުމުން ލާޒިއޯގެ ޕެޓްރިޗަށް ވަނީ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ.

މި މުބާރާތުގައި މިރޭ ކުޅޭ މެޗުތަކުގެ ތެރޭގައި، އެޓަލާންޓާއާ ދެކޮޅަށް ސަމްޕްޑޯރިއާ ނިކުންނައިރު، އޭއެސް ރޯމާ ނިކުންނާނީ ޕާމާއާ ދެކޮޅަށެވެ. މި ދެ މެޗުވެސް ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭގަޑިން މިރޭ ދަންވަރު 00:45 ގައެވެ.