English Edition
Dhivehi Edition

ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ އަންނަ އަހަރު ވެސް އެ ޓީމުގައި މަޑުކުރުމަށް އުއްމީދުކުރާކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ބާސެލޯނާ އަށް ކުރިން ކުޅެ އެއަށްފަހު ކޯޗެއްގެ ގޮތުގައި އެ ކްލަބާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ގާޑިއޯލާ މިހެން ބުނެފައިމިވަނީ މެސީ އަންނަ އަހަރު އެ ޓީމު ދޫކޮށްލާނެކަމަށް ސްޕެއިންގެ މީޑިއާގައި ފެތުރެމުންދާ ވާހަކަތަކާ ގުޅޭ ގޮތުން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެމުންނެވެ.

އުމުރުން 33 އަހަރުގެ މެސީ ބާސެލޯނާއާ އެކު އެންމެ ފަހުން 2017 ވަނަ އަހަރު ސޮއިކުރި އެއްބަސްވުން އާ ކުރުމަށް ދެފަރާތުން ބާއްވަމުން އައި މަޝްވަރާތައް ހުއްޓާލާފައިވަނީ އެ ކްލަބުގެ ބޯޑުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހުންތަކެއް ހުރުމުން ނެވެ.

އެގޮތުން، އެންމެ ފަހުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ބާސެލޯނާ ދޫކޮށްލުމަށްފަހު މެސީ ބަދަލުވާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ ކްލަބުތަކުގެ ތެރޭގައި ގާޑިއޯލާގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ސިޓީ ހިމެނޭއިރު، މިކަމާ ގުޅޭ ގޮތުން އޭނާ ބުނީ މިއީ ޓްރާންސްފާ ބާޒާރާ ބެހޭގޮތުން ވާހަކަ ދައްކަން އެންމެ ރަނގަޅު ދަނޑިވަޅެއް ނޫން ކަމަށެވެ.

“މި ސީޒަން ނުނިމެނީސް ޓްރާންސްފާ ބާޒާރުގެ ވާހަކަ ދައްކަން ބޭނުމެއް ނޫން،”

“އަހަރެން އުއްމީދުކުރަނީ ބާސެލޯނާގައި މެސީ މަޑުކުރާނެ ކަމަށް.” ގާޑިއޯލާ ބުންޏެވެ.