އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި ރަށުން ބޭރުގައި ކްރިސްޓަލް ޕެލަސް 3-2 އިން ބަލިކޮށް ޗެލްސީ އިން ތާވަލްގެ ތިން ވަނަ އަށް ޖެހިލައިފި އެވެ.
ރޭގެ ނަތީޖާއާއެކު 34 މެޗުން 60 ޕޮއިންޓް ހަމަކޮށް ޗެލްސީ އިން ތިންވަނަ އަށް ޖެހިލިއިރު، ކުރިން އެ މަގާމުގައި އޮތް ލެސްޓާ ސިޓީ ވަނީ އާސެނަލް އާ އެއްވަރުމުން އޭގެ އެއް ޕޮއިންޓް ފަހަތުން ހަތަރަކަށް ވެއްޓިފައެވެ. އާސެނަލް އުޅެނީ 50 ޕޮއިންޓާއެކު ލީގުގެ ހަތްވަނައިގައެވެ.
ޕެލަސްގެ ސެލްހާސްޓް ޕާކްގައި ރޭ ކުޅުނު މެޗު ފެށިގެން ހަވަނަ މިނެޓުގައި ޗެލްސީ އަށް ލީޑް ނަގައިދިނީ ފްރާންސްގެ ފޯވާޑް އޮލިވިއޭ ޖިރޫ އެވެ. މިއީ އެ ޓީމުގެ ބްރެޒިލް ވިންގާ ވިލިއަން ދިން ބޯޅައަކުން ޖިރޫ ޖެހި ގޯލެކެވެ.
އޭގެ ފަހުން، މެޗުގެ 27 ވަނަ މިނެޓުގައި ޗެލްސީގެ ވިލިއަން ދިން ޕާހަކުން މިވަގުތު ރަނގަޅު ފޯމެއްގައި ހުރި އެމެރިކާގެ ވިންގާ ކްރިސްޓިއަން ޕުލިސިޗް ވަނީ އެ ޓީމަށް ދެލަނޑު ގެ ލީޑެއް ނަގައިދީފައެވެ. އެކަމަކު، އޭގެ ހަތް މިނެޓު ފަހުން ޗެލްސީގެ ޕެނަލްޓީ އޭރިޔާގެ ބޭރުން ފޮނުވާލި ރީތި ހަމަލާއަކުން ވިލްފްރައިޑް ޒާހާ ވަނީ ޕެލަސް އަށް ފަރަގު ކުޑަކޮށްދީފައެވެ.
ޗެލްސީ އިން މެޗުގެ 71 ވަނަ މިނެޓުގައި ޓެމީ އެބްރަހަމް ވައްދާލި ގޯލާއެކު އަލުން ދެ ލަނޑުގެ ލީޑެއްނެގިތާ މިނެޓެއް ފަހުން ޕެލަސްގެ ބެލްޖިއަމް ފޯވާޑް ކްރިސްޓިއަން ބެންޓެކޭ ވަނީ ނަތީޖާ 3-2 އަށް ބަދަލުކޮށްލައި، އެ ޓީމަށް ހާސްކަން ގެނުވާފައެވެ. ނަމަވެސް، ޗެލްސީ އިން ވަނީ ޕެލަސް އިތުރު ގޯލެއް ޖެހިޔަނުދީ މެޗުން ތިން ޕޮއިންޓް ކަށަވަރުކޮށް، ގަދަ ހަތަރެއްގެ އުއްމީދު ބޮޑު ކޮށްފައެވެ.
ލީގުގައި ރޭ އާސެނަލްއާ ދެކޮޅަށް ލެސްޓާ ކުޅުނު މެޗު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ. އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗުގެ ފުރަތަަމަ ހާފުގެ 21 ވަނަ މިނެޓުގައި އެޓީމުގެ ކެޕްޓަން ޕިއޭ-އެމެރިކް އޯބަމަޔަން ލީޑް ނަގައިދީފައިވަނިކޮށް ލެސްޓާ އިން އެއްވަރުކުރީ މެޗު ނިމެން ހަ މިނެޓަކަށް ވެފައިވަނިކޮށް ޖޭމީ ވާޑީ ކާމިޔާބުކުރި ގޯލުންނެވެ.
ރޭގެ މެޗު ފެށިގެން މޮޅަށް ކުޅެމުންދިޔަ އާސެނަލް އަށް މައްސަލަތައް ކުރިމަތިވީ، މެޗުގެ 75 ވަނަ މިނެޓުގައި ލެސްޓާގެ ޖަސްޓިން އަށް ކުރި ފައުލަކަށް ދެވަނަ ހާފުގައި ކުޅެން ނިކުތް ޒުވާން ފޯވާޑް އެޑީ އެންކީޓިއާ އަށް ރެފްރީ ސީދާ ރަތެއް ދައްކާ ދަނޑުން ފޮނުވާލުމުންނެވެ. މިއީ ރަތް ކާޑު ދައްކާވަރުގެ ފައުލެއްކަން ޔަގީންކުރުމަށް ވީއޭއާރްގެ އެހީ ހޯދުމަށްފަހު، އިތުރަށް ކަށަވަރުކުރީ ޓަޗްލައިން ކައިރީގައި ހުރި މޮނީޓަރުން ބެލުމަށްފަހުއެވެ.
މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި ވަޓްފޯޑް ވަނީ އަމިއްލަ ދަނޑުގައި 2-1 އިން ލީގުގެ އެންމެ ފުލުގައި އޮތް ނޯވިޗް ސިޓީ ބަލިކޮށް ރެލިގޭޝަނާ ދުރަށް ޖެހިލުމުގެ ފުރުޞަތު ބޮޑު ކޮށްފައެވެ. އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ ކްރެއިގް ޑޯސަން އާއި ޑެނީ ވެލްބެކް އެވެ. ނޯވިޗްގެ ހަމައެކަނި ލަނޑުޖަހައިދިނީ އެމިލިއާނޯ ބުއެންޑިއާއެވެ.